ބްރެޒިލްގެ ލެޖެންޑަރީ ފޯވަޑް ރޮނާލްޑޯ ނަޒާރިއޯ، އެގައުމުގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލާނެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ބްރެޒިލުން އެގައުމުގެ ފުޓުބޯޅައަށް ބަދަލުތަކެއް ގެނެސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވާން ފަށާފައިވާ އިރު، އުމުރުން 48 އަހަރުގެ ރޮނާލްޑޯ މަގާމަށް ކުރިމަތިލާން ނުކުންނަނީ ގައުމީ ޓީމުގެ ޝަރަފުވެރިކަން އަނބުރާ ހޯދައިދިނުމަށް ކަމަށެވެ.
ބްރެޒިލް ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސްކަމުގައި މިހާރު ހުރީ އެޑްނާލްޑޯ ރޮޑްރިގޭޒްއެވެ. އޭނާ އިތުރު ދައުރަކަށް ވާދަކުރައްވަން އަދި ނިންމާފައެއް ނުވެއެވެ. ރޮނާލްޑޯ ނުކުންނަނީ އެޑްނާލްޑޯ ބަދަލު ކުރުމަށެވެ.
މީގެ ކުރިން ރެކޯޑު ފަސް ފަހަރު ވޯލްޑް ކަޕް ހޯދާފައިވާ ބްރެޒިލުން އެންމެފަހުން އެ މުބާރާތް ކާމިޔާބުކުރީ 2002 ވަނަ އަހަރުއެވެ. އޭގެފަހުން އެއްވެސް އަހަރެއްގައި ބްރެޒިލުން ކުއާޓާ ފައިނަލަށްވުރެ ދުރަށް ދަތުރުކޮށްފައެއް ނުވެއެވެ.
"ބްރެޒިލްގެ ފުޓުބޯޅައަކީ ގައުމުގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް މުހިއްމު ކަމެއް. އެއީ އެހެން ހުރިހާ މައްސަލަތަކަކުން ދުރުވެ، އުފާވެރި މާހައުލެއްގައި ވިސްނުން ހިންގާލަން ލިބޭ ފުރުސަތު. އެހެންވީމަ ފުޓުބޯޅަ މުހިއްމުވާނެ. ރައީސްކަމަށް ނުކުންނަން ޝައުގުވެރިވީ ގައުމީ ޓީމަށް ކުރިން އޮތް އިހުތިރާމް އިޔާދަކުރަން،" ރޮނާލްޑޯ ބުންޏެވެ.
ބްރެޒިލްގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސްކަމުގައި މިވަގުތު ހުރި އެޑްނާލްޑޯގެ ދައުރު ހަމަވާނީ 2026 ވަނަ އަހަރު މާޗު މަހާ ހަމައަށެވެ. ބްރެޒިލް ފުޓުބޯޅަ ފެޑަރޭޝަންގެ ގަވާއިދު ބުނާ ގޮތުން އެއް އަހަރު ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. އެހެންކަމުން އަންނަ އަހަރު ކުރީކޮޅުގައި އެގައުމުގެ އެފްއޭގެ އިންތިހާބު ބާއްވާނެއެވެ.
ބްރެޒިލް ގައުމީ ޓީމަށް 98 މެޗު ކުޅެފައިވާ ރޮނާލްޑޯވަނީ ގައުމީ ޓީމާއެކު 1994 ގެ އިތުރުން 2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. އޭނާއަކީ ވޯލްޑް ކަޕް ތާރީހުގައި ދެވަނައަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ރޮނާލްޑޯ ވަނީ ވޯލްޑް ކަޕްގައި ކުޅުނު 19 މެޗުގައި 15 ގޯލު ޖަހައިފައެވެ.
ޖުމުލަ 17 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅުނު ރޮނާލްޑޯ ވަނީ ގައުމީ ޓީމާއެކު ދެ ފަހަރަށް ކޮޕާ އެމެރިކާ ތަށި ހޯދައި، އޮލިމްޕިކް ލޯ މެޑަލްސްވެސް ހޯދައިފައެވެ.
ދުނިޔޭގެ ފުޓުބޯޅަ ދުށް އެންމެ މޮޅު އެއް ފޯވަޑް ރޮނާލްޑޯ ފުޓުބޯޅަ ހިންގުމުގެ ދާއިރާގައި އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެގޮތުން އޭނާއަކީ ސްޕެއިންގެ ކްލަބެއް ކަމަށްވާ ރެއާލް ވަލަޑޮލައިޑްގެ އޯނަރުގެ އިތުރުން އެ ކްލަބުގެ ރައީސެވެ. އެ ކްލަބާއެކު ރަނގަޅު މަސައްކަތްތަކެއް ކުރި ރޮނާލްޑޯއަކީ މިވަގުތު އެގައުމުގެ ފުޓުބޯޅައިގެ ރައީސަކަށް އެންމެ އުންމީދު ބޮޑު ކެނޑިޑޭޓް ކަމަށް މީޑިއާތަކުން ބުނެއެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް