އަންނަ އަހަރު ރާއްޖެއަށް ޓޫރިޒަމް އާމްދަނީގެ ގޮތުގައި ފަސް ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، ދެ މިލިއަން ފަތުރުވެރިންނާއެކު މިއަހަރަކީ 11 އަހަރުގެ ތެރޭ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރު ކަމަށެވެ.

"އަންނަ އަހަރުގެ އެމްއެމްޕީއާރުސީގެ އަމާޒަކީ ރާއްޖެއަށް ފަސް މިލިއަން ޑޮލަރު ވެއްދުން،" ޝިއުރީ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ބޮޑަށް ހަރަދުކޮށްފައިވާނީ ފެއާތައް ބޭއްވުމަށާއި އެކަންކަން އިންތިޒާމުކުރުމަށް ކަމަށެވެ. ނަމަވެސް އަންނަ އަހަރު ބޮޑަށް ފޯކަސް ކުރާނީ ވީހާވެސް ގިނަ ހަފުތާތަކަށް ބަހާލައިގެން ކެމްޕެއިންތައް ހިންގުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބަލަނީ ކެމްޕެއިންތަކަށް، މީޑިއާ ކެމްޕެއިންސް. މެޓާއާއި އަލްފަބެޓްއާ ގުޅިގެންވެސް ކެމްޕޭންތަކެއް. އިންސްޓާގްރާމުގައި 'ވިންޓާ އިސް ބްލޫ' އިން އެއްމަސްތެރޭގައި 22 މިލިޔަން ޔުނިކް އިންޕްރެޝަންސް ލިބުނު. އޭގެ އިތުރުން އިންޓާނޭޝަނަލް ޑިޖިޓަލް މާކެޓުތަކެއްވެސް ޖެނުއަރީގައި ފެނިގެންދާނެ،" ގިޔާސް ވިދާޅުވިއެވެ.

  • 23 ފެއާ އާއި ރޯޑްޝޯ، 15 ސޯޝަލް މީޑިއާ ކެމްޕޭން، 23 ވާޗުއަލް އިވެންޓްތައް.
  • އެމްއެމްޕީއާރުސީގެ މުހިންމު ގިނަ މާކެޓްތަކަކަށް ރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކާލުމަށް ކުރިއަށްގެންދިޔަ 'ޑިސްކަވާ މޯލްޑިވްސް ވެބިނާ ސީރީޒް'.
  • އައިޓީބީ ބާލިން 2024 އާއި އޭޓީއެމް ދުބާއީ 2024 ގައި ބައިވެރިވި (މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަންދޫބުންގެ އެންމެ ބޮޑު ވަފުދެއް ބައިވެރިވި ފަހަރު).
  • ރާއްޖެއިން ފުރަތަމަ ފަހަރަށް އައިޓީބީ ޗައިނާގެ ހޯސްޓް ޑެސްޓިނޭޝަންގެ ގޮތުގައި ތަމްސީލުކޮށް، ޗައިނާގެ މުހިންމު މާކެޓުގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ފުޅާކުރި.
  • އަހަރު ފެށޭ އެންމެ މަގުބޫލު އެއް ގްލޯބަލް ކެމްޕޭން ކަމަށްވާ 'ދަ ވޯލްޑްސް ބިގަސްޓް ގިވްއަވޭ 2025' އެމްއެމްޕީއާރުސީން ޑަބްލިއުޓީއެމް ލަންޑަންގައި އިއުލާންކުރި.
  • އެމްއެމްޕީއާރުސީން ބޭއްވި ފުރަތަމަ ޑޭޓާ ފޯރަމް ވެގެންދިޔައީ މިހާތަނަށް އިރުދެކުނު އޭޝިއާ ސަރަހައްދުގައި ބޭއްވި އެންމެ ބޮޑު ޑޭޓާ ފޯރަމަށް.
  • ފްލިގީ، ވެއިޖިން ޕޭ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވިއަން އެއާލައިންސް އަދި އޭޑީކޭ ހޮސްޕިޓަލާއެކު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރި (ފަތުރުވެރިކަމާއި އަދި ގުޅުންހުރި ދާއިރާއިން ދަތުރުކުރުމުގެ ތަޖުރިބާ އިތުރުކުރުމަށް).
  • އިތުރު އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާއި ރީޓެއިލް ބްރޭންޑްތަކާއެކު ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާކުރަމަށް މަސައްކަތްކުރި.
  • ވިޒިޓް މޯލްޑިވްސް އިން އާ ސްޓްރެޓެޖީގައި ވީޑިއޯ ޑިޖިޓަލް ކެމްޕޭންތަކަށް ސަމާލުކަމެއް ދީގެން ކޮންޓެންޓް އުފެއްދުމާއި ބެހުމަށް ބާރު އެޅުން.
  • ވިޒިޓް ސްޓްރެޓެޖިކް އެޕްރޯޗެއް ތައާރަފްކޮށް، ސަގާފީ ޓްރޭޑް ޝޯތަކުން ފޯކަސް ބަދަލުކޮށް، ކޮންވާޝަން ޑްރިވަން މާކެޓިން ހަރަކާތްތަކަށް ބަދަލުކުރަން ނިންމުން.
  • ބްރޭންޑް މާޗަންޑައިޒް ވިއްކުމުގެ އާ ޕްލެޓްފޯމެއް ކަމަށްވާ ވިޒިޓް މޯލްޑިވްސް ޝޮޕް ލޯންޗުކުރުން.
  • ވިޒިޓް މޯލްޑިވްސް ކަލަންޑަރުގެ ދަށުން ރާއްޖޭގައި ހިނގަމުންދާ ހުރިހާ އިވެންޓްތަކެއްގެ މައުލޫމާތުތައް ހިމެނޭ ސެންޓްރަލައިޒްޑް ހަބެއް ގާއިމުކުރުން.
  • ވިޒިޓް މޯލްޑިވްސް އެކަޑަމީއެއް ގާއިމުކޮށް ސިނާއަތުގެ އިލްމު އިތުރުކުރުމަށާއި ޑެސްޓިނޭޝަން ސްޕެޝަލިސްޓް ސެޓްފިކެޓް ދިނުމަށް ފަރުމާކޮށްފައިވާ ތައުލީމީ ޕްރޮގްރާމުތައް ކުރިއަށްގެންދިއުން.
  • ވިޒިޓް މޯލްޑިވްސް ޑޭޓާ ޑޭޝްބޯޑުން އިންޑަސްޓްރީގެ އިންސައިޓްސް އާއި އެނަލިޓިކްސްއަށް މަރުކަޒީ ޕްލެޓްފޯމެއް ގާއިމުކޮށް، ގްލޯބަލް ޑޭޓާ ލީޑަރުންނާއި ޕާޓްނާޝިޕް ހަދައިގެން ފުރިހަމަ ޑޭޓާ ފޯރުކޮށްދިނުމަށް މަސައްކަތްކުރުން.
  • ރާއްޖޭގެ ގްލޯބަލް ޕްރެޒެންސް އިތުރަށް ކުރިއަރުވަން ވިޒިޓް މޯލްޑިވްސް އިން މުހިންމު މާކެޓްތަކުގައި "ވިޒިޓް މޯލްޑިވްސް ވީކް" ފެށުމަށް ނިންމުން.