ސްޕެނިޝް ލަ ލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ވެލެންސިއާ ބަލިކޮށް، ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އެންމެފަހުގެ ޗެމްޕިއަން މިފަހަރުގެ ސީޒަން ދަށް ފޯމެއްގައި ފެށި ނަމަވެސް، އެ ފޯމު ރަނގަޅުކޮށް މިހާރު އަންނަނީ ނަތީޖާ ނެރެމުންނެވެ. ރޭ ރަށުން ބޭރުގައި 2-1 އިން ވެލެންސިއާ ބަލިކޮށްފައިވާ އިރު، ރެއާލް އެއްވަނައަށް ޖެހިލީ 19 މެޗުން 43 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 18 މެޗުން 41 ޕޮއިންޓް ލިބިފައިވާ އިރު، ރެއާލްއާ އެއްވަރަށް މެޗު ކުޅެފައިވާ ބާސެލޯނާ ތިންވަނައިގައި އޮތީ 38 ޕޮއިންޓާއެކުގައެވެ.

ރޭ ރެއާލުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗަކީ ޑްރާމާ ބޮޑު މެޗެކެވެ. އާ ކޯޗު ކާލޯސް ކޯބެރަންއާއެކު މެޗަށް ނުކުތް ވެލެންސިއާއިން ރެއާލަށް ވަރުގަދަ ޗެލެންޖެއް ދީފައިވާ އިރު، ރެއާލް މެޗު އަނބުރާލީ ފަހަތުން އަރައެވެ. ނަތީޖާ އަނބުރާލުމަށް ކުރި މަސައްކަތުގައި އެޓީމުގެ ދެވަނަ ގޯލު ފެނުނީވެސް މެޗުގެ އެންމެ ފަހު މިނެޓުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާއިން ލީޑު ނެގީ ހޫގޯ ޑޫރޯ ޖެހި ގޯލުންނެވެ. އެ ގޯލަކީ ހާވީ ގުއޭރާ ފޮނުވާލި ބާރު ހަމަލާ، ރެއާލް ގޯލްކީޕަރު ތީބޯ ކޯޓުއާ އަތުގައި ޖެހިފައި ރީބައުންސްގައި ޑޫރޯ ޖެހި ގޯލެކެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ރެއާލަށް ޕެނަލްޓީއެއް ލިބި ނާކާމިޔާބުވީ ޖޫޑް ބެލިންހަމް އަތުންނެވެ. އެ ޕެނަލްޓީއަކީ ކިލިއަން އެމްބާޕޭއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެެވެ. ބެލިންހަމް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ.

އޭގެފަހުން މެޗުގެ 79 ވަނަ މިނެޓުގައި، ބޯޅަ ނެތި ވިނީޝިއަސް ޖޫނިއާ، ވެލެންސިއާ ކީޕަރު ސްޓޯލް ޑިމިޓްރިއެވްސްކީ ކޮއްޕާލުމުން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކައިފައެވެ. އެއީ ވީއޭއާރް ބެލުމަށްފަހުއެވެ.

ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ރެއާލުން 85 ވަނަ މިނެޓުގައި އެއްވަރުކޮށްފައިވާ އިރު، އެ ގޯލު ޖެހީ ބެލިންހަމްގެ ޕާހަކުން ލޫކާ މޮޑްރިޗެވެ. ބަދަލަކަށް ނުކުމެ މޮޑްރިޗް ޖެހި ގޯލުން ހިތްވަރު ހޯދި ރެއާލުން މެޗުން މޮޅުވީ 95 ވަނަ މިނެޓުގައި ބެލިންހަމް ޖެހި ގޯލުންނެވެ.