މާލޭ އަލިކިލެގެފާނު މަގުގައި އިއްޔެ ސައިކަލް ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ ހަވީރު ހައްޔަރުކޮށްފައިވަނީ ވ. ފިޔަބަރި/ ހަސަން އިސާމް، 30އ. އެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން އޭނާ ދުއްވި ސައިކަލުވެސް ވަނީ ޓޯކޮށްފައެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ގޮތުން އަންހެން މީހާގެ ކަރުގައި އޮތް ފަށް ޖަހައިގަންނަން އުޅެފައިވަނީ އޭނާގެ ފަހަތުން ސައިކަލެއްގައި އައި ފިރިހެނެކެވެ. އޭނާ ހުރީ ހެލްމެޓް އަޅައިގެންނެވެ.

ނަމަވެސް ފަށް ޖަހައިގަންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުން މަގު މެދުގައި ސައިކަލު ބަހައްޓާފައި އަންހެން މީހާގެ އަތުން ފޭރެން މަސައްކަތް ކުރެއެވެ. އެ ވަގުތު ފިރިހެން މީހާގެ ކިބައިން ސަލާމަތްވާން ސައިކަލު މަގުމައްޗަށް ވައްޓާލާފައި އެ ތަނުގެ ކައިރީގައި ހުންނަ ގެއަކަށް އަންހެން މީހާ ވަންނަ ތަން ވީޑިއޯ އިން ފެނެއެވެ.

އަންހެން މީހާގެ ފަހަތުން އެ ގެއަށް ވަންނަން ފިރިހެން މީހާ މަސައްކަތްކުރި ނަމަވެސް އެ ސަރަހައްދަށް މީހުން ގިނަވާން ފެށުމުން ފިރިހެން މީހާ ފަހުން ވަނީ ސައިކަލުގައި އެތަނުން ފިލައިފައެވެ. ދައުރުވަމުންދާ ވީޑިއޯގައި ފޭރެން މަސައްކަތް ކުރި މީހާ ހަމަ އެ މަގުން ހެލްމެޓް ނާޅާ ދުއްވާފައިދާތަން ވެސް ފެނެއެވެ.