ފުލުހުންގެ ކާރެއް ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މަންޒަރު ދުށް ފަރާތްތައް ހޯދަން ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ 2024 ޑިސެންބަރު 27 ވަނަ ދުވަހުގެ 01:45 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުށް ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުށް ފަރާތެއް ވާނަމަ، ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗުގެ އައިސީޔޫގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން މިދިޔަ ޑިސެމްބަރުމަހުގެ 27 ގައި ބުނެފައިވަނީ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަކީ ލައިސަންސް ހިފަހައްޓައިފައިވާ ފަރާތެއް ކަމަށެވެ.

"މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން އެ ގާނޫނުގެ ދަށުން 2024 ޑިސެމްބަރު 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓައިފައިވާ މީހެކެވެ،" ފުލުހުން ބުނެފައިވެއެވެ.

"މި އެކްސިޑެންޓު ހިންގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގު ތެރެއިން މި ގެންދަނީ ބަލަމުންނެވެ،"

އެފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ ފުލުހުންގެ މުއައްސަސާގެ ފަރާތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.