ގައުމީ އެއާލައިން، މޯލްޑިިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓަށް މަރުހަބާ ކިޔުމަށް އެއާ ޝޯއެއް ބޭއްވުމަށް ނިންމައިފިއެވެ.
މޯލްޑިިވިއަނުން މިއަދު ބުނީ އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ330 އަށް މަރުހަބާ ކިޔުމަށް ހާއްސަ އެއާ ޝޯއެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި އެ ޝޯ ކުރިއަށްގެންދާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ.
އެ އެއާ ޝޯ ކުރިއަށްގެންދަން ނިންމާފައިވަނީ މާލެ އަދި ހުޅުމާލޭގައެވެ. ޝޯ ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 17:00 އިން 17:30 އަށް މާލޭގެ އުސްފަސްގަނޑުގައާއި ހުޅުމާލެ އެކެއް އަދި ދޭއްގެ އިރުމަތީ ފަރާތު ބީޗު ސަރަހައްދުގައެވެ.
ރާއްޖޭން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މޯލްޑިވިއަން އިން ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން އެހީތެރިވަނީ ސަރުކާރުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ ފައިސާ، ފިނޭންސް މިނިސްޓްރީގެ ތެރެއިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ހަމަޖައްސައިދިނުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.
އެއާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު މޯލްޑިވިއަން އިން ވަނީ އެއާބަސް އޭ330-200ގެ މަތިންދާބޯޓެއް ކުއްޔަށް ހޯދަން އިއުލާންކޮށްފައެވެ. އެއީ 406 ސީޓު ހަރުކުރެވޭ، އަދި 7،250 ނޯޓިކަލް މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. އެ ބޯޓު ކުއްޔަށް ނަގަން ނިންމާފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
އަންނަ މަހު ފަށާ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ސީދާ ދަތުރުތައް ޗައިނާގެ ސަރަހައްދުތަކަށް ކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ރާއްޖެއިން ޗައިނާގެ ބެއިޖިން، ޝަންހާއީ، ޗަންގްޑޫ އަދި ޝިއާންއަށް އަންނަ މަހު ސީދާ ދަތުރުތައް ކުރުމަށް މޯލްޑިވިއަނުން ވަނީ އިއުލާންކޮށްފައެވެ.
މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތަކުގައި ކުރިން ބޭންކުރަމުން އައީ އެއާބަސް އޭ321 އަދި އެއާބަސް އޭ320 ގެ ދެ ބޯޓެވެ. އޭގެ ތެރެއިން އެއާބަސް އޭ321 މަރުކާގެ ބޯޓުގެ މެއިންޓަނެންސްގެ ހަރަދު ބޮޑުވާތީ، އެ ބޯޓުގެ ލީސްގެ މުއްދަތު އިތުރުނުކޮށް، މޯލްޑިވިއަން އިން ވަނީ އެ ބޯޓު ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު