ޕާކިސްތާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ފައިސަލް ރަސުލް ލޯދި، ސަފީރު ކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް (ރިޓަޔާޑް) ފައިސަލް ރަސުލް ލޯދި ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޕާކިސްތާނުގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން ރައީސް ވަނީ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ވިދާޅުވެފައި ކަމަށެވެ.

އެއަށްފަހު އާ ސަފީރާއި ރައީސް ވަނީ ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ އާ ސަފީރު ވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ މެދު ރައީސް ޑރ. މުއިއްޒާއި ރާއްޖެއިން ގެންގުޅުއްވާ ސިޔާސަތަށް ތައުރީފުކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.