މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދު މާލެއަށް ބޯކޮށް ވާރޭ ވެހި މުޅި މާލޭގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތުގެ ތެރެއިން 10،000 އެއްހާ ޓަންގެ ފެން މާލެއިން ބޭރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ މާލޭގެ ހަ ސަރަހައްދެއްގައި ޕަމްޕުތައް ބަހައްޓައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ވެސްޓް ޕާކް ސަރަހައްދުގައި ފަސް ޕަމްޕާއި އައިޖީއެމްއެޗު ސަރަހައްދުގައި ފަސް ޕަމްޕާއި ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގައި ތިން ޕަމްޕާއި ބޮޑު ވަޅާއި މާފަންނު ފެރީ ޓާމިނަލް އަދި ދިވެހިރާއްޖޭގެ އަޑު ސަރަހައްދުގައި ޕަމްޕެއް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފެން ހިންދުމުގެ މަސައްކަތުގެ ތެރެއިން މިރޭ 8:30 އާ ހަމައަށް މުޅި މާލެއިން 9،917 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އެގޮތުން ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެހީއަށް އެދި 400 ކޯލް ލިބުނު ކަމަށެވެ. އެހީއަށް އެދި ގިނަ މީހުން ގުޅައިފައިވަނީ ފެންބޮޑުވުމާ ގުޅިގެން ވެލި ބަސްތާ ޖެހުމަށާއި އެ ނޫން ވެސް އެކި ކަންކަމުގައި ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ރެޕިޑް އެސެސްމަންޓް ހެދުމަށް ފަހު އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ 35 ގޭގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ. އަދި މި ގެތަކުގައި ހިމެނޭ މީހުންގެ ތެރެއިން އެހެން ތަންތަނަށް ބަދަލުކުރަން ޖެހޭ މީހުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންން ކަމަށެވެ.
ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ އެލާޓް ނެރެފަ އެވެ. އޭގެ ތެރެއިން، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅުގެ ހިސާބަށް ހުދު އެލާޓް އަދި ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މެޓުން ވަނީ މިރޭ 11:00 ޖަހަންދެން އޮރެންޖް އެލާޓް ނެރެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު