އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ތަފާތު ބޮޑުކޮށް ކްރިސްޓަލް ޕެލެސް ބަލިކުރި އިރު، ހާލަތު ދަށްކޮށް އޮތް މެންޗެސްޓާ ސިޓީން އެސްޓަން ވިލާ ކައިރިންވެސް ބަލިވެއްޖެއެވެ.

އާސެނަލުން ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސް ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. އާސެނަލުން އެންމެފަހުން ލީގު ކަޕްގައި ޕެލެސްއާ ދެކޮޅަށް ކުޅެ، 3-2 އިން މޮޅުވެފައި އޮވެ ރޭގެ މެޗަށް ނުކުތް އިރު، ފުރަތަމަ 11 ގައި ލީގު ކަޕް މެޗުގައި ހެޓްރިކް ހެދި ބްރެޒިލްގެ ގެބްރިއަލް ޖީސަސް ހިމަނާފައިވެއެވެ.

ރޭ ލީގުގައި އާސެނަލް ކުޅުނު މެޗުގައިވެސް ޖީސަސް ވަނީ ދެ ގޯލު ޖަހައިފައެވެ. އެއީ މެޗުގައި އާސެނަލުން ފުރަތަމަ ޖެހި ދެ ގޯލެވެ.

ޖީސަސްގެ ފުރަތަމަ ގޯލު، ހަވަނަ މިނެޓުގައި ޖެހި އިރު، އޭގެ އިރުކޮޅެއްފަހުން އިސްމައިލާ ސާ ޖެހި ގޯލުން ޕެލެސް އެއްވަރުކުރިއެވެ. އެހެން ނަމަވެސް ޕެލެސްއަށް އާސެނަލް ހިފަހައްޓާ ލެވުނީ އެންމެ ތިން މިނެޓަށެވެ. އަނެއްކާވެސް ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގައި ޖީސަސް އާސެނަލަށް ލީޑު ނަގައިދިނެވެ.

އޭގެފަހުން ޖީސަސް ޖެހި ބޯޅައެއް ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، ހާފު ނިމެން ދަނިކޮށް އެޓީމަށް ތިންވަނަ ގޯލު ޖަހައިދިނީ ކައި ހަވާޓްސް އެވެ.

ރޭގެ މެޗުގެ ދެވަނަ ހާފުގައި ގެބްރިއަލް މާޓިނެލީ އާއި ޑެކްލަން ރައިސް ޖެހި ގޯލުތަކުން އާސެނަލް ބޮޑު މޮޅެއް ހޯދި އިރު، އެޓީމަށް ކުރިމަތިވި ހާސްކަމަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ބުކަޔޯ ސަކާއަށް އަނިޔާވެ ބާލަން ޖެހުމެވެ.

އެންމެފަހުގެ ހަތަރު އަހަރުވެސް ޕްރިމިއާ ލީގު ކާމިޔާބުކުރި ސިޓީގެ ދަށް ފޯމު އަނެއްކާވެސް ކުރިއަށް ދެމިގެން ގޮސްފައިވާ އިރު، އެޓީމުން އެންމެފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން ވަނީ ބަލިވެފައެވެ. އެޓީމުން އެންމެފަހުން ކުޅުނު އަށް މެޗުންވެސް މޮޅުވެފައި ނުވާ އިރު، މިއީ ޕެޕް ގާޑިއޯލާގެ ކެރިއަރުގައިވެސް އޭނާ ހަވާލުވެ ހުރި ކްލަބެއްގެ އެންމެ ދަށް ފޯމެވެ.

ރޭ 2-1 އިން ރަށުން ބޭރުގައި ސިޓީ ބަލިވި އިރު، ސިޓީއަށް މާ ގިނަ ފުރުސަތުތަކެއްވެސް ފަހިކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ފިލް ފޮޑެންގެ ހަމަލާއެއް އެމިލިއާނޯ މާޓިނޭޒް ސޭވްކޮށްފައިވާ އިރު، އަނެއްކޮޅުން ވިލާއިން ދިޔައީ ފުލުފުލުގައި ނުރައްކާ ކުރަމުންނެވެ.

ކުރީކޮޅުގައި ޖޯން ޑުރާން ޖެހި ބޯޅައެއްގެ އިތުުރުން ޕައު ޓޮރެސް ކޯނަރަކަށް އަރާ ފޮނުވާލި ހަމަލާވެސް ސިޓީގެ ގޯލު ބެލެހެއްޓި ސްޓެފަން އޮރިޓޭގާ މަތަކުރި އިރު، އޮރިޓޭގާ މެޗަށް ނުކުތީ އެޑަސަން އަނިޔާގައި ހުރުމުންނެނެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައި އޮތް ސިޓީ ކޮޅަށް، 16 ވަނަ މިނެޓުގައި ޑުރާން ގޯލު ޖެހި އިރު، އެ ގޯލު ޖެހީ ޔޫރީ ތީލަމަންސްގެ ރީތި ޕާހަކުންނެވެ.

ދެވަނަ ހާފަށް ނުކުމެވެސް ވިލާއިން ނުރައްކާ ކުރަމުން ގޮސް، 65 ވަނަ މިނެޓުގައި މޯގަން ރޯޖާސް ޖެހި ގޯލުން ލީޑު ފުޅާކުރިއެވެ. ރޯޖާސްއަކީ ކުރިން މެންޗެސްޓާ ސިޓީގައި ދުވަސްތަކެއް ހޭދަކުރި ކުޅުންތެރިއެކެވެ. ސިޓީގައި އޭނާ ދުވަސްތަކެއް ހޭދަކުރި ނަމަވެސް އެ ކްލަބަށް ސީނިއާ މެޗެއް ކުޅެފައެއް ނުވެއެވެ.

ރޭ ސިޓީގެ ގޯލު ފަހު މިނެޓުކޮޅުގައި ފޮޑެން ޖެހި ނަމަވެސް، ގާޑިއޯލާއަށް އޮތީ އަދިވެސް ހާސްކަމެވެ.

މެޗަށްފަހު އޭނާ ބުނީ "ސިޓީ އޮތީ ރެލިގޭޝަން ފޯމުގައި،" ނަމަވެސް ޕޮސިޓިވް ކަންތައްތަކެއް މެޗުން ފެނުނު ކަމަށެވެ. ހާއްސަކޮށް އަނިޔާވެފައި އެތައް ކުޅުންތެރިންނެއް ތިއްބާ ވިލާ ކައިރިން ފެނުނީ ރަނގަޅު ކުޅުމެއް ކަމަށާއި، ވިލާއަކީ ޗެމްޕިއަންކަން ހޯދި ސީޒަނުގައިވެސް އުނދަގޫ ޓީމެއް ކަމަށް ގާޑިއޯލާ ބުންޏެވެ.

ހައްލު ހޯދުމުގެ ޒިންމާ ނަގާނެ ކަމަށް ބުނަމުން ގާޑިއޯލާ ބުނީ "އެންމެ އަވަސް ހައްލަކީ އަނިޔާވެފައި ތިބި ކުޅުންތެރިން އަނބުރާ ޓީމަށް ގެނައުން،" ކަމަށެވެ.

ސިޓީ މިވަގުތު ލީގު ތާވަލުގެ ހަވަނައަށް ސޮއްސާލާފައިވާ އިރު، އެޓީމަށް 17 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ. އެޓީމުގެ ކުރިން ވިލާ، 17 މެޗުން 28 ޕޮއިންޓާއެކު ފަސްވަނައިގައި އޮތް އިރު، ނޮޓިންހަމް ފޮރެސްޓް އޮތީ ހަތަރުވަނައިގައެވެ.

ރޭ މޮޅުވި އާސެނަލް 17 މެޗުން 33 ޕޮއިންޓާއެކު ތިންވަނައިގައި އޮތް އިރު، ޗެލްސީން ދެވަނައިގައި އޮތީ 16 މެޗުން 34 ޕޮއިންޓާއެކުގައެވެ. މިވަގުތު އެއްވަނައިގައި އޮތް ލިވަޕޫލަށް ވަނީ 15 މެޗުން 36 ޕޮއިންޓް ލިބިފައެވެ.