މެންޗެސްޓާ ސިޓީގެ ދަށް ފޯމުގެ ޒިންމާ ނަގަން ޖެހޭނީ ފޯމު ދަށްކޮށް ހުރި އާލިން ހާލަންޑް ކަހަލަ ވަކި ކުޅުންތެރިޔަކު ނޫން ކަމަށާއި، މުޅި ޓީމު އެއްކޮށް ކަމަށްވެސް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ ހަތަރު ސީޒަނުގައިވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ސިޓީއަށް މިއީ އުނދަގޫ ދުވަސްތަކެކެވެ. އެންމެފަހުން ލީގުގައި ކުޅުނު 8 މެޗުގައި އެޓީމަށް ހޯދިފައި ވަނީ އެންމެ މޮޅެކެވެ. އެއީ ގާޑިއޯލާގެ ކޯޗިން ތާރީހުގައިވެސް ކުރިމަތިލާން ޖެހުނު އެންމެ ދަށް ރެކޯޑެވެ.

ގިނަ ޕޮއިންޓްތަކެއް ގެއްލުވައިލުމުން ސިޓީ އޮތީ ލީގު ތާވަލުގެ ހަތްވަނައިގަ އެވެ. އެއީ އެއްވަނައިގައި އޮތް ލިވަޕޫލާ 12 ޕޮއިންޓްގެ ފަރަގެއްގައެވެ.

ސިޓީގެ ސީޒަން ފެށިގެން ލީގުގައި ކުޅުނު ފުރަތަމަ ފަސް މެޗުގައި ހާލަންޑް 10 ގޯލު ޖެހި ނަމަވެސް، އޭނާ އޭގެ ފަހުން ޖެހީ އެންމެ ދެ ގޯލެވެ. އެއީ ހާލަންޑްގެ މިދިޔަ ސީޒަންތަކުގެ ފޯމަށް ބަލައި ވަރަށް ދަށް އަދަދެކެވެ. އެކަމުގެ ސަބަބުން ހާލަންޑަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

"ދަށް ފޯމުގެ ޒިންމާ ނަގާނީ އަހަރެމެން އެންމެން. ހާލަންޑް އެކަންޏެއް ނޫން. އަދި އެހެން ވަކި ކުޅުންތެރިޔަކު އެކަންޏެއްވެސް ނޫން. ހާލަންޑާއި މުޅި ޓީމުވެސް ގިނަ ގޯލުތަކެއް ޖެހީ ޓީމު އޮތް ފޯމުން. އެހެންވީމަ މައްސަލަ ދިމާވީމަވެސް އޭގެ ޒިންމާ ނަގާނީ ހަމަ މުޅި ޓީމުން،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ސިޓީގެ ފޯމު އަނބުރާލުމަށް ހާލަންޑް މުހިއްމު ކަމަށާއި، އޭނާ ރަނގަޅަށް ބޭނުންކުރާނެ ގޮތެއް ހޯދުމަށް ކުރިއަށް ހުރި މެޗުތަކުގައި ވިސްނާނެ ކަމަށެވެ.