ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖު 2025ގެ ގޯލްޑް ޕާޓްނަރަކަށް އަވަސް އެޕް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި ބޭއްވި ހަފުލާގައި އަވަސް އެޕްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޔާނިއު ރަމީޒެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް ރާވާ ހިންގާ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ރައީސް މޫސާ ރިލުވާނެވެ.

މިއީ އަވަސް އެޕާއެކު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ސޮއިކުރި ފުރަތަމަ ފަހަރެވެ. އެ އެއްބަސްވުމާއެކު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން "ވަން ސްޕޯޓްސް" އަށް ވިދާޅުވީ، އަވަސް އެޕާއެކު ސޮއިކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި މުޅިން އާ ސްޕޮންސަރަކާއެކު ކުރިއަށް ދާން ފުރުސަތު ލިބުމަކީ ފަހުރެއް ކަމަށެވެ.

އަވަސް އެޕްގެ މެނޭޖިން ޑިރެކްޓަރު ޔާނިއު ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ކުޅިވަރު ޕްލެޓްފޯމް ކަމަށާއި މުޅި ރާއްޖެ ޝާމިލުވާ މުބާރާތަކީ އަބަދުވެސް ޝައުގުވެރި މުބާރާތެއް ކަމަށެވެ.

"ގޯލްޑަން ފުޓްސަލް ޗެލެންޖު އަބަދުވެސް ބަލާ އުޅެން. ހުރިހާ މެޗެއްގައިވެސް އޮންނަނީ ސަޕޯޓަރުން ފުރި ބާރުވެފައި. އެއާއެކު ޓީވީންވެސް އެންމެ ބޮޑު އޯޑިއަންސަކުން ބަލާ މުބާރާތެއް އެއީ. އެހެންވީމަ މިއީ ވަރަށް ބޮޑު ފުރުސަތެއް އެކްސްޕޯޝާ ރަނގަޅު ކުރުމަށް. އެއާއެކު ފުޓްސަލްއަށް ގޯލްޑަން ފުޓްސަލް ޗެލެންޖުންކުރާ މަސައްކަތަށް އަބަދުވެސް އެއްބާރުލުން ދޭން ބޭނުންވެ، މި ފަހަރު އެކަމަށް މި ޕާޓްނާޝިޕުގައި ސޮއިކުރެވުނީ،" ޔާނިއު "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން މިއަހަރު ބޭއްވި މުބާރާތުގައި ޖުމުލަ 129 ޓީމަކުން ވާދަކުރާއިރު، 320 މެޗު ކުޅެފައިވެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، މުބާރާތުގެ ފައިނަލް މެޗަކީ ރެކޯޑް އަދަދަކަށް މެޗު ބަލަން ސަޕޯޓަރުން ހާޒިރުވި މެޗެކެވެ. އެ މެޗުގައި 2023 ވަނަ އަހަރު ޗެމްޕިއަން ލ. ގަން ބަލިކޮށް، ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދީ ބ. އޭދަފުއްޓެވެ.

މިދިޔަ ދެ އަހަރު މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރި "ވަން ސްޕޯޓްސް" އިން ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކަވަރޭޖްވެސް ކިޔުންތެރިންނާ ހަމައަށް އެންމެ ފުރިހަމައަށް ގެނެސްދޭން ހާއްސަ ކަވަރޭޖެއް ގެނެސްދިނުމަށް ހަމަޖައްސައިފައެވެ.