ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ވިޔަފާރިކުރުމުގައި އުޅުނު ސީރިއާ މީހަކާއި ޖޯޑަން މީހަކު ޑީޕޯޓްކުރަން ނިންމައިފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލަ ބެލީ އާންމުންގެ ފަރާތުން ލިބިފައިވާ ސަކުވާތަކާ ގުޅިގެން ކަމަށެވެ. އެގޮތުން އެ ދެ މީހުންނަކީ ޓޫރިސްޓު ވިސާއާ ހިލާފުވެ، ރާއްޖޭގައި ވިޔަފާރިކުރުމަށް އުޅުނު ދެ މީހުން ކަމަށާއި އެ މީހުންނަކީ ގަވާއިދާ ހިލާފަށް އާންމު ތަންތަނުގައި ދިރިއުޅެމުން އަންނަ ދެ މީހުން ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ހިފަހައްޓާފައި ވަނީ ސީރިއާގެ 19 އަހަރުގެ އަންހެނަކާއި ޖޯޑަންގެ 24 އަހަރުގެ ފިރިހެނެކެވެ.

އިމިގްރޭޝަނުން ބުނީ އެ ދެ މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ މިގޮތަށް ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް އެ އިދާރާއަށް ރިޕޯޓްކުރުމަށް އެދިފައެވެ.

ޓޫރިސްޓް ވިސާގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ދެ މީހުން ޑީޕޯޓް ކޮށްލަން ނިންމާފައިވާ އިރު، ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވެ، މާލެ ތެރޭގައި ވިޔަފާރިކޮށް، އާއްމު ތަންތަނުގައި ނިދައި އުޅުނު ޗައިނާގެ ޓޫރިސްޓަކު ވެސް އިމިގްރޭޝަނުން ވަނީ މިދިޔަ މަހު ހިފަހައްޓައިފައެވެ.