މި އަހަރުގެ ޓޫރިޒަމް ޓާގެޓު ކަމަށްވާ 2 މިލިއަން ފަތުރުވެރިންގެ އަމާޒު ބުރާސްފަތި ދުވަހު ހާސިލްވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް 1,985,800 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒު އަންނަ ބުރާސްފަތި ދުވަހު ހާސިލްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިމަހު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6,442 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާ އިރު 7.8 ޕަސެންޓްގެ އިތުރުވުމެކެވެ.

މިއަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފަތުރުވެރިން ރާއްޖޭގައި އެވްރެޖުކޮށް 7.7 ދުވަސް ހޭދަކުރެއެވެ. އަދި ދުވާލެއްގެ މައްޗަށް 5500 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެއެވެ.

އިއްޔެގެ ނިޔަލަށް މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ. ޗައިނާ އިން 261,626 ފަތުރުވެރިން ޒިޔާރަތް ކުރި އިރު، ރަޝިއާ އިން ޒިޔާރަތްކުރީ 217,197 ފަތުރުވެރިންނެވެ. އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރީ 175,646 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އިންޑިއާ އުޅެނީ ލިސްޓުގެ ހަ ވަނައިގައެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާ އިން ޒިޔާރަތްކުރީ 127,125 ފަތުރުވެރިންނެވެ.