އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރު މަރުގެ މައްސަލައިގައި ދެ ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފިއެވެ.

ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި އަތުހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓައި އަމިއްލައަށް ދަންޖެހެން ކުރި މަސައްކަތަށް ފަހު ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ މަހުގެ ދެވަނަ ދުވަހުއެވެ.

އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު، ރާއްޖެ ގެނެސްފައިވަނީ އެ މަހުގެ 8 ވަނަ ދުވަހުއެވެ. އަތުހަރު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ވަނީ ސެޕްޓެމްބަރުމަހުގެ ދެވަނަ ދުވަހުން ފެށިގެން ތަހުގީގު ކުރަން ފަށައިފައެވެ.

އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އަތުހަރުގެ މަރުގެ މައްސަލައާ ގުޅިގެން ދެ ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލު ހާމައެއް ނުކުރައްވައެވެ.

އަތުހަރުގެ މަރުގެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ގައި އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ އަތުހަރު މަރުވީ، ދަންޖެހިގެން ކަމަށް ޕޯސްޓްޕޯޓަމްގެ ރިޕޯޓުން ދައްކާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ. ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ އެއީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލައެއް ކަމަށް ވާތީއެވެ.

ކަރުގައި ވަޅި ޖައްސައިގެން އަތުހަރު ވަނީ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށްފައެވެ. އަތުހަރު މަސައްކަތް ކުރީ އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލުމަށެވެ. ރަހީނު ކުރުމުން، އަންހެން މީހާ ސަލާމަތްކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަންހެންމީހާ ދުއްވަން އިން ސައިކަލު މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާދިނުމުން އަނިޔާވިއެވެ.

މުގުރުން އޭނާގެ ބޮލުގައި ޖެހުމުގެ ސަބަބުން ބޮލަށް ވަނީ އަނިޔާވެފައެވެ. އެހެންވެ އޭނާއަށް ފަރުވާދިނުމަށް އޭޑީކޭއަށް ގެންދިޔައެވެ. ފަރުވާއަށްފަހު ދޫކޮށްލުމުން ފުލުހުން ވަނީ އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭނާގެ ހާލު ސީރިއަސްވެ ހޮޑުލާތީ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އައިޖީއެމްއެޗުން އޭނާ ދޫކޮށްލުމުން ފުލުހުން ވަނީ އަތުހަރު ހައްޔަރުކޮށްފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އަތުހަރާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު ޖެހުނީ ފައިސާގެ މައްސަލަތަކެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އަތުހަރަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އަދި ބައެއް ކުށްތަކުގެ ރެކޯޑު އޭނާގެ އޮވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަތުހަރު ދަން ޖެހިފައި ހުއްޓައި ފެނުނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ 7:02 ގައެވެ. އަދި އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ އޭގެ 23 މިނެޓު ފަހުން ކަމަށް ވެސް ބުންޏެވެ. އޭނާ މަރުވީ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ހަވީރު 4:08 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަތުހަރުގެ މަރާ ގުޅިގެން ސެޕްޓެމްބަރުމަހުގެ ތިންވަނަ ދުވަހު، ހޯމްލޭންޑް މިނިސްޓްރީން އިސްކަންދަރު ކޮށީގައި، އަތުހަރު ގޮޅީގައި ދަންޖެހޭތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ނޫސްވެރިންނަށް ދައްކައިފައިވެއެވެ. އަތުހަރު ދަންޖެހިފައި ހުއްޓައި ފުލުހުންނަށް ފެނުނީ ސީސީޓީވީންނެވެ. އަދި އެ ވީޑިއޯއިން ފެންނަ ގޮތުގައި، އޭނާ ދަންޖެހިފައި ހުއްޓައި އޮފިސަރުންނަށް ފެނުނީ 30 ވަރަކަށް މިނެޓު ފަހުންނެވެ.