ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.އެ އަމާޒު ހާސިލްވެ ރާއްޖޭގެ ފަތުރުވެރިކަމުގެ އާ ރެކޯޑެއް މިއަދު މިވަނީ ހަދައިފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓުރިއާގެ އަންހެނެކެވެ.
ފިރިމީހާ އާއި ދެ ކުދިންނާ އެކު ރާއްޖެ އައި އެ އަންހެން މީހާއަށް އެމްއެމްޕީއާރުސީ އާއި ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި މޯލްޑިވްސް އިމިގްރޭޝަން އަދި ކަސްޓަމްސް ސާވިސް ވަނީ އެ ޓޫރިސްޓަށް ހާއްސަ ހަދިޔާއެއް ދީފައެވެ. އަދި ސާއި ލެގޫން މޯލްޑިވްސް ރިސޯޓުގައި ހަ ދުވަހުގެ ޕެކޭޖެއްގެ ވެސް ވަނީ ދީފައެވެ.
އޭނާ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ބޮޑުބެރުގެ ހަރަކާތްތަކާއި ސަފާގީ ނެށުންތަކާ އެކު އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އޭނާއަށް މަރުހަބާ ކިޔަން ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ އިތުރުން ކަމާބެހޭ އެކި އިދާރާތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒު ހާސިލްވެފައިވާ އިރު، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު