ޔޫއެފާ ކޮންފަރެންސް ލީގުގައި ޗެލްސީން ރޭ ކުޅުނު މެޗުގައި އެސްޓާނާ ބަލިކޮށް، އެޓީމުން ގަދަ 16 ޔަގީން ކޮށްފިއެވެ.
ކަޒަކިސްތާނުގައި ރޭ ކުޅުނު މެޗުގައި ޗެލްސީން އެސްޓާނާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ޗެލްސީ ނުކުތީ 3600 މޭލުގެ ދިގު ދަތުރެއްކޮށްފައެވެ. އެ ދިގު ދަތުރަށްފަހު ރޭ މެޗު ކުޅެފައި ވަނީ -11 ޑިގްރޭ ސެލްޝިއަސް ގައެވެ. މެޗު ތެރެއިން ފިނީގެ ސަބަބުން ކުޅުންތެރިންނަށް އުނދަގޫތަކާ ދިމާވިތަން ފެނިގެން ގޮސްފައިވެއެވެ.
ބަދަލުތަކާއެކު ނުކުތް ޗެލްސީން މެޗުގެ ކުރީކޮޅުގައި އެޓީމުގެ ގޯލުތައް ޖަހައި، މެޗުގެ ކޮންޓްރޯލް ހޯދިއެވެ. މެޗުގެ 14 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ އުމުރުން 18 އަހަރުގެ ސްޕެއިން ފޯވަޑް މާކް ގިއޫއެވެ.
އޭގެ ހަތަރު މިނެޓް ފަހުން ޗެލްސީން އިތުރު ގޯލެއްވެސް ޖެހި އިރު، އެ ގޯލުގައިވެސް ގިއޫގެ ހިއްސާ ބޮޑެވެ. ޕެޑްރޯ ނެޓޯގެ ހުރަސް އޭރިއާ ތެރެއިން ގިއޫ ފޮނުވާލުމުން ގޯލަށް ވަނީ އެސްޓާނާގެ ޑިފެންޑަރު އެލެކްސެންޑާ މަރޮޗްކިން ގައިގައި ޖެހިފައި ބައިކޮޅަށެވެ.
ޗެލްސީން ޑޮމިނޭޓްކޮށް، ގިނަ ހަމަލާތަކެއް އުފެއްދި ފުރަތަމަ ހާފުގައި އެޓީމުގެ ތިންވަނަ ގޯލެއްވެސް ފެނިގެން ގޮސްފައިވެއެވެ. އެއީ ރެނާޓޯ ވޭގާ ބޮލުން ފޮނުވާލި ބޯޅައަކުން ޖެހި ގޯލެކެވެ.
އެ ތިން ގޯލާއެކު ޗެލްސީން ކޮންމެވެސް ވަރަކަށް މަޑުޖެހިލި އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސްޓާނާގެ މަރިން ޓޮމަސޯވް ވަނީ ހިތްގައިމު ގޯލެއް ޖަހައި އެޓީމުގެ ސަޕޯޓަރުންނަށް ހިތްހަމަ ޖެހުމެއް ގެނެސްދީފައެވެ. އެހެން ނަމަވެސް ދެވަނަ ހާފުގެ ކޮންޓްރޯލް ގެއްލުވާނުލައި ޗެލްސީން މޮޅު ޔަގީންކުރިއެވެ.
ޗެލްސީން ކޮންފަރެންސް ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 15 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ޗެލްސީއަށް ދެން ލީގު ބުރުގައި ބާކީ އޮތީ ޝެމްރޮކް ރޯވާސްއާ ދެކޮޅަށް ޑިސެމްބަރު 19 ވަނަ ދުވަހު ކުޅެން އޮތް މެޗެވެ.
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު
ޔޫއެފާ ޔޫރޮފާ ކޮންފަރެންސް ލީގު