އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ބޯޓަކުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް މެދުކަނޑާލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ފުލުހުން ބުނާ ގޮތުން "ސީމެކްސް" ނަމަކަށް ކިޔާ އެ ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ ރާޖް ކުމާރު ގެއްލިފައިވާކަމުގެ މައުލޫމާތެއް ލިބުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ބޯޓުގައި ނެތްކަން އެނގުނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލަކު ސިޓީއާ 8 މޭލު ކައިރިން ކަމަށްވެސް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ފަޅުވެރިޔާ ހޯދުން މެދުކަނޑާލި އިރު، އޭނާ ހޯދުމަށް މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު 304 ނޮޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި އިއްޔެ ފުވައްމުލަކު ސިޓީ ވަށައިގެން ބަލާފައިވާ ކަމަށްވެސް ބުންޏެވެ.