ފީފާއިން އަލަށް ތައާރަފުކޮށް ބާއްވަން މަސައްކަތް ކުރަމުން އަންނަ މުޅީން އާ ފޯމެޓްގެ ކްލަބު ވޯލްޑް ކަޕް 2025 ހުޅުވާ މެޗަށް ޓިކެޓް ވިކޭ އަދަދު މަދު ކަމަށް އިތުބާރު ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

އާ ފޯމެޓްގެ ކްލަބު ވޯލްޑް ކަޕްގައި ޖުމުލަ 32 ޓީމުން ވާދަކުރާނެއެވެ. މީގެ ކުރިން ހަ ބައްރުގެ ޗެމްޕިއަނުންނާއި ހޯސްޓް ގައުމުގެ ޗެމްޕިއަން ކްލަބުން އެކަނި ކުޅޭ މުބާރާތެއްގެ ގޮތުގައި ކްލަބު ވޯލްޑް ކަޕް ބާއްވަމުން އައި ނަމަވެސް، މިފަހަރު ފީފާއިން ވަނީ ކްލަބު ވޯލްޑް ކަޕަކީ ކްލަބުތަކުން ސީޒަނަށްފަހު ވާދަކުރަން ޖެހޭ ބޮޑު މުބާރާތަކަށް ހަދާފައެވެ. ދެން ކްލަބު ވޯލްޑް ކަޕް އޮންނާނީވެސް ހަތަރު އަހަރުން އެއް އަހަރުއެވެ.

ދާދިފަހުން ކްލަބު ވޯލްޑް ކަޕްގެ ގުރު ނަގާފައިވާ އިރު، މުބާރާތް ހުޅުވާނީ ހޯސްޓް ގައުމަށް ލިބޭ ފުރުސަތުގައި ވާދަކުރާ އިންޓަ މިއާމީއާއި މިސްރުގެ ވަރުގަދަ ކްލަބު އަލް އަހްލީއެވެ.

މުބާރާތް ހުޅުވާ މެޗު، އަންނަ އަހަރު ޖުލައި 14 ވަނަ ދުވަހު ލިއޮނަލް މެސީ ކުޅެމުން އަންނަ އިންޓަ މިއާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ މެޗަށް ޓިކެޓް ވިއްކަން ފަށާފައި ވަނީ ހުކުރު ދުވަހުއެވެ. އެ މެޗަށް ޓިކެޓް ވިއްކަމުން އަންނަނީ ސްޓޭޑިއަމްގެ 31 ސަރަހައްދަކަށް ބަހާލައިގެންނެވެ.

އިއްޔެއާ ޖެހެންދެންވެސް އެމެޗުގެ 100 އަށްވުރެ ގިނަ ޓިކެޓް ނުވިކި އޮތް އިރު، ހުޅުވާ މެޗުގެ ޓިކެޓަކީ އެންމެ އަގުބޮޑު އެއް ޓިކެޓެކެވެ. އެ މެޗުގެ ޓިކެޓްގެ އަގަކީ 349 ޑޮލަރާއި 557 ޑޮލަރާ ދެމެދުގެ އަގެކެވެ. އަދި ރީސޭލިން ޓިކެޓްގެ އަގު މިހާރު 1221 ޑޮލަރަށް އަރާފައިވެއެވެ.

އެހެން ބައެއް މެޗުތަކަށް މިހާރު ވަނީ ޓިކެޓް ވިކި ހުސްވެފައެވެ. އެގޮތުން ބަޔާން މިއުނިކްގެ ހުރިހާ މެޗަކަށްވެސް ޓިކެޓް ވިކި ހުސްވެފައިވާ އިރު، އޭގެ އިތުރުން ޔޫރަޕްގެ ވަރުގަދަ ޓީމުތައް ކުޅޭ މެޗުތަކުގެ ޓިކެޓްތައް މިހާރު ވަނީ ވިކި ހުސްވެފައެވެ.

ކްލަބު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ޓިކެޓްގެ އާއްމު އަގަކީ 44 ޑޮލަރާއި 89 ޑޮލަރާ ދެމެދުގެ އަގެކެވެ.

އަންނަ އަހަރު ޖޫން 15 އިން ޖުލައި 13 އަށް އެމެރިކާގައި ބާއްވާ ކްލަބު ވޯލްޑް ކަޕްގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެއީ 29 ދުވަހަށް ދެމިގެންދާ ގޮތެއްގައެވެ.

މުޅިން އާ ކްލަބު ފުޓުބޯޅަ މުބާރާތެއްގެ ވިސްނުމާއެކު ފީފާއިން ބާއްވާ މުބާރާތް ހޯސްޓް ކުރާނީ އެމެރިކާގެ 12 ސްޓޭޑިއަމެއްގައެވެ.