ފުޓުބޯޅައިގެ ދިރުން ނެތި، މައްސަލަތަކެއްގެ ތެރެއަށް ވެއްޓިފައި އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ. ތަފާތު އެކި ފަހަރުމަތިން އެކިއެކި ވައުދުތައް ވެގެންވެސް، ތަންފީޒު ނުކުރެވި، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އޮތީ ބޮޑު ތަނުން ފެއިލިވެފައެވެ. ކޮރަޕްޝަނާއި ނުފޫޒުގެ ތެރެއިން މުޅި ފުޓުބޯޅަ އޮތީ ކަޅު އަނދިރިކަމެއްގެ ތެރޭގައެވެ. އެއީ އިދާރީ ބަނަކަމެއްގައެވެ. ޒަމާންވީ ކްލަބު ފުޓުބޯޅައިގެ ޖޯޝާއި ފޯރި ގެއްލުނީ އެފްއޭއެމްގެ ތެރެއިންކަން ސާފުވާނެ އެތައް ކަމެއް ފެންނަން އެބައޮތެވެ.

އެފްއޭއެމްގެ ރައީސްކަން ކުރެއްވި ބައްސާމް އަދީލް ޖަލީލަށް ބޮޑެތި އެތައް ތުހުމަތެއް ކޮށް، ދައުވާވެސް ކޮށްފައިވާ އިރު، އޭނާގެ އިރުޝާދުގެ ދަށުން އެފްއޭ އޮތީ "ދޮވެލައިފައި" ކަމަށް ބުނެވިދާނެއެވެ. އެކަންކަން ހައްލުކުރަން މިހާރު ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްގެން އުޅޭތާވެސް ދުވަސްގަނޑެއް ވެއްޖެއެވެ. ހައްލަކަށް މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައިވެސް ހަގީގީ ހައްލެއް ފެންނާކަށް ނެތެވެ. އަށް ކްލަބުގެ މައްޗަށް ބިނާވެފައިވާ ޕްރިމިއާ ލީގު މެދުކެނޑިފައި އޮންނަތާ އަހަރަކަށްވުރެ ގިނަދުވަސް ވީއެވެ. ހަގީގާތުގައި ފުޓުބޯޅައިން އާމްދަނީއެއް ހޯދަމުން އަންނަނީ އުނދަގުލުންނެވެ. ކްލަބުތައް ސަސްޓެއިނެއް ނޫނެވެ. މިލިއަނުން ފައިސާ އަޅައިގެންވެސް އެކަމެއް ނުވިއެވެ.

ސީޒަން ނިމޭތަނުން ބަނގުރޫޓުވެ މުސާރަ ނުދެވޭ ހާލަތެއްގައި އެތައް ކްލަބަކުން އެބައޮތެވެ. ދަރަނީގެ ދިގު ތާރީހުތައް އެބައޮތެވެ. ގަލޮޅު ދަނޑު ހުސްވުމުގެ އެއް ސަބަބަކީ އެ ހާލަތަށް ކްލަބުތައް ދިއުން ކަމަށްވެސް ބުނެވިދާނެއެވެ. އެ ހުސްވި ހުސްވުމާއެކު ކްލަބު ފުޓުބޯޅަ ބަލާ މީހުން މަދުވީއެވެ. ދިވެހި ފުޓުބޯޅަމަތީން ވެސް ފޫހިވީއެވެ. ބޮޑެތި ކްލަބުތަކުން ހަރަދުކޮށްގެން ކުރި މަސައްކަތުންވެސް ހަގީގީ ފޭން ބޭސްތަކެއް ނުނެރެވުނެވެ. އެހިސާބުން އެހެން ގޮތަކަށް ވިސްނުން ދާން ޖެހިފައި އޮތް ހާލަތުގައި "ރޭ ގައުމީ ދަނޑުން ފެނުނީ، އުފާވެރި މާހައުލެކެވެ."

އަމިއްލަ ފަރާތެއް ކަމަށްވާ ނައިންޓީ ޕްލަސްއިން ބޭއްވި ގޯލްޑް ކަޕްގެ ފައިނަލަށް ވިކެން ހުރި ހުރިހާ ޓިކެޓެއް ވިކި ދަނޑު ފުރެން އޮތް ވަރަކަށް ފުރުނެވެ. ބ. އޭދަފުށިން މުބާރާތުގެ ތަށި އުފުލައިލީ އެތައް ސަޕޯޓަރުންނެއްގެ ޖޯޝާއި ފޯރިންނެވެ. އައްޑޫ ސިޓީން ފައިނަލުގައި ކުޅުނު އިރު، އެޓީމުގެ ސަޕޯޓަރުންވެސް ވަކި ދެރައެއް ނޫނެވެ. މަދެއްވެސް ނޫނެވެ.

ކޮންމެއަކަސް، އެ އުފާވެރި މަންޒަރު ބަލައިލުމަށް ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ދަނޑަށް ވަޑައިގެންނެވިއެވެ. އެ މަންޒަރު ވަރަށް ފުރިހަމަވެސް މެއެވެ. ސާފް ޗެމްޕިއަންޝިޕް 2021 އަށްފަހު ގައުމީ ދަނޑުން ފެނުނު އެންމެ ރޫހު ރަނގަޅު ރެޔަށް، ރޭ ވެގެން ދިޔައެވެ. އެއީ ގޯލްޑް ކަޕް ފެށުނު އިރުވެސް ފެންނަމުން ދިޔަ މަންޒަރެކެވެ. ސަޕޯޓަރުންގެ މަންޒަރުތަކުން، ރަށާއި އަތޮޅަށް އޮތް ލޯބި އެތައް ފަހަރަކު ފެނުނެނެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، ފުރަތަމަ ޑިވިޝަނަށް ދެން ވާނެ ގޮތެކެވެ. އަނެއްކާވެސް ލީގު ފެށުމުން މީހަކު ދަނޑަށް ވަންނާނެތޯ އޮތް ސުވާލެވެ. ކުރު ޖަވާބަކީ، އެހެން އެކަން ނުވާނެ ކަމެވެ. އަދި ފުޓުބޯޅައިގެ ވިސްނުން، ރަށަށް އަތޮޅަށް ބަދަލުކުރަން ވެއްޖެކަންވެސް އެނގި ސާފުވެއްޖެއެވެ.

އެފްއޭއެމްއަކީ ފީފާ އެފިލިއޭޓެޓް އިދާރާއަކަށްވުމުން، އެ އިދާރާގެ ލީގު ބައްޓަންވެގެން އަންނަނީ ކްލަބުތަކެއްގެ މައްޗަށެވެ. ރަށު ކައުންސިލްތަކެއްގެ މައްޗަށް އެ ލީގު ބިނާކުރެވޭނެ މާހައުލެއް ފަހިވާނެ ކަމަކަށް ނުބެލެވެއެވެ. އަދި އެފްއޭއެމްގެ ދަށުން ހިނގާ މުބާރާތެއް ވާން ޖެހޭނީވެސް ކްލަބު މުބާރާތަކަށެވެ. އެކަން އޮތީ އެހެން ނަމަވެސް، ގޯލްޑް ކަޕަކީ ފުޓުބޯޅައިގެ މެދު ކެނޑުމެއް ފޫބައްދަން އަމާޒުކޮށް "އަލުން ދަނޑަށް" ޝިއާރުގެ ދަށުން ބޭއްވި މުބާރާތެކެވެ.

ގޯލްޑް ކަޕަށް އެފްއޭއެމްއަށް އެންޑޯސް ނުކުރެވުނީ ކްލަބުތަކެއް ކުޅުނު މުބާރާތަކަށް ނުވެފައި، ކައުންސިލްތައް ބޮޑަށް ޝާމިލުވި މުބާރާތަކަށްވުން ކަމަށް ވެދާނެއެވެ. ކްލަބު ލައިންސަންސިންނާއި އޭއެފްސީ ފީފާ އެފިލިއޭޓެޓް ކަންކަން ފުރިހަމަ ނުވުން އެއީވެސް ސަބަބަކަށް ވެދާނެއެވެ. އެކަން އެހެން އޮތުން އެއީ ދުރު މުސްތަގުބަލަކަށް ބަދަލުކުރަން ޖެހޭ ކަމެއްވެސް މެއެވެ. އުސޫލަށް ފައްތައިގެން ނޫނީ ރާއްޖޭގެ ލީގަށް ހެޔޮ ބަދަލެއް ނުގެނެވޭނެއެވެ. އޭގެ އަސަރު ބައިނަލްއަގުވާމީ މައިދާނުގައި ކުރާނެވެސް މެއެވެ.

އެހެން އެކަން އޮތް ހާލަތެއްގައި ނަމަވެސް، ރަށުކައުންސިލްތަކުން ބޮޑު ހަރަދެއްކޮށް، ޓީމު ނެރުމުންވެސް ފެންނަން ބޭނުންވާ މަންޒަރު ފެނިއްޖެއެވެ. އެއީ ރަށު ފުޓުބޯޅައިގެ ލޯބި ނަމަވެސް، މީހުން ބަލާ ޝައުގުވެރިވި މުބާރާތަކަށް އެ މުބާރާތް ޔަގީނުންވެސް ވެއްޖެއެވެ. އެއީ ހަގީގީ ފުޓުބޯޅަ، އޭގެ ޒާތުގައި އޮތް ތަން ސާފުވި މުބާރާތެކެވެ. ކްލަބުތަކަކުން ނޫން ނަމަވެސް، މެސެޖެއް ދީފިއެވެ. އެއީ ކްލަބު ފުޓުބޯޅައަށް ދިން މެސެޖެކެވެ.

"ފުޓުބޯޅައިގެ ތެރޭގައި ކޮރަޕްޝަނާއި ސިޔާސީ ކަންކަން އޮތް ނަމަވެސް، އެ ރޫހު އެއްކިބާކޮށް، ފުޓުބޯޅަ އަތޮޅުތަކުގައި އޮތްކަން އެނގިސާފުވެއްޖެ،" ރޭގެ މެޗަށްފަހު ސަޕޯޓަރަކު ބުންޏެވެ.

އޭގެ އިތުރުން ރޭގެ މެޗު ޔެސް ޓީވީން ލައިވް ކުރިއިރު ކޮމެންޓްރީގައި ބައިވެރިވި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީވެސް އެކަން ފާހަގަކުރިއެވެ. އަކްރަމް ބުނީ މެޗުގައި ފެނުނީ ފުޓުބޯޅައިގެ ފުރިހަމަ ޖޯޝު ކަމަށާއި، އަތޮޅާއި ރަށަށް އޮތް ލޯބިން އެތައް ބަޔަކު ޝައުގުވެރިކަމާއެކު މެޗު ބަލަން ވަންތަން ކަމަށެވެ. އެއީ އުފާވެރި މަންޒަރެއްގެ ގޮތުގައިވެސް އަކްރަމް ސިފަކުރިއެވެ.

ފުޓުބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ، ސޭވް އެފްއޭއެމް ހަރަކާތުގެ އިސް މޭސްތެރިޔާ ހާމިދު އަބްދުލްޣަފޫރުގެ ނަޒަރުގައިވެސް ރޭ ފެނިގެން އެދިޔައީ ފުޓުބޯޅަ ބިނާވެފައި ވަނީ މާލެއަށް އެކަނި ނޫން ކަމެކެވެ. ހަމައެކަނި މާލެއަށް އަމާޒުކޮށްގެން ޒަމާންވީ ދިގު ރާސްތާ ޕްލޭނެއް ކާމިޔާބު ނުވާނެކަމަށް، އަބަދުވެސް އޭނާ ފާހަގަކުރެއެވެ. ހާއްސަކޮށް ސަރަހައްދީ ފުޓުބޯޅަ ތަރައްގީވެގެން ނޫނީ ފުޓުބޯޅަ ކޮޅަށް ޖެހެން ނެތް ކަމަށްވެސް އޭނާ ފަހަގަކުރެއެވެ.

ކޮންމެއަކަސް ރާއްޖޭގައި މިހާރު އޮތް ފުރަތަމަ ޑިވިޝަން އޮތީ އަތޮޅު ފުޓުބޯޅައަށް ސީދާ ދޮރެއް ހުޅުވޭނެ ހާލަތެއްގައެއް ނޫނެވެ. އަދި ކްލަބު ފުޓުބޯޅައަކީ "ފީފާގެ ޓްރާންސްފާ އުސޫލުން،" ވަކި ރަށެއްގެ ކުޅުންތެރިން އެ ރަށަކަށް ކުޅެވޭނެ ގޮތަށް ބައްޓަން ކުރެވޭނެ އުސޫލެއް ނޫނެވެ. އެހެން ނަމަވެސް، ހަގީގަތުގައިވެސް ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމަކީ އަތޮޅު ފުޓުބޯޅައިގެ ނިޒާމެކެވެ. މީގެ ކުރިން 2022 ވަނަ އަހަރު އިއުލާނުކުރި ފޯމެޓަކީ އެކަމަށް އެހީއަކަށް ވެދާނެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން 2023/2024 ވަނަ އަހަރު ފަށަން ނިންމާފައިވާ ދިވެހި ޕްރިމިއާ ލީގެއް 2022 ވަނަ އަހަރު ރަސްމީކޮށް އިއުލާނުކުރިއެވެ.

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާ އިރު، ރާއްޖެ ބެހިގެންދާނެ ކަމަށް ބުނެފައި ވަނީ ހަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގަށެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.

އެ ލީގުތަކަށް އެކަށީގެންވާ ތަރުހީބެއް ލިބިގެންދިޔަވެސް މެއެވެ. އަތޮޅުތަކުގައި ލީގު ކުރިއަށް ދިޔަ ނަމަވެސް، ވަކި ހިސާބަކުން ހުއްޓުނީ ފައިސާ ނެތިގެންނެވެ. އެއީ އަތޮޅުތަކުގައި ފޯރިއާއެކު ކުރިއަށް ދާނެ މުބާރާތްތަކެއް ނަމަވެސް، އެކަމަށް އިޝްތިހާރެއްވެސް ނުކުރެވި، ވަޅު ޖެހި ގޮތަށް ގޮސް ވަޅު ޖެހީއެވެ. އެ މުބާރާތްތައް ލައިވްކޮށް ދެއްކޭނެ އިންތިޒާމެއްވެސް ނެތި، ދިޔައީ ބޮއްސުންލައިގެންނެވެ.

މިދިޔަ އަހަރު، އެފްއޭއެމްއަށް ޕްރެޝަރުވެގެން އޭރުގެ ރައީސް ބައްސާމް ބޭއްވި ޕްރެސްއެއްގައި "ވަން ސްޕޯޓްސް"އިން ވަނީ ލީގުތައް ހުއްޓުމުގެ ސުވާލެއް ބައްސާމާ ކުރިމަތިކުރުވައިފައެވެ. އަދި ލީގު ކޮލިފިކޭޝަންތައް ލަސްވެ، ޑެޑް އެންޑަކަށް ސީޒަން ދާކަމަށް ސަމާލުކަމަށް ގެނެސްފައެވެ.

ޖަވާބުގައި ބައްސާމް ވިދާޅުވީ "ވަރަށް އަވަހަށް ލީގުތައް އަލުން ފަށާނެ ކަމަށާއި، 2023/24 ވަނަ އަހަރު ސީޒަން ފަށާނީ ބޭރު ބޮޑު ކުންފުންޏެއްގެ ސްޕޮންސާޝިޕްގެ ދަށުން ފައިސާގެ ތަނަވަސް ލީގަކާ އެކުގައި ކަމަށެވެ. އެއީ ޔަގީންކަމެއް ކަމަށްވެސް ދެންނެވިއެވެ. އެހެންނަމަވެސް، އެކަން އެމަގަކުން ނުހިނގިއެވެ. އަހަރު ނިމި، ސީޒަން ނިމުނު އިރު، ކޮލިފިކޭޝަން ނުބޭއްވި، އާ އަހަރުގެ ލީގު ފެށީވެސް އޮތް ގޮތަށް ބާއްވައިގެންނެވެ.

އެކަން އެހެންވުމުގެ ނަތީޖާ އަނެއްކާވެސް ހިއްޗެވެ. ރާއްޖޭގެ ފުޓުބޯޅައިގައި ފޯރި އޮތް ސިސްޓަމް ދޫކޮށްލަން ޖެހި، ސަޕޯޓަރުން ނުވަތަ ކޮމިއުނިޓީއެއް ނެތި މެޗުތައް ކުޅެން ޖެހުމުން ފޯރިއެއް ނެތެވެ.

"ރާއްޖޭގެ ފުޓުބޯޅަ މުބާރާތްތަކުގެ ފޯރި ހަމަ ގައިމުވެސް އެބައޮތް. ސުވާލަކީ މިކަން (ގޯލްޑް ކަޕް ފަދަ މުބާރާތްތައް) މިހެން ދިގު މުއްދަތަކަށް ކުރެވޭނެތޯ. ފައިނޭންޝަލީ ސަޕޯޓެއް ނެތި ޓީމުތަކަށް މެނޭޖުކުރެވޭނެތޯ؟ ކުޅުންތެރިން ރަށު ޓީމް ވިޔަސް، ވަޒީފާ ދޫކޮށްލައިފައި އައިސް ހިލޭ ސާބަހަށް މިކަން ކުރަން މީ އެހާ ފަސޭހަ ކަމަކަށް ވާނެތޯ؟،" މިފަހަރު ގޯލްޑް ކަޕްގައި ފުވައްމުލަކު ސިޓީއާ ހަވާލުހުރި ކޯޗު، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު (ސޮބާ)، ބައެއް ސުވާލުތައް އުފައްދަމުން ބުންޏެވެ.

ސޮބާ އިތުރަށް ބުނީ ރަނގަޅު ކުޅުންތެރިން ޑިވަލޮޕްކޮށް، ދެމިގެންދާނެ ސިޔާސަތެއްގައި މުބާރާތް ހިންގަން، ކުޅުންތެރިންނަށް ކޯޗުންގެ އެހީތެރިކަން ލިބި، މުސާރަވެސް ލިބެން ޖެހޭ ކަމަށެވެ. އަދި ފައިސާގެ އެހީއަށް ބަރޯސާވާން އަތޮޅު ތެރޭގައި ފުޓުބޯޅައިގެ އިލްމީ ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަމަށްވެސް ސޮބާ ފާހަގަކުރިއެވެ.

ރަނގަޅު ވާހައެކެވެ. އަތޮޅު ތެރޭގައި އޮންނަ ކްލަބަކަށް މާލެ އައިސް، ދިގުލައިގެން ދާ ސީޒަނެއް ކުޅޭނެ ސަސްޓެއިނެބިލިޓީ "ލެޖިޓް" ކޮށް ހޯދުން އެއީ އުނދަގޫ ކަމަކަށް ވާނެއެވެ. އެކަމުގައި ހޯމް އެންޑް އަވޭ އުސޫލުގެ ލީގެއް ގާއިމުކުރި ނަމަވެސް، ހަގީގަތުގައި ފައިސާގެ ހަރަދު ބޮޑުވާނެއެވެ. އެހެން ނަމަވެސް، އެކަމަށް އަލިމަގެއް ފެންނާނެކަން މިފަހަރު ގޯލްޑް ކަޕުގެ ބައެއް ހިސާބުތަކުން ދައްކުވައިދޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

"ގޯލްޑް ކަޕުން ޝައުގުވެރި ލޯކަލް ފުޓުބޯޅަ އޮތްކަން ސާބިތުކޮށްދީފި. އޭގެ އިތުރުން މި ފެނުނީ ޕްރައިވެޓް އެންޓަޕްރައިސަސްތަކަށް ކުޅިވަރުގައި ނަފާ ހޯދައި، ފައިދާ ހޯދޭނެކަން. މިއީ ގޭމް ޗޭންޖާއެއް،" ކުރީގެ ކުޅިވަރު މިނިސްޓަރީގައިވެސް މަސައްކަތް ކުރެއްވި ހާމިދު ވިދާޅުވެފައިވެއެވެ.

ހަގީގަތުގައި ގޯލްޑް ކަޕްގެ އަދަދުތައް ގޯހެއްވެސް ނޫނެވެ. ކޮންމެ މެޗެއް ފޭސްބުކް ލައިވް މެދުވެރިކޮށް ޔެސް ޓީވީން ދެއްކި އިރު، 50،000 އަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. އަދި ފައިނަލް މެޗާއި ބޮޑެތި މެޗުތަކުގެ އަދަދުތައް އެއަށްވުރެވެސް މައްޗަށް އަރައިގެން ދިޔައެވެ. އެހެންކަމުން "ޓީވީ މަނީ"އަކީ ފައިދާ ހޯދޭނެ، އެއިން ކްލަބުތަކަށް ނަފާ ހޯދައިދެވޭނެ އެއްޗަކަށް ރާއްޖޭގައިވެސް ހެދިދާނެ އެވެ. ޓީވީ ބްރޯޑްކާސްޓަރުންނަށް ގޯލްޑް ކަޕް ދައްކައިގެން ރަނގަޅު ސްޕޮންސާޝިޕެއް ހޯދިދާނެ ކަމަށް ބެލެވޭ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. އެއީ ޝައުގުވެރިކަމާއެކު ބަލާ އެއްޗަކަށް ސްޕޮންސާ ދޭނެ ކުންފުނިތައް ގިނަވާނެތީއާއި، އެ މުބާރާތުގެ ބްރޭންޑް ވެލިއުއެއް ގާއިމު ކުރެވޭނެތީއެވެ.

އޭގެ އިތުރުން ޓިކެޓް ވިއްކުމާއެކުވެސް ސަޕޯޓަރުން ދަނޑަށް ވަދެފައިވާ އަދަދު ގިނަކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. އެ ފައިސާއަކީވެސް ކްލަބުތަކަށް ފައިދާ ގެނުވޭނެ ވަސީލަތެކެވެ. ގައުމީ ދަނޑުގެ ހާލަތުން މިވަގުތު އެތައް ޖާގައެއް ބޭކާރުވެފައި އޮތް އޮތުން އެއީ ބޮޑު ގެއްލުމެއް ނަމަވެސް، ރަނގަޅު ފެންވަރުގެ ސްޓޭޑިއަމަކަށް ތަރުހީބު ބޮޑުވާނެކަން ގަބާލުކުރާން ޖެހެއެވެ. އެ ހަގީގަތް އޮތީ ފެންނާށެވެ. ރޭގެ މެޗަށް ބެލިއިރު، ޓިކެތޫ ނުލިބިގެން ސަޕޯޓަރުން ތިބީ ޕްރެޝަރަށް އަރައިފައެވެ.

މި ފާހަގަކުރި އަދަދުތައް، އަތޮޅު ތަމްސީލުކުރާ އެހެން ބައެއް މުބާރާތްތަކުގައިވެސް ތަފާތު ދައްކާފައިވެއެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްސަލް ބްރޭންޑް، އަދި އެންމެ ވަރުގަދަ އެއް ކުޅިވަރު ބްރޭންޑް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަދަދުތަކުންވެސް މީހުންގެ ޝައުގުވެރިކަން ހުރިވަރު ސާފެވެ. އަދި ޓީވީ ޑީލް ފަދަ ވިޔަފާރީގެ ވިސްނުން ރާއްޖޭގައިވެސް ގާއިމުކުރެވޭނެކަން ސާފުވެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އޭގެ ފަހުން އައި ޑިޖިޓަލް ދުނިޔޭގެ ބަދަލުތަކާއެކު 2019 ހިސާބުގައި މެޗުތައް ލައިވްކޮށް ފެންނަ ގޮތަށް މަސައްކަތް ފެށިއެވެ. އޭރު ވިއުސް އުޅެނީ 3.2 މިލިއަންގައެވެ. އޭގެ ފަހުން، 2022 ގައި ވިއުސްގެ އަދަދު 6.8 މިލިއަނަށް އެރިއެވެ. އަދި މިދިޔަ އަހަރު ވިއުސް އުޅުނީ 12 މިލިއަންގަ އެވެ. އެ ކުރިއެރުމާއެކު މިފަހަރު މުބާރާތް ނިންމާލި އިރު، ފޭސްބުކާއި ޔޫޓިއުބް މެދުވެރިކޮށް، 20.2 މިލިއަން ވިއުސްއަށް އެރިއެވެ.

ރާއްޖޭގެ އެފްއޭއެމްގެ ހިންގާ ގަވައިދަކީ 2016 ވަނަ އަހަރު އަމަލުކުރަން ފެށި ގަވައިދެކެވެ. އެ ގަވައިދުގައިވާ ވޯޓިން ރައިޓްސްގެ ވާހަކަ ތަކުރާރުކޮށް ދެއްކިފައިވާ އިރު، އެހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް އަތޮޅު ތެރޭގެ ނުވަ ޒޯނަކަށް ވޯޓިން ފުރުސަތު ފަހިވެފައެއް ނުވެއެވެ.

އެފްއޭއެމްގެ "އަތޮޅު ފުޓްބޯޅަ" ޕްރޮގްރާމްގެ ދަށުން 8 ސަރަހައްދެއްގައި ހަދާ ޑިވެލޮޕްމަންޓް ސެންޓަރުތައް ތިންމަސް ދުވަހުގެ ތެރޭގައި ފެށުމަށް 2017 ވަނަ އަހަރު މަސައްކަތް ފެށި ހިސާބުން އެކަންވެސް އޮޔާލައި ގޮސް، އޭގެފަހުންވެސް އަތޮޅު ޕްރޮޖެކްޓް ދިޔައީ ތޮޅިއަށެވެ.

އެއިރު އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ އެ އިދާރާ ދަނީ ފެޑެރޭޝަނަކަށް ވުމުގެ މަސައްކަތުގައި ކުރިއަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އައްޑޫއާއި ކުޅުދުއްފުށީގެ އިތުރުން މެދުރާއްޖެތެރޭގައި އެސޯސިއޭޝަނެއް ގާއިމުކޮށް އޮފީހެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެފަހުން އޮތް އެފްއޭއެމް އިންތިހާބުގައި އެތިން އެސޯސިއޭޝަނުން ކޮންމެ ތަނަކަށް ތިން ވޯޓު ލުމުގެ އިހުތިޔާރު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެކަން އެއީ އަސާސީ ގަވާއިދުން ފަހިކޮށްދީފައި އޮތް ފުރުސަތެއް ނަމަވެސް، އެހިސާބުން މަޑު ޖެހުނީއެވެ. މިއަދާ ހަމައަށް އެކި ސަރުކާރުތަކުން އެކި ނަންނަމުގައި އަތޮޅު މުބާރާތްތައް ބޭއްވިއެވެ. މިނިވަން ޗެމްޕިއަންޝިޕުން ގައުމީ ދަނޑަށް ކްލަބަތަކެއް ނެރުނު ނަމަވެސް، ދެމެހެއްޓެނި ގޮތެއްގައި އެކަމެއްވެސް ނުވިއެވެ. އެއީ ސަރުކާރުން ފައިސާ ޕަމްޕް ކުރުމުގެ ސިޔާސަތާވެސް އެކު، ކްލަބުތަކަށް މާލީ މަންފާ އިތުރު ނުކުރެވިގެންނާވެސް އެކުގައެވެ.

ފުޓުބޯޅައިގެ ބްރޭންޑް އުވި ގޮސް، އެކަން ނެތިގެން ދިޔައީ މާލެއަށް އެކަނި ލީގެއް ބާރޯސާ ކުރުމުން ކަމަށް ގިނަ ބަޔަކު ދެކޭ އިރު، ހޯމް އެންޑް އަވޭއަށްވެސް ހާލަތަށް ބަލައި މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކަމަށް ސަމާލުކަން ކުޑަވީ ވޯޓުގެ ބާރު އަތޮޅު ތެރެއަށް ނެތުމުން ކަމަށް ބުނެވިދާނެއެވެ. ކޮންމެއަކަސް، ހާލު ޖެހިފައި އޮތް ފުޓުބޯޅައަށް މިއަދު އޮތް އެންމެ ފަހި މަގަކީ އަތޮޅު ފުޓުބޯޅައިގެ ފޯރިއެވެ. އޭގައި ނުހިފައި، ކްލަބު ފުޓުބޯޅަ އަދި ގައުމީ ޓީމުވެސް ސަޕޯޓަރުންނާ އެކު ބައްޓަން ކުރެވެން ނެތްކަން ރޭ ގައުމީ ދަނޑުން ފެނި ޔަގީންވެއްޖެއެވެ.

މުޅި ރާއްޖޭ ޝާމިލުވާނެ ލީގަކަށް ހޯދެން އޮތް ގޮތެއް ހޯދުން އެއީ އެންމެ މުހިއްމު ކަމެވެ. ރީޖަނަލް މަސައްކަތްތައް ހުއްޓާލައިގެން ތިބެ، އެ މަންޒަރު ސިފައެއް ނުކުރެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަން ގޯލްޑް ކަޕަށް ހުއްޓި، އެ މަނިކުފާނު ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ އަތޮޅު ފުޓުބޯޅައިގެ މަންޒަރުންނެވެ. ކުރިމަގަށް އެ މަންޒަރުގެ ބޭނުން ހިފަން ޖެހޭނެއެވެ. އެކަމަށް އެފްއޭއެމްގެ ވިސްނުން ގެންގުޅެން ޖެހޭކަން ވެސް ސާފު ވެއްޖެއެވެ. ކައުންސިލްތަކުން ކްލަބުތަކަށް ހިޖުރަކޮށްގެން ނަމަވެސް، އުންމީދަކީ އަތޮޅު ފުޓުބޯޅައެވެ. މާލޭގެ ހައެއްކަ ކުލަބުގެ ފޯމެޓަކީ ފެއިލިވެފައި އޮތް ނިޒާމެކެވެ. އެއީ އެ ކުލަބުތަކުގެ މައްސަލައެއްވެސް ނޫނެވެ. އެފްއޭއެމްގެ ވެރިން އެ ކުލަބުތައް ބޭނުންކުރީ ވޯޓު ގަނެވިއްކާ "ޓޫލެއް" ގޮތަށެވެ. އެ މީހުން މަގާމުގައި ދެމިތިބޭން ބޭނުން ކުރާ ވަސީލަތެއްގެ ގޮތުގައެވެ. އެހެންވީމާ އެއީ ދިވެހި ފުޓުބޯޅައިގެ ރޫހު ކަފުންކުރި ނިޒާމެކެވެ. ވިސްނާންވީ ކުރިމަގަށެވެ. ކުރިމަގުގެ މަންޒަރު ރޭ އެއޮތީ ކުރަހައިދީފައެވެ. މުސްތަގުބަލަކީ އަތޮޅު ފުޓުބޯޅަ އެވެ. ރޫހާއި ޖޯޝް އޮތީ އެ ފުޓުބޯޅައިގައެވެ.