ލިވަޕޫލާއެކު މިހާރު ވެފައިވާ އެއްބަސްވުން އާކުރުމަށް އިތުރު މަޝްވަރާއެއް ނުކުރެވޭ ކަމަށާއި، އެކަން އޮތީ ވަރަށް ދުރުގައި ކަމަށް އެޓީމުގެ މިސްރު ތަރި، މުހައްމަދު ސަލާހް ބުނެފިއެވެ.
އުމުރުން 32 އަހަރުގެ ސަލާހަކީ މިހާތަނަށް މި ސީޒަނުގައިވެސް ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ. މި ސީޒަނުގެ ލީގުގައި ކުޅުނު 18 މެޗުގައި ސަލާހް، 17 ގޯލު ޖަހައި 13 އެސިސްޓް ފުރިހަމަ ކޮށްފައިވާ އިރު، އޭނާ ވަނީ މި ސީޒަނުގެ 8 މެޗެއްގައި ގޯލު ޖަހައި އެސިސްޓް ކޮށްފައެވެ. އެއީ ތާރީހީ ރެކޯޑެކެވެ.
ސީޒަނުގެ ނިޔަލަށް ސަލާހުގެ އެއްބަސްވުން ހަމަވާންދާ އިރު، ލިވަޕޫލުން އެކަމުގައި މަޝްވަރާކުރުން ލަސްކުރާތީ ސަލާހް ވަނީ މީގެ ކުރިން މީޑިއާއަށް ނުރުހުން ފާޅުކޮށްފައެވެ. އެ ވާހަކަތަކާއެކުވެސް ސަލާހް ފޯމު ދަމަހައްޓަމުންދާ އިރު، އިއްޔެ އޭނާ ބުނީ މިހާރު ހުރީ ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާ ގޮތަށް ކަމަށެވެ.
"މިހާރު ހުރި ހާލަތުން ލިވަޕޫލް ދޫކޮށްލާނަން. މިހާރު މިއީ އެއްބަސްވުމުގެ އެންމެ ފަހު ހަ މަސް. އެހެންވީމަ މަޝްވަރާ ކުރެވެމުން ނުދާނަމަ އެއީ ކްލަބު ދޫކޮށްލަންވީ. އެއްވެސް ކުރިއެރުމެއް އެކަމުގައި ނުލިބޭ. އެއްބަސްވުން އާކުރުން އޮތީ ވަރަށް ދުރުގައި،" ސަލާހް ސްކައި ސްޕޯޓްސްއަށް ބުންޏެވެ.
ސަލާހް ބުނީ މިވަގުތު އޭނާވެސް ހުރީ ކެތްތެރިކަމާއެކު މަޑުކޮށްގެން ކަމަށާއި، މިއީ ފަހު ސީޒަން ކަމަށްވާނަމަ، ކްލަބާ އަލްވަދާއު ކިޔަން ބޭނުންވަނީ ހާއްސަ ކާމިޔާބީތަކަކަށްފަހުގައި ކަމަށެވެ.
ރޯމާއިން 2017 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ސަލާހް، މިދިޔަ އަށް ވަރަކަށް ސީޒަނުގައި އެ ކްލަބަށް ތަފާތު ދައްކަމުންދާ އިރު، ސަލާހަށް އެއްބަސްވުމެއް ނުދީ ލަސްކުރާތީ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ހަބަރުތައް ބުނާ ގޮތުގައި ސަލާހާއި ލިވަޕޫލަށް އެއްބަސްވުން އާކުރަން އޮތް އެންމެ ބޮޑު ހުރަހަކީ ސަލާހް މުސާރައަށް ކުރާ ޑިމާންޑް ބޮޑުވުމެވެ.
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު