ބާސެލޯނާއަށް މި ސީޒަނަށް ގެންދިޔަ ސްޕެއިންގެ ތަރި ޑެނީ އޮލްމޯއަށް ސީޒަނުގެ ފަހު ބައިގައި ނުކުޅެވިދާނެކަމުގެ ބިރު ހީވެއްޖެއެވެ.
ބާސާގެ ފައިސާގެ ހާލަތު ހުރި ގޮތުން، އެޓީމަށް އަލަށް ގެންދާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް އަބަދުވެސް އުނދަގޫތަކާ ދިމާވެއެވެ. އެއީ އެ ކްލަބުގެ މުސާރަތައް ވަކި އަދަދެއްގައި ހިފަހައްޓަން ޖެހޭތީއެވެ.
އޮލްމޯ، 26، ޖަރުމަނުގެ އާރްބީ ލެއިޕްޒިގުން ބާސާއާ ގުޅިފައި ވަނީ 51 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އޮލްމޯ ބާސާއަށް ގެންގޮސް، އެ ކްލަބުން އޭނާ ވަގުތީ ގޮތުން ރަޖިސްޓާ ކުރީ ސީޒަނުގެ ފުރަތަމަ ބަޔަށެވެ. އެއީ ޖެނުއަރީ އެއްވަނަ ދުވަހާ ހަމައަށެވެ.
ބާސާއިން އޮލްމޯގެ ރަޖިސްޓްރޭޝަނަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތުގައި، އެޓީމުން ހުށަހެޅީ ވަގުތު ގޮތުން އުސޫލަށް ނުބަލައި ސީޒަން ނިމެންދެން އޮލްމޯ ރަޖިސްޓްރީ ކޮށްދިނުމަށެވެ. އެއީ ސީޒަނަށްފަހު ކްލަބުގެ ފައިދާ އިތުރުކޮށް، މުސާރައިގެ އުސޫލަށް ފައްތާނެ ކަމަށް އެއްބަސްވެގެންނެވެ.
އެގޮތަށް ބާސާއިން އެދުނު ނަމަވެސް، އެކަމަށް ލަލީގާއިން ވަނީ އިންކާރު ކޮށްފައެވެ. އެކަމަށް ލަލީގާއިން އިންކާރު ކުރުމުން ބާސާއިން ވަނީ ސްޕެއިންގެ ކޮމާޝަލް ކޯޓުގައި އެ ނިންމުން އިސްތިއުނާފު ކޮށްފައެވެ. އެހެން ނަމަވެސް ކޯޓުން ނިންމީ ބާސާއާ ދެކޮޅަށެވެ.
އެ ނިންމުމަށް ބާސާއިން މަރުހަބާ ކިޔާފައިވާ އިރު، ބާސާއިން ވަނީ މަތީ ކޯޓުގައިވެސް އެ ނިންމުން އިސްތިއުނާފުކުރަން ނިންމައިފައެވެ. އޮލްމޯގެ ރަޖިސްޓްރީ ނިންމަން ބާސާއަށް ދެން އޮތީ މަދު ދުވަސްކޮޅެކެވެ. އެއީ މި މަހުގެ ނިޔަލަށެވެ.
ސީޒަނުގެ މިހާތަނަށް އޮލްމޯ ވަނީ 15 މެޗު ކުޅެ، ހަ ގޯލުވެސް ޖަހައިފައެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ