ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު އަމުރުކުރެއްވުމާ ގުޅިގެން މައްސަލައިގެ ތަހުގީގަށް މަގުފަހިކުރުމުގެ ގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވަޒީފާއިން ވަކިކުރި 15 މުވައްޒަފުންނަށް އަލުން ވަޒީފާދީފިއެވެ.
އެޗްޑީސީގެ އިސް މަގާމުތަކެއްގައި ތިއްބެވި އެ 15 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ މިމަހުގެ 22 ގައެވެ.
އެޗްޑީސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރެއިން ފުލުހުންނާއި އޭސީސީން ބަލަމުންދާ މައްސަލައާ ގުޅުން ނެތް މީހުންގެ ވަޒީފާތައް އިއާދަކުރަމުންދާ ކަމަށެވެ.
"ވަޒީފާ ހަމަ ޖެހުނު މީހުން ވެސް ތިބީ ސަސްޕެންޝަންގައި އެކަމަކު،" އޮފިޝަލް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް ގޯތިދިން ކަމަށް ތުހުމަތުވާ މައްސަލައިގައި އޭސީސީން ވަނީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. ފަޒުލް ވަނީ ބިންވެރިޔާ ސްކީމުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ ބޭފުޅުން ސަސްޕެންޑު ކުރިއެވެ. ނަމަވެސް ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކުންފުންޏަށް އާ މެނޭޖިން ޑިރެކްޓަރު އައްޔަންކޮށްފައިވާތީ ބޯޑު މެންބަރުންގެ ސަސްޕެންޝަން ވަނީ އުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު