ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އިން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ހައި ކޯޓަށް މައްސަލަ ހުށަޙަޅައިފިއެވެ.
ބީއޭއެމްއިން މީގެ ކުރިންވެސް ދައުލަތާ ދެކޮޅަށް ކޯޓަށް ގޮސްފައިވެއެވެ. އެންމެފަހުން އެ އެސޯސިއޭޝަނުން ސްޕޯޓްސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކޮމިޝަނާ އޮފް ސްޕޯޓްސްއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ. އެ މައްސަލަ ނިމިފައި ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްއާ އެއްކޮޅަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހާލަތު ގޯހުން ގޯހަށް ގޮސް، ދައުރު ހަމަވިތާ ހަމަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެ އެސޯސިއޭޝަނުގެ މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނަރު އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ކުރެއްވި ބައެއް މަސައްކަތްތަކުގެ ތެރެއިން އެސޯސިއޭޝަންގެ ހިންގުން އެ އިދާރާގެ މުއައްސިސް، ސްޕޯޓްސް ކައުންސިލާ ހަވާލުކުރައްވަންވެސް ނިންމަވާފައިވެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ބޯޑަށް އެންމެ ފަހުން މީހުން އިންތިހާބު ކުރީ 24 ފެބްރުއަރީ 2021 ގައެވެ. އެ ހިންގާ ބޯޑު ކޮމިޝަނަރު އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ 11 މާޗް 2021 ގައެވެ. އިންތިހާބެއް ނުބޭއްވި ބެޑްމިންޓަން އެސޯސިއޭޝަން އެ ހާލަތަށް ގޮސްފައިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ ތެރެއިންނެވެ. އެ އިދާރާ ހިންގަވަން ހުންނެވި ރައީސް، މޫސާ ނާޝިދު (މޫސަ) އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލައެއް މާޗު މަހުގެ ތެރޭގައި އޭސީސީން ބަލަން ފަށާފައިވާ އިރު، އެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ އެސޯސިއޭޝަނަށްވެސް ވަދެފައެވެ. އެފަހަރު އޭސީސީން ބުނީ ކޯޓު އަމުރެއްގެ ދަށުން ބީއޭއެމްގެ ރައީސް މޫސައާ ގުޅުންހުރި ބައެއް ތަންތަން ބަލަމުން އަންނަ ކަމަށެވެ.
އަވަސް އަރުވާލައިގެން އިންތިހާބު ބާއްވަން އެސޯސިއޭޝަނުން ކުރި މަސައްކަތްވެސް އޭސީސީއާއި ކޮމިޝަނާ އޮފް ސްޕޯޓްސް އިން ހުއްޓުވާފައިވާ އިރު، ސިވިލް ކޯޓަށް ބީއޭއެމްއިން ހުށަހެޅީ ކޮމިޝަނަރުގެ އެންގުމަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމުގެ އިތުރުން ކުޅިވަރާބެހޭ ގައުމީ މަޖިލީހާ ހަވާލުކުރި ކަމަށް އަންގައި ފޮނުވާފައިވާ ސިޓީއަކީ ގާނޫނުން ބޭރުން ފޮނުވާފައިވާ ސިޓީއެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ އެސޯސިއޭޝަނުން އެދުނު ވަގުތު އަމުރު ނެރެނުދޭން ސިވިލް ކޯޓުން ފުރަތަމަވެސް ނިންމިއެވެ. އަދި ފަހުން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ ހިންގާ ގަވާއިދުގައި ލިޔެ، ކޯޓަށް ވެއްދުން މަނާކޮށްފައިވާ ހާލަތެއްގައި އެ މައްސަލައިގައި ކޯޓަށް ހައްލު ހޯދަން ހުށަހަޅަން ބީއޭއެމްއަށް ނުޖެހޭ ކަމަށެވެ. އަދި އެއީ މިނިވަންކަން ގެއްލި، ހައްގު އުނިވުމެއް ނޫން ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ. ހުކުމުގައި ބުނީ މައްސަލައަށް ހައްލު ހޯދަން ޖެހޭނީ އިދާރާގެ އެތެރެއިން ކަމަށެވެ. މައްސަލައިގެ ބާވަތުން، ސިވިލް ކޯޓުން އެންގި އެންގުމާއެކު، ބީއޭއެމްއިން މައްސަލަ ހިފައިގެން ކޮމިޝަނާ އޮފް ސްޕޯޓްސްއާ ދެކޮޅަށް ކޯޓަން ދާން ޖެހޭނެ ހާލަތެއް ނެތް ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން މައްސަލަ ވެއްދީ މުއްދަތު ހަމަވެފައިވާ ހިންގާ ކޮމިޓީއަކުން ކަމަށްވެސް ސިވިލް ކޯޓުން ބުނެފައިވެއެވެ. އަދި ހިންގާ ކޮމިޓީގެ މުއްދަތު ހަމަ ނުވާ ކަމަށް ބަޔާންކުރުމަށް އެސޯސިއޭޝަނުން ބޭނުންކުރި ކުޅިވަރު ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދުގެ 21، 23 އަދި 24 ވަނަ މާއްދާ، އެ ހާލަތުގައި ބޭނުން ނުކުރެވޭނެ ކަމަށްވެސް ސިވިލް ކޯޓުން ބުނެފައިވެއެވެ.
ބީއޭއެމްގެ މައްސަލައިގައި އެ އެސޯސިއޭޝަނުން ހާލަތު އޮޅުވާލަން ދުނިޔޭގެ ފެޑެރޭޝަނަށް ސިޓީ ފޮނުވި ކަމަށްވެސް ތުހުމަތު ކުރެވިފައިވާ އިރު، ދުނިޔޭގެ ފެޑެރޭޝަނާއެކު މައްސަލަ ހައްލުކުރުމަށް މިހާރުވެސް ކޮމިޝަނަރު ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް ދާދިފަހުން "ވަން ސްޕޯޓްސް" އަށް ވިދާޅުވީ، ދުނިޔޭގެ ފެޑަރޭޝަން (ބީޑަބްލިޔުއެފް) އާ މަޝްވަރާ ކުރެވެމުންދާ ކަމަށާއި، އަދި ވަކި ގޮތެއް އެކަމުގައި ނިންމިފައި ނުވި ނަމަވެސް، އަވަސް މުސްތަގުބަލެއްގައި އެކަން ހައްލުވާނެ ކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް