އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ލިވަޕޫލުން ރޭ ކުޅުނު މެޗުތައްވެސް އެއްވަރުވެއްޖެއެވެ.

އާސެނަލުން އަމިއްލަ ދަނޑުގައި އެވަޓަންއާ އެއްވަރުވީ ގޯލެއް ނުޖެހިއެވެ. އަނެއްކޮޅުން ލިވަޕޫލުން ދެފަހަރަށް ނަތީޖާ އެއްވަރުކޮށް، ފުލްހަމް ކައިރިން ޕޮއިންޓެއް ހޯދީ 2-2 ގެ ނަތީޖާއަކުންނެވެ. އެއީ ލިވަޕޫލް އަމިއްލަ ދަނޑުގައި ކުޅުނު މެޗުންނެވެ.

ލިވަޕޫލާއި އާސެނަލް އެއްވަރުވުމުން ތާވަލުގައި އެންމެ ބޮޑު ފައިދާއެއް ނެގެން އޮތީ ދެވަނައިގައި އޮތް ޗެލްސީއަށެވެ. އެއީ ލިވަޕޫލުން އެއްވަނައިގައި 15 މެޗުން 36 ޕޮއިންޓާއެކު އޮތުމުންނެވެ. ދެވަނައިގައި ޗެލްސީ، 15 މެޗުން 31 ޕޮއިންޓާއެކު އޮތް އިރު، މާދަމާ ރޭ ބްރެންޓްފޯޑު ކައިރިން މޮޅުވެ، އެޓީމަށް ލިވަޕޫލާ ދެ ޕޮއިންޓް ގާތަށް ޖެހިލަން ފުރުސަތު އެބައޮތެވެ.

އާސެނަލް މިވަގުތު ތިންވަނައިގައި 16 މެޗުން 30 ޕޮއިންޓާއެކު އޮތް އިރު، ރޭގެ މެޗުގައި އެޓީމަށް ލިބުނު ފުރުސަތުތައް ދިޔައީ ބޭކާރުވެގެންނެވެ. 76 ޕަސެންޓް ވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކުރީ އާސެނަލުންނެވެ. އެ ވަގުތުތަކުގައި އާސެނަލުން ޖުމުލަ 13 ހަމަލާއެއް އުފެއްދި ނަމަވެސް، އެޓީމަށް ގޯލެއް ޖަހަން އުނދަގޫތަކަކާ ކުރިމަތިވިއެވެ.

މާޓެން އޮޑެގާޑުގެ ދެ ހަމަލާއެއް ނުރައްކާކޮށް ފެނިގެން ގޮސްފައިވާ އިރު، ބުކަޔޯ ސަކާ ޖެހި ބޯޅަ މަތަކުރީ ކީޕަރު ޖޯޑަން ޕިކްފޯޑެވެ.

ލިވަޕޫލުން ރޭގެ މެޗު އެއްވަރުކުރި އިރު، 11 ވަނަ މިނެޓުގައި ފުލްހަމްއިން ވަނީ އެޓީމު ކޮޅަށް ގޯލު ޖަހައިފައެވެ. އެ ގލު ޖެހީ އަންދްރޭސް ޕެރޭރާއެވެ. އެ ގޯލާއެކު ފުލްހަމް ލީޑު ނަގައި ލިވަޕޫލް މާޔޫސްކޮށްލި އިރު، އެ މާޔޫސްކަން އިތުރަށް ބޮޑުވީ ހަ މިނެޓުފަހުން އެންޑީ ރޮބަޓްސަންއަށް ދެއްކި ރަތްކާޑާއެކުގައެވެ.

މެޗު އެއްވަރުކުރަން މަސައްކަތްކުރި ލިވަޕޫލަށް ދެވަނަ ހާފުގެ ފެށުން ރަނގަޅެވެ. ކޯޑީ ގަކްޕޯ ގޯލު ޖަހައި އެޓީމަށް އެއްވަރުކޮށްދިން އިރު، މެޗުގައި ފުލްހަމްއިން ދެވަނަ ފަހަރަށް ލީޑު ނެގީ 76 ވަނަ މިނެޓުގައެވެ. އެއީ ރޮޑްރީގޯ މުނީޒް ޖެހި ގޯލެކެވެ.

ލިވަޕޫލުން ގޮތް ހުސްވެ، ހުރިހާ އެޓޭކިން ކުޅުންތެރިންނެއްގެ ބޭނުން ހިފުމުގެ ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ 86 ވަނަ މިނެޓުގައި އެއްވަރުކޮށްފައެވެ. އެއީ ޑެއޭގޯ ޖޮޓާ ޖެހި ގޯލުންނެވެ.