ރެސްޓޯރެންޓަކުން ވައްކަން ކުރި މައްސަލައެއް ސާބިތުވެ ގޭބަންދަށް ހުކުމްކޮށްފައިވާ މީހަކު ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. މީދޫ، ބުލްބުލްގެ، އަޒްމީލް މުހައްމަދު (40އ) ކަމަށެވެ.

އަޒްމީލް ވަނީ ރޭ ފަތިހު 4:00 އެހާކަންހާއިރު "ސްޕައި އެންޑް ޓެކް" ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރުމުން ފިހާރައިން ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ފަސް ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ބަންދަށް ޖަހައިދީފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަޒްމީލްއަކީ 2024 އޮކްޓޫބަރު 6 ވަނަ ދުވަހުގެ ވަގުތެއްގައި "ކްރޭވެސް ޓޭކްއަވޭ" ރެސްޓޯރަންޓުން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ކުށް ސާބިތުވެ، ފަސް މަހާއި 22 ދުވަހަށް ގޭބަންދު ކުރުމަށް މިއަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެއް ކަމަށެވެ.

އޭނާއަކީ މީގެކުރިން އެކި މައްސަލަތަކާ ގުޅިގެން 59 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ، މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.