އާސެނަލްގެ އިންގްލެންޑް ތަރި، ބުކަޔޯ ސަކާއަށް ލިބިފައިވާ އަނިޔާ ސީރިއަސް ކަމަށާއި، އޭނާއަށް ގިނަ މެޗުތަކެއް ގެއްލޭނެ ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

ސަކާ، 23، އަށް އަނިޔާވެފައި ވަނީ އާސެނަލުން އެންމެފަހުން ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުން އާސެނަލް 5-1 އިން މޮޅުވި އިރު، ސަކާއަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ. އަނިޔާވެފައި ވަނީ ސަކާގެ ފަލަމަސްގަނޑަށެވެ.

މި ސީޒަނުގެ ކުރީކޮޅުގައިވެސް އަނިޔާގެ މައްސަލަތަކާ ކުރިމަތިވި ސަކާއާ ގުޅޭޑގޮތުން، ކޯޗު އާޓެޓާ ބުނީ، އޭނާއަށް ގިނަ ހަފުތާތަކެއްގެ ކުޅުން ގެއްލޭނެ ކަމަށެވެ.

"ސަކާގެ އަނިޔާ ފެންނަނީ ގޯސްކޮށް. ގިނަ ހަފުތާކެއްގެ ކުޅުން ގެއްލޭނެ. އެއީ އެކަން މިހާރު އޮތް ގޮތް. ސަކާއަށް އަނިޔާވެއްޖެ. އެކަން ދެން ބަދަލެއް ނުވާނެ. އޭނާ އެނބުރި އަންނަން ބޭނުންވާ ވަގުތު އަހަރެމެން ދޭނަން،" އާޓެޓާ ބުންޏެވެ.

ސަކާއަކީ އާސެނަލަށް އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި ކުޅުނު 24 މެޗުގައި ނުވަ ގޯލު ޖަހައި، 13 އެސިސްޓް ފުރިހަމަ ކޮށްދީފައެވެ.

އާޓެޓާ ބުނީ ސަކާއާ ނުލައި ނަތީޖާ ނެރޭނެ ގޮތެއް ވިސްނަމުން އަންނަ ކަމަށާއި، މީގެ ކުރިންވެސް މުހިއްމު ކުޅުންތެރިންނަށް އަނިޔާވުމުގެ މައްސަލަތަކާ ޓީމުން ކުރިމަތިލާފައިވާނެ ކަމަށެވެ. އެގޮތުން ކެޕްޓަން މާޓިން އޮޑިގާޑަށް އަނިޔާވެ ގިނަ މެޗުތަކެއް ގެއްލި، އެކަމުގެ އަސަރު ޓީމަށް ކުރި ކަމަށްވެސް އާޓެޓާ ބުނެފައިވާ އިރު، އޭނާ ބުނީ އެ އަނިޔާގެ ސަބަބުން ތަޖުރިބާ ލިބިފައިވާ ކަމަށެވެ.