ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން މި މަހު ފެށި އިރު، ޓޫރިސްޓުން އައި އަދަދާއި އަންނަ އަދަދު ދަށްވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 51،210 ފަތުރުވެރިން އައިސްފައިވެއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 51،838 ދަށްވެފައެވެ. އެއީ 1.2 ޕަސެންޓުގެ ދަށްވުމެކެވެ.

އޭގެ އިތުރުން މިދިޔަ ނޮވެމްބަރު މަހާ އަޅާބަލާއިރު، އެވްރެޖުކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ ދަށްވެފައެވެ. މިދިޔަ މަހު ދުވާލަކު އެވްރެޖުކޮށް 5،766 ފަތުރުވެރިން ރާއްޖެ އައި އިރު، އެ އަދަދު މި މަހުގެ ފުރަތަމަ 10 ދުވަހު ވަނީ 5،659 އަށް ދަށްވެފައެވެ.

މި މަހުގެ ފުރަތަމަ 10 ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދާއި އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ނަމަވެސް މި އަހަރު ރާއްޖެއަށް ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިން އައިސްފައެވެ.

އެގޮތުން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް 1.88 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 88 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1.7 މިލިއަން ފަތުރުވެރިންނެވެ.