ބިންވެރިޔާ ސްކީމުގެ ބޭރުން ގޯތި ދިން މައްސަލައެއް ބަލަން ފަށައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ފުލުހުން ވަދެއްޖެއެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ދެ މީހަކަށް ބިންވެރިޔާ ސްކީމުގެ ބޭރުން ދެ ގޯއްޗެއް ދިން މައްސަލައެއް ފާހަގަވެގެން ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ. އަދި ތަހުގީގުގެ ބޭނުމަށް މިހާރު ފުލުހުން ވަނީ އެޗްޑީސީގެ އިމާރާތުގެ ތެރެއަށް ވެސް ވަދެފައެވެ.

ފުލުހުން މިއަދު ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަމުންދާ ކަމަށެވެ.

އެ މައްސަލައިގައި އެޗްޑީސީންް ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށްބުނާ ސިޓީއެއްގައި ވަނީ، ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.

އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށްބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.

އޭގެ ތެރެއިން އެއް ފަރާތަކަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން ވެސް ވަނީ އާންމުވެފައެވެ. ނަމަވެސް އެއީ ސައްހަ އެއްބަސްވުމެއް ކަމަށް ކަށަވަރެއް ނުވެއެވެ.