މަނާ ބޭސް ބޭނުންކުރިތޯ ބެލުމަށް ހަދާ ޑޯޕިން ޓެސްޓަކުން ފެއިލްވެ، ޗެލްސީގެ ޔުކްރެއިން ވިންގް، މިހައިލޯ މުޑްރީކް ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފިއެވެ.

އުމުރުން 23 އަހަރުގެ މުޑްރީކް ސަސްޕެންޑް ކޮށްފައިވަނީ ސީދާ ކޮން ބާވަތެއްގެ ބޭހެއް ބޭނުންކޮށްގެންކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ ކްލަބު ޗެލްސީން ނެރުނު ބަޔާނެއްގައި ބުނީ ޑޯޕިން ޓެސްޓަކުން މުޑްރީކް ފެއިލްވެފައިވާ ކަމަށާއި، އެކަމުގައި އިނގިރޭސި އެފްއޭއިން ޗެލްސީއާ ބައްދަލުކޮށްފައިވާ ކަމަށެވެ.

މުޑްރީކް އެންމެފަހުން ލީގު މެޗަކަށް ޗެލްސީ ސްކޮޑުގައި ހިމެނިފައި ވަނީ އެސްޓަން ވިލާއާ ދެކޮޅަށް އެޓީމުން ކުޅުނު މެޗަށެވެ. އެމެޗުގައި މުޑްރީކް ފެނިގެން ގޮސްފައި ނުވާ އިރު، އޭގެފަހުން ކޯޗު އެންޒޯ މަރެސްކާ ބުނީ މުޑްރީކް ބަލިވެ އުޅޭ ކަމަށެވެ.

މަނާ ބޭހުގެ ޓެސްޓަކުން ފެއިލްވި ނަމަވެސް، މުޑްރީކް ބުނީ އެކަހަލަ އެއްވެސް ބާވަތެއްގެ ބޭހެއް އޭނާ ބޭނުން ނުކުރާ ކަމަށެވެ. އަދި ޑޯޕިން ޓެސްޓުން އޭނާ ފެއިލްވާން ޖެހޭ އެއްވެސް ސަބަބެއް ނޭނގޭ ކަމަށާއި، އެކަމުގައި ހައްލެއް ހޯދުމަށް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް މުޑްރީކް އަމިއްލައަށް ނެރުނު ބަޔާނެއްގައި މިއަދު ބުނެފައިވެއެވެ.

މުޑްރީޑް ބުނީ މަނާ ބޭހެއް ބޭނުންކުރި ކަމަށް ޓެސްޓުން ދެއްކުން އެއީ އޭނާ ހައިރާންވާ ކަމެއް ކަމަށާއި، އެއްވެސް އުސޫލެއްގެ ބޭރުން ކަންތައް ކޮށްފައި ނުވާނެ ކަމަށެވެ.

މުޑްރީކް، 2023 ވަނަ އަހަރު ޗެލްސީއަށް ސޮއިކުރީ ގާތްގަނޑަކަށް 89 މިލިއަން ޕައުންޑްގެ ޑީލެއްގައެވެ. އޭގެފަހުން ޗެލްސީއަށް ކުޅުނު 73 މެޗުގައި 10 ގޯލު އޭނާ ޖަހާފައިވާ އިރު، އެންމެ އެކަށީގެންވާ ފޯމެއް އަދި ދެއްކިފައެއް ނުވެއެވެ. މުޑްރީކް ޗެލްސީއަށް ދިޔުމުގެ ކުރިން ކުޅުނީ އަމިއްލަ ގައުމުގެ ޝަކްތާ ޑޮނެސްކަށެވެ.