ފީފާ ވޯލްޑް ކަޕް 2030 އަށް ތައްޔާރުވުމުގެ ގޮތުން މޮރޮކޯގެ އެއާޕޯޓް ކެޕޭސިޓީ 80 މިލިއަން ފަސެންޖަރުންނަށް އިތުރުކުރާނެ ކަމަށް އެގައުމުގެ ބޮޑު ވަޒީރު އަޒީޒް އަހަނޯޗް ވިދާޅުވެއްޖެއެވެ.

ދެން އެންމެ އަވަހަށް އޮންނަ ވޯލްޑް ކަޕް، 2026 ވަނަ އަހަރު އެމެރިކާގައި ބޭއްވުމަށްފަހު، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް އޮންނާނީ މޮރޮކޯ އާއި ސްޕެއިންގެ އިތުރުން ޕޯޗުގަލްގައެވެ. އެ ވޯލްޑް ކަޕަކީ މުބާރާތް ބާއްވަން ފެށިތާ 100 އަހަރުފުރުން ފާހަގަކުރާ ވޯލްޑް ކަޕް ކަމަށްވުމާ އެކު، ބައެއް މެޗުތައް އާޖެންޓީނާގެ އިތުރުން ޕަރަގު އާއީ އަދި އުރުގުއާއީގައި ވެސް ކުޅެން ވަނީ ރާވައިފައެވެ.

ފީފާއިން މިދިޔަ ހަފުތާ ތެރޭގައި ބޭއްވި ހާއްސަ ކޮންގްރެސްގައި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރާ ގައުމުތަކުގެ އިތުރުން 2034 ވަނަ އަހަރުގެ ހޯސްޓްވެސް ވަނީ އިއުލާނު ކޮށްފައެވެ. އެ ވޯލްޑް ކަޕް ބާއްވާނީ ސައުދީ އަރަބިއްޔާގައެވެ.

މޮރޮކޯއިން ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުންނާއި ވޯލްޑް ކަޕްގެ ތެރެއިން ފަތުރުވެރިކަން އިޝްތިހާރު ކުރަން ހާއްސަ ކަންތައްތަކެއް ރާވާފައިވާ އިރު، މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު އަހަނޯޗް ވިދާޅުވީ މޮރޮކޯގެ އެއާޕޯޓް ކެޕޭސިޓީއަކީ މިހާރު 38 މިލިއަން ފަސެންޖަރުން ކަމަށެވެ.

އެއަދަދު ބޮޑުތަނުން މަތިކުރުމަށް ކަސަބްލަންކާ އެއާޕޯޓްގެ ކެޕޭސިޓީ 23.3 މިލިއަން ފަސެންޖަރުންނަށް އިތުރުކުރާ އިރު، ފަތުރުވެރިންގެ މަގުބޫލު އެއާޕޯޓްތައް ކަމަށްވާ މަރަކެޝް އާއި އަގާދިރްގެ ކެޕޭސިޓީ 20.6 މިލިއަން ފަސެންޖަރުންނަށް އިތުރުކުރާނެ ކަމަށްވެސް ބޮޑު ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މޮރޮކޯއަށް ރެކޯޑު 15.9 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. އެގައުމުގެ ފަތުރުވެރިކަން އިތުރުވަމުންދާ އިރު، މޮރޮކޯއިން ވަނީ ވޯލްޑް ކަޕްގެ ކުރިން އާ ރޭލު ވިއުގައެއްވެސް ގާއިމުކުރަން ނިންމައިފައެވެ.

އޭގެ އިތުރުން އަހަނޯޗް މަޖިލީހުގައި ވިދާޅުވީ ވޯލްޑް ކަޕާ ދިމާކޮށް 45 ސްޓޭޑިއަމެއް މަރާމާތުކުރާނެ ކަމަށާއި އޭގެ އިތުރުން ކަސަބްލާންކާ ކައިރީ އެއް ލައްކަ 15،000 މީހުންގެ ސްޓޭޑިއަމެއް އަޅަން ނިންމާފައިވާ ކަމަށެވެ. މޮރޮކޯގެ އެ މަސައްކަތްތަކަށް ގާތްގަނޑަކަށް ފަސް ބިލިއަން ދިރުހަމް (500 މިލިއަން ޑޮލަރު) ހޭދަވާނެ ކަމަށްވެސް ބޮޑު ވަޒީރު ވިދާޅުވިއެވެ.

މޮރޮކޯއިން 2030 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވަން ތައްޔާރުވާ އިރު، އެގައުމަކީ އަންނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް ބާއްވާ ގައުމުވެސް މެއެވެ.