އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، އާސެނަލާއި ލިވަޕޫލުންވެސް ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ރޭ ލިވަޕޫލުން ލިވަޕޫލުން ރަށުން ބޭރުގައި ސައުތުހެމްޓަން 2-1 އިން ބަލިކޮށް ސެމީއަށް ދަތުރުކޮށްފައިވާ އިރު، އާސެނަލުން ސެމީއަށް ދަތުރުކުރީ އަމިއްލަ ދަނޑުގައި 3-2 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްގެންނެވެ.

ލިވަޕޫލާ ދެކޮޅަށް ރޭ ސައުތުހެމްޓަންއިން ނުކުތީ ވަގުތީ ކޯޗު ސިމޮން ރަސްކާއެކުގައެވެ. އެޓީމު ލީގު ފުލުގައި އޮތް އިރު، ޓޮޓެންހަމް ކައިރިން 5-0 އިން ބަލިވި މެޗަށްފަހު ކޯޗު ރަސެލް މާޓިން ވަނީ މަގާމުން ވަކިކޮށްފައެވެ.

އެ ބަދަލާއެކު ސައުތުހެމްޓައިން ރަނގަޅަށް މެޗު ފެށި ނަމަވެސް، 25 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގިއެވެ. ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް ސައުތުހެމްޓަންގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި ކުރިއަށް ދުއްވާލި ބޯޅައިގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ޑާވިން ނުނިއޭޒެވެ. އޭނާ ލިވަޕޫލަށް މި ގޯލު ޖަހައިދީފައި މި ވަނީ ހަ މެޗަށްފަހުގައެވެ.

އޭގެ 8 މިނެޓްފަހުން ހާވީ އެލިއޮޓް ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ ކޯޑީ ގަކްޕީ ތަނަވަސްކޮށްދިން ފުރުސަތުގައެވެ.

ސައުތުހެމްޓަންއިން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ކެމަރޮން އާޗާ ޖެހި ގޯލުން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. އެހެން ނަމަވެސް، އިތުރު ނުރައްކަލެއް ނެތި ލިވަޕޫލް ސެމީ ޔަގީންކުރިއެވެ.

އާސެނަލުން ކުޅުނު މެޗުގައި އެޓީމުގެ ތަރިއަކީ ގެބްރިއަލް ޖީސަސް އެވެ. މެޗުގައި އޭނާ ހެޓްރިކް ފުރިހަމަކުރި އިރު، އެ ތިން ގޯލުވެސް ޖެހީ ދެވަނަ ހާފުގައެވެ. ޕެލެސްއިން މެޗުގައި ރަނގަޅަށް ހިތްވަރުކޮށް ކުޅެފައިވާ އިރު، އެޓީމުގެ ގޯލުތައް ޖެހީ ޖީން-ފިލިޕް މަޓޭޓާއާއި ކުރިން އާސެނަލަށް ކުޅުނު އެޑްވާޑް އެންކެޓިއާއެވެ.

އީއެފްއެލް ކަޕްގެ އިތުރު ކުއާޓާ މެޗެއްވެސް ރޭ ކުޅެފައިވާ އިރު، ނިއުކާސަލްއިން ބްރެންޓްފޯޑު ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ސެމީގެ ހަތަރު ޓީމު އެއްކޮށް ޔަގީންވާނީ މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ވާދަކުރާ މެޗަށްފަހުއެވެ.