ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓަކީ ވޯލްޑް ކަޕެވެ. އެ މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތަކީ ޝަރަފުވެރި ފުރުސަތެކެވެ. ހާއްސަކޮށް މިފަހަކަށް އައިސް، ގައުމެއްގެ އިގުތިސާދާއި ސަގާފަތާވެސް ވޯލްޑް ކަޕް އޮތީ ގުޅިލާމެހިފައެވެ. އެންމެފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް 2022 އިންވެސް އެކަން ވަރަށް ބޮޑަށް ސާފުވިއެވެ. ގަތަރު ދުނިޔެއަށް ހުޅުވާލުމުގެ އިތުރުން މުސްލިމުންނަށްވެސް ތައުރީފު އަމާޒުވިއެވެ.

އަރަބީންގެ މެދު އިރުމައްޗަށް އަނެއްކާވެސް ވޯލްޑް ކަޕް ލިބިއްޖެއެވެ. 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ ސައުދީ އަރަބިއާގައި ކަމަށް ފީފާއިން ރަސްމީކޮށް އިއުލާނުކުރުމާ ހަމައިންވެސް، ސައުދީގައި ވަނީ އުފާފާޅުކުރުން ފެށިފައެވެ. އެ ގައުމުގެ އަމާޒަކީ 2030 އަށް މުޅި ގައުމުގެ އިގުތިސޯދާއި ތަރައްގީ އެހެން ހަރުފަތަކަށް ގެންދިޔުމެވެ. އެކަމަށް ވޯލްޑް ކަޕް އެހީވެދޭނެއެވެ. ވޯލްޑް ކަޕް ބިޑް ކާމިޔާބުކުރުން ސައުދީއަށް މުހިއްމުވީވެސް ހުރިހާ ކަމެއް ގުޅުވާލައި، ދުނިޔެއަށް ހުޅުވާލުމަށެވެ. މިހާތަނަށް ލޯ މައްޗަށް ފެނިފައި ނުވާނެ މަންޒަރުތަކެއް ދުނިޔެއަށް ދައްކާލުމަށް ސައުދީން ވިސްނާފައިވާކަން ވޯލްޑް ކަޕްގެ ބިޑުން ސާފުވެއެވެ.

ސައުދީގައި ބާއްވާ ވޯލްޑް ކަޕްގައި 48 ގައުމަކުން ވާދަކުރާނެއެވެ. މެޗުތައް ތާވަލުކޮށްފައި ވަނީ ފަސް ސިޓީއެއްގައި ކުޅުމަށެވެ. އެއީ ރިޔާދާއި ޖިއްދާ، ހޮބަރުގެ އިތުރުން އަބްހާ އަދި ނެއޮމް އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ އެއް ސިޓީއަކީ ނެއޮމް އެވެ. އެއީ އަދި ހިޔާލީ ކުރެހުމެއްގައި އޮތް ސިޓީއެއް ނަމަވެސް، އާ އީޖާދީ ވިސްނުމަކުން ބަލާއިރު ހައިރާން ކުރުވަނިވި ސިޓީއެއްވެސް މެއެވެ.

ސައުދީގެ ވޯލްޑް ކަޕް ބިޑުގެ އެންމެ މުހިއްމު އަސާސަކީ ސައުދީ ދުނިޔެއަށް ހުޅުވާލުމެވެ. އެ ގައުމުން 2030 އަށް ގެންގުޅޭ ހާއްސަ ވިސްނުމަކީ "ވައިބްރެންޓް އާބާދީއެއް، ކުރިއަރާފައިވާ އިގުތިސާދެއް، ދުރު ވިސްނޭ ގައުމެއް،" މިއެވެ. އެ ޝިޔާރަށް ވޯލްޑް ކަޕް މުހިއްމުވެއެވެ. އެ ވިސްނުމަށް ކުޅިވަރު ވަދެ ނިމިއްޖެވެސް މެއެވެ.

މިހާރުވެސް ސައުދީގައި ދުނިޔޭ ފެންވަރުގެ އެތައް ކުޅިވަރު އިވެންޓެއް ހޯސްޓް ކުރަމުން ދެއެވެ. އެއީ ސައުދީ އިންވެސްޓްމަންޓް ފަންޑުން ކުޅިވަރާއެކު އެގައުމުގެ "ޕީއާރް" ދުނިޔެއަށް ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތެވެ. އޭގެ ތެރޭގައި އެލްއައިވީ ގޮލްފް ޓުއާ، ފޯމިއުލާ ވަންއާއެކު ކޮމްބެޓް ސްޕޯޓްސްގެ އިވެންޓްތަކާއި އޭޓީޕީ ޓެނިސް އަދި ޑަބްލިޔުޓީއޭ ޓެނިސް އިވެންޓްތައް ހޯސްޓް ކުރުން ހިމެނެއެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިންވެސް ސައުދީން ވޯލްޑް ކަޕް ބިޑަށް ކުރި އެންމެ ބޮޑު އެއް މަސައްކަތަކީ ސައުދީ ޕްރޯ ލީގު މަގުބޫލުކޮށްލުމެވެ. ކްލަބުތަކަށް ސަރުކާރުގެ ފަންޑް ދީ، ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނޭމާގެ އިތުރުން ކަރިމް ބެންޒެމާ ފަދަ އެތައް ތަރީންނެއް އެގައުމުގެ ކްލަބުތަކަށް ގެންދިޔުން އެއީ ދުރުވިސްނޭ ޕްލޭނަކާއެކު ކުރި މަސައްކަތެކެވެ.

ސައުދީއަކީ ކުޅިވަރުގެ ތެރެއިން ކަޅު ފައިސާ "ދޮންނަ" ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މީޑިއާތަކުން ސިފަކޮށްފައިވެއެވެ. އެގޮތުން އެގައުމުގެ އިންސާނީ ހައްގުތަކަށް އެމްނެސްޓީ އިންޓަނޭޝަނަލްގެ އިތުރުން ހިއުމަން ރައިޓްސް ވޮޗް ފަދަ އެތައް ޖަމިއްޔާއަކުން މިހާރުވެސް ދަނީ ފާޑު ކިޔަމުންނެވެ. އެގައުމުގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ޕްރިމިއާ ލީގުގެ ނިއުކާސަލް ގަތުމުން، އެކަން ހުއްޓުވަންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް، އެކަންވެސް ކާމިޔާބެއް ނުވިއެވެ.

ހަމަ އެބީދައިން ސައުދީގެ ގާނޫނީ އުސޫލުތަކަށް މިއަދުވެސް އެމްނެސްޓީ ފަދަ ތަންތަނުން ދަނީ ފާޑު ކިޔަމުންނެވެ. ހަމަހަމަ ފުރުސަތު ނުދޭ ކަމަށް ބުނެއެވެ. ބަނގުރާ ބުއިމާއި ވިއްކުމަށް އާއްމުކޮށް ފުރުސަތު ނޯންނާތީއާއި އެއްޖިންސުން ގުޅުން ހިންގުމަށް އެގައުމުގައި ތާއީދު ނުކުރެވޭތީއެވެ.

ސައުދީގެ ވޯލްޑް ކަޕް ބިޑަށް ފީފާއިން ފަހަކުން 4.2 ގެ ސްކޯއެއް ދީފައިވާ އިރު، އެއީ މިހާތަނަށް ވޯލްޑް ކަޕް ބިޑަކަށް ލިބުނު އެންމެ މަތީ ސްކޯއެވެ. އެހިސާބުންވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ސައުދީއާއި ފީފާއަށް ފާޑު ކިޔާފައިވެއެވެ. ސައުދީގެ ބިޑް އިވެލުއޭޓް ކުރުން ހުއްޓުވާލަންވެސް ބައެއް ޖަމިއްޔާތަކުން މަސައްކަތް ކުރިއެވެ. ހިލޭ ސާބަހަކަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ދާދިފަހުން ނެރުނު ރިޕޯޓެއްގައި ބުނީ މިއަހަރު ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ސައުދީގައި 200 މީހަކަށް މަރުގެ އަދަބު ދިން ކަމަށާއި، އެކަންކަން އެހެން އޮއްވާ ވޯލްޑް ކަޕެއް ބާއްވަން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރު ސައުދީގެ ނޫސްވެރިއެއް ކަމަށްވާ ޖަމާލް ހަޝޯގީ ތުރުކީގައި ހުންނަ އެމްބަސީ ތެރޭގައި މަރާލުމަކީވެސް ސައުދީއާ ދޭތެރޭ ސުވާލު އުފައްދަން ޖަމިއްޔާތަކުން ބޭނުންކުރި ވާހަކައެކެވެ. އެވާހަކަތަކުން ސައުދީގެ ނަން ބައެއް ޖަމިއްޔާތަކުގެ ނަޒަރުގައި ކިލަނބުވެފައި އޮތް ނަމަވެސް، ފީފާއިން އެގައުމުގެ ވިސްނުމަށް ދިނީ މުޅިން ތަފާތު ޖަވާބެކެވެ.

"ސައުދީން ވޯލްޑް ކަޕް ބާއްވަން ކޮށްފައިވާ ބިޑުގައި ވަނީ އެގައުމުގެ ވިސްނުން ގެންދަން ބޭނުންވާ ގޮތް ހާމަކޮށްފަ. އެގައުމު ދުނިޔެއަށް ހުޅުވާލުމަކީ ބިޑުގެ އެންމެ ބޮޑު އެއް އަމާޒު. އެހެންވީމަ މުސްތަގުބަލުގައި ސައުދީގެ އިންސާނީ ހައްގުތައް ރަނގަޅު ކުރުމަށް ވޯލްޑް ކަޕް އެހީވެދޭނެ. އެހެންވީމަ ސައުދީ ބިޑަކީ ހަމައެކަނި ފުޓުބޯޅައިގެ ބިޑެއް ނޫން. އެއީ މުޅި މެދުއިރުމަތީގެ ހާލަތު ރަނގަޅުކޮށްދޭނެ ބިޑެއް،" ފީފާއިން ނެރުނު ބިޑް އެނަލިސިސް ރިޕޯޓުގައި ބުނެފައިވެއެވެ.

މަސައްކަތްތެރިންގެ ކަންކަމުގައިވެސް ސައުދީން އަމަލުކުރާ ގޮތަށް ފާޑު ކިޔުން އަމާޒުވެފައިވެއެވެ. ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވާގޮތުގައި ސައުދީގެ މަސައްކަތްތެރީންނަށް ހާއްސަ ގާނޫނެއް 2021 ވަނަ އަހަރު ވުޖޫވެފައި އޮތް ނަމަވެސް އަދިވެސް އޮތީ 'ފޯސްޑް ލޭބާ' ކަމަށެވެ. އެއީ ސައުދީން 2030 ވަނަ އަހަރަށް ގެންގުޅޭ އަމާޒަށް ވާސިލުވާން އެ ގައުމުން ކުރާ މަސައްކަތްތަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ބަޔާނެއްގައެވެ.

އެ ހުރިހާ ޕްރެޝަރަކާއެކުވެސް ސައުދީން ހަގީގަތުގައި ވޯލްޑް ކަޕް ބާއްވަން ފުރުސަތު ހޯދީ ޕްލޭނެއްގެ ދަށުން، އެ ޕްލޭނަށް މަސައްކަތް ކޮށްގެންނެވެ. ފީފާއިން ބިޑަށް ހުޅުވާލާ ގޮތުން އެކަމަށް ބައެއް ގައުމުތަކުން ޝަކުވާ އުފުލާފައި އޮތް ނަމަވެސް، ސައުދީން ބިޑް ކާމިޔާބުކުރީ އެކަންކަމާ އެންމެ ދެކޮޅު ހެދި އިނގިރޭސި އެފްއޭގެ ވޯޓާވެސް އެކުގައެވެ.

ވޯލްޑް ކަޕަށް ބިޑް ކުރަން ސައުދީއަށް އެންމެ މަހެއްހައި ދުވަސް ލިބުނު އިރު، އެ ސްލޮޓަކީ އޭޝިއާއާއި އޯޝެނިއާއަށް ދޭ ސްލޮޓެކެވެ. އޮސްޓްރޭލިއާއިން ބިޑަށް ތައްޔާރުވި ނަމަވެސް، ފުރުސަތު ދޫކޮށްލީ މާ ބޮޑު ޕްލޭނެއް ނެތުމުންނެވެ. ޕްލޭން ނެތި، މަހެއްހައި ދުވަހުގެ ތެރޭގައި ޕްލޭނެއް ނުހެދޭނެކަން އެނގޭތީއެވެ. އެހެންކަމުން ސައުދީން އެކަން ކުރީ ދުރާލައި ރާވައިގެންނެވެ.

ސައުދީގައި ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ އަރަބި ގައުމެއްގައި ބާއްވާ ދެވަނަ ވޯލްޑް ކަޕަށެވެ. ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަކީ ފުރަތަމަ އަރަބި ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕް ހިތްގައިމެވެ. ތަފާތެވެ. އުފާވެރިއެވެ. އެތައް ސަޕޯޓަރުންނެއް ގަތަރަށް ހިތް ދިނެވެ.

އެ ވޯލްޑް ކަޕުގައިވެސް މުބާރާތުގެ ކުރީން ވާހަކަ ހުރީ އެހެނެއް ނޫނެވެ. މީޑިއާއިން ގަތަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރިއެވެ. އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ނުކުރެވޭތީއާއި އާއްމުކޮށް ހުޅުވާލެވިގެން ބަނގުރާ ނުބޮވޭތީއެވެ. އެއީ ހުޅަނގުގެ ސަޕޯޓަރުންނަށް މުހިއްމު ކަންކަމަށްވާތީއެވެ.

ކޮންމެއަކަސް ގަތަރުން އެކަމުގެ ހައްލު ހޯދީ ވަކި ހާއްސަ ޒޯންތަކެއް ހަދައިގެންނެވެ. ފޭން ޒޯންތަކެކެވެ. ސައުދީގައިވެސް ބަނގުރާ ހުއްދު ނުކޮށް އޮތް އިރު، އެކަމަށް ހައްލު ގެންނާނެ ގޮތެއް އަދި ނުނިންމައެވެ. ކޮންމެއަކަސް ސައުދީގެ ތަޖުރިބާގައި އެތައް މިލިއަން ސަޕޯޓަރުންނަށް އެގައުމުގައި ބަނގުރަލާ ނުލައި، ބޮޑެތި ކުޅިވަރު އިވެންޓްތަކެއްގައި ބައިވެރިވެ، އުފާކޮށްފިއެވެ.

"އަހަރެމެން މިހާރު 100 އަށްވުރެ ގިނަ ކުޅިވަރު އިވެންޓް ހޯސްޓް ކޮށްފިން. ތިން މިލިއަނެއްހާ ސަޕޯޓަރުންނަށް ބަނގުރަލާ ނުލައި މަރުހަބާ ކިޔައިފިން. އެ ހުރިހާ ސަޕޯޓަރުންވެސް ދިޔައީ ހިތްހަމަޖެހިގެން. އެމީހުންނަށް ސައުދީގެ މެހެމާންދާރީއާއި، އާޓް، މިޔުސިކް އަދި ސަގާފަތް އުފާވެރި، ޝައުގުވެރިވިކަން ޔަގީން،" ސައުދީގެ ސްޕޯޓްސް މިނިސްޓްރު ޕްރިންސް އަބްދުލްއަޒީޒު ބިން ތުރްކީ އަލް ފައިސަލް ވިދާޅުވެފައިވެއެވެ.

ސައުދީން ބޭނުންވަނީ އެ ގައުމުގެ ގަވައިދާއި ގާނޫނަށް އިހުތިރާމް ކުރުމެވެ. ވޯލްޑް ކަޕަކީ އެ ގައުމުގެ ވަލީ އަހުދު ކިންގް ސަލްމާން ބިން އަބްދުލްއަޒީޒާއި، ކްރައުން ޕްރިންސް އަދި ޕްރައިމް މިނިސްޓަރު މުހައްމަދު ބިން ސަލްމާންގެ ސަމާލުކަން ބޮޑުވާނެ ކުޅިވަރު އިވެންޓެކެވެ. އެގައުމުގެ ބިޑްގައި އެ ޔަގީންކަން ދީފައިވެއެވެ. ސީދާ ސަރުކާރުން އިސް ނަގައިގެން އެކަން ކުރަން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ސައުދީގެ ކުރިއެރުމާއި ތަމައްދުންގެ މިސްރާބު ހުރި ގޮތުން އެގައުމު އޮތީ ދުނިޔޭގެ އެންމެ އުހަށް މިސްރާބު ހިފާފައެވެ. ފައިސާގެ ތަނަވަސް، އިގުތިސާދީ ކުރިއެރުން ހަލުވި އިގުތިސާދެއް ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތް 2030 އަށް އަމާޒުކޮށްފައިވާ އިރު، ސައުދީން ގެނެސްދޭން ތައްޔާރުވާނީވެސް އިންގިލާބީ ވޯލްޑް ކަޕެކެވެ. އަޅައިވެސް ނުކިޔޭހާ ފުރިހަމަ ސްޓޭޑިއަމްތަކާއި ވަސީލަތްތަކަށް ގެންގުޅޭ ވިސްނުން ވެސް ބޮޑެވެ.

ސައުދީގައި ވޯލްޑް ކަޕް ކުޅޭނެ 15 ސްޓޭޑިއަމްގެ ތެރެއިން 11 ސްޓޭޑިއަމެއް އެގައުމުން މުޅިން އަލަށް ބިނާކުރާނެއެވެ. ފަހުން އެހެން ބޭނުންތަކަށް ބޭނުން ހިފޭނެ ދެމެހެއްޓެނިވި ވިސްނުމަކާވެސް އެކުގައެވެ. އެގައުމުގެ ފަސް ސިޓީއެއްގައި މުބާރާތް ހޯސްޓް ކުރާއިރު، ސައުދީއަކީ މެދުއިރުމަތީގެ އެންމެ ބޮޑު ގައުމެވެ. އެގައުމުގައި މުބާރާތް ހޯސްޓް ކުރާ ސަރަހައްދަކީ 200 އެއްހާ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ކަމަށްވުމުން، ސަޕޯޓަރުންގެ ދަތުރުފަތުރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ބިޑުގައި ވައުދުވެފައެވެ.

"އާއްމު ދަތުރުފަތުރުގެ ނިޒާމަށް ތަފާތު ބޮޑު ބަދަލެއް ގެންނަން ސައުދީން ވަނީ ވައުދުވެފައި. އެއީ ރިޔާދުގައި މުޅިން އަލަށް އަޅާ މެޓްރޯ ވިއުގައިގެ އިތުރުން އެއާޕޯޓުތައް ބަދަލުކޮށް، ހައި ސްޕީޑް ރެއިލް ލިންކްތައްވެސް އިތުރުކޮށްގެން،" ފީފާގެ ބިޑުގައި ސައުދީގެ ޕްލޭނާ ގުޅޭ ގޮތުން ބުނެފައިވެއެވެ. އޭގެ އިތުރުން ސަޕޯޓަރުންނަށް ހާއްސަ 10 ޒޯނެއް ބޮޑެތި ފެސްޓިވަލް ބޭއްވޭނެ ގޮތަކަށް ކަނޑައަޅައި، ޓީމުތަކާއި މީޑިއާގެ އިތުރުން ސަޕޯޓަރުންނަށް ހާއްސަ އެކޮމޮޑޭޝަންތައް ގާއިމުކުރަން ނިންމާފައިވާ ކަމަށްވެސް ބިޑް އެވަލުއޭޝަންގައި ބުނެފައިވެއެވެ.

ދެން އޮތީ ސްޓޭޑިއަމްތަކުގެ ވާހަކައެވެ. 11 ސްޓޭޑިއަމެއް، ތަފާތު އެކިއެކި ޒަމާނީ އަދި ގަދީމީ ކޮންސެޕްޓްތަކަށް ހަދަން ސައުދީން ނިންމާފައިވެއެވެ. އޭގެ ތެރޭގައި ޑިޒައިނުގެ ގޮތުން މިހާތަނަށް ނުފެންނަ ފަދަ ޑިޒައިންތަކަށް ސްޓޭޑިއަމް ހަދަން ސައުދީން ޕްލޭން ކޮށްފައިވެއެވެ. އޭގެ ތެރެއިންވެސް އެންމެ ހާއްސަ އެއް ސްޓޭޑިއަމަކީ ލައިން ޕްރޮޖެކްޓް ތަސައްވަރުގެ ތެރޭގައި ހިމެނޭ ނެއޮމް ސްޓޭޑިއަމް އެވެ. "ނެއޮމް ސްޓޭޑިއަމް" ބިނާކުރާނީ ބިމަށްވުރެ 350 މީޓަރު އުހުގައެވެ. އެ ސްޓޭޑިަމާ ހަމައަށް މީހުންނަށް ވާސިލުވެވޭނީ ހަމައެކަނި ހައި ސްޕީޑް ލިފްޓްތަކުގެ އިތުރުން ޑްރައިވަރަކު ނެތި ދުއްވާ ވެހިކަލްތަކުގައެވެ.

ސައުދީގެ ލައިން ޕްރޮޖެކްޓަކީ ކާރު ނުދެއްވޭނެ ގޮތަށް ބިނާކުރާ 200 މީޓަރު ފުޅާ، 170 ކިލޯމީޓަރު ދިގު ސިޓީއެކެވެ. އެ ލައިންގައި ތަރައްގީ ކުރާ ތަފާތު ޑިޒައިންގެ އިމާރާތްތަކާއެކު އުސްމިން އެމެރިކާގެ ނިއުޔޯކުގައި ހުންނަ އެމްޕަޔާ ސްޓޭޓް ބިލްޑިންގަށްވުރެ އުސްވާނެ އެވެ.

އޭގެ އިތުރުން ގިއްދިއްޔާ ކޯސްޓް ސްޓޭޑިއަމުން މެކްސިކަން ވޭވެއްގެ ޑިޒައިން ދައްކުވައިދޭ އިރު، ޕްރިންސް މުހައްމަދު ބިން ސަލްމާން ސްޓޭޑިއަމް ބިނާކުރަން ހަމަޖެހިފައި ވަނީ ރިޔާދުގެ އުސް ފަރުބައެއްގެ މަތީގައެވެ.

ސައުދީން ވޯލްޑް ކަޕަށް ބޭނުންކުރާ 8 ސްޓޭޑިއަމަކީ ރިޔާދުގެ ސްޓޭޑިއަމްތަކެވެ. އޭގެ ތެރޭގައި 92،760 މީހުންގެ ޖާގައިގައި މަރާމާތުކުރާ ކިންގް ސަލްމާން އިންޓަނޭޝަނަލް ސްޓޭޑިއަމް ހިމެނެއެވެ. އެއީ ފަށާ މެޗާއި ފައިނަލް މެޗު ކުޅޭނެ ސްޓޭޑިއަމެވެ. ސައުދީން އިމާރާތް ކުރާ 11 ސްޓޭޑިއަމްގެ ތެރެއިން ތިން ސްޓޭޑިއަމެއްގައި މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ 2027 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕަށްވެސް ތައްޔާރުވުމަށެވެ.

ގަތަރުގައި ބޭއްވި 2022 ވަނަ އަހަރު ވޯލްޑް ކަޕެކޭ އެއްގޮތަށް ސައުދީގެ ވޯލްޑް ކަޕަކީވެސް ބެލެވޭ ގޮތުގައި ފިނި މޫސުމުގެ ވޯލްޑް ކަޕެކެވެ. އެއީ ސައުދީގެ ހޫނު މޫސުމަކީ އާއްމުކޮށް މުބާރާތްތައް ބޭއްވޭވަރަށްވުރެ ހޫނު ދުވަސްކޮޅަކަށް ވާނެތީއެވެ.

ހޫނު މޫސުމުގައި އާއްމުކޮށް ސައުދީ ތެރޭގެ ހޫނުމިން 43 ޑިގްރީ ސެލްޝިއަސްއަށް އަރާ އިރު، މޫދާ ކައިރި ސަރަހައްދުތަކުގެ ހޫނުމިން އުޅެނީ 38 ޑިގްރީ ސެލްޝިއަސް ގައެވެ. އެއާ ހިލާފަށް އާއްމުކޮށް ޑިސެމްބަރުގައި މޫސުން އުޅެނީ 15 ޑިގްރީ ސެލްޝިއަސްއާއި 30 ޑިގްރީ ސެލްޝިއަސްއާ ދެމެދުގައެވެ.

އެހެންނަމަވެސް ސައުދީގެ ވިސްނުން އަދި އެގޮތަކަށް ނުނިންމައެވެ. ކުޅިވަރާ ބެހޭ ވަޒީރު ޕްރިންސް އަބްދުލްއަޒީޒު ވިދާޅުވެފައި ވަނީ އެގައުމުން ބަލަނީ ހޫނު މޫސުމުގެ ވޯލްޑް ކަޕަކަށް ވޯލްޑް ކަޕް ހެދޭތޯ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް އެކަން ނުވިޔަސް މާޔޫސްކަމެއް ނެތް ކަމަށާއި، ސައުދީން ބޭނުންވާ ފެންވަރުގައި ކޮންމެ ދުވަސްވަރެއްގައިވެސް ވޯލްޑް ކަޕް އާއްމުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށެވެ. ޔަގީނުންވެސް ސައުދީ ވޯލްޑް ކަޕް ވެގެންދާނީ ތަފާތު މާހައުލެއްގެ، އުފާވެރި، ހިތްގައިމު އެންމެ ފެންވަރު ރަނގަޅު ވޯލްޑް ކަޕަށް ކަމަށްވެސް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ދިވެހީންނަށް އަބަދުވެސް ވޯލްޑް ކަޕް ހާއްސަވެއެވެ. ހާއްސަކޮށް މުސްލިމް ގައުމެއްގައި ވޯލްޑް ކަޕް ބޭއްވުން އެއީ ޓީވީގެ މަންޒަރުތަކަށް ބަލާއިރުވެސް ދިވެހީންނަށް ފަސޭހައެކެވެ. ދާދިފަހުން ފްރާންސްގައި ބޭއްވި އޮލިމްޕިކްސް ޓީވީން ދައްކަންވެސް ދަތިތަކަކާ ދިމާވި އިރު، އެފަދަ މަންޒަރުތަކަށްވުރެ ބޮޑަށް، އިހުތިރާމު ލިބިގެންވާ ގޮތަކަށް ޓީވީ ބްރޯޑްކާސްޓިން ހުރުމަކީ ދިވެހީންނަށް ލިބޭނެ ލުޔެކެވެ.

ޒަމާނުއްސުރެ ދިވެހީން ޓީވީތަކުން ބަލަމުން އަންނަ ވޯލްޑް ކަޕަށް މިހާރު މީހުން ދަތުރުކޮށް، އެ ތަޖުރިބާ ކުރާލެއްވެސް މަދެއް ނޫނެވެ. އެ ތަޖުރިބާތަކަށް އެތައް ބަޔަކު އިންތިޒާރުކުރަމުން އަންނައިރު، ވޯލްޑް ކަޕަށް ސައުދީއަށް ދިޔުމަކީ ރޭވުންތަކެއް ރާވާނެ ކަމެއްކަން ޔަގީނެވެ. އެއީ ސައުދީއަކީ ރާއްޖެއަށް ގިނަ ފްލައިޓްތަކެއް އޮންނަ ގައުމަކަށް ވެފައި، މިހާރުގެ ހާލަތުން ޔޫރަޕާއި އެމެރިކާއަށްވުރެ އަގުވެސް ހެޔޮ، އޭޝިއާ ގައުމަކަށްވުމުންނެވެ. އުޅޭ އުޅުމުގައިވެސް މުސްލިމް ގައުމަކަށްވުމުން، ފަސޭހަތަކެއް ހުންނާނެތީވެސް މެއެވެ.

އެއާއެކު، ގަތަރުގެ ވޯލްޑް ކަޕްގައިވެސް ބޭނުންކުރި ހައްޔާ ކާޑުން އުމްރާ ކުރުމަށް ސައުދީން ފުރުސަތުތައް ފަހިކޮށްދިން އިރު، މިފަހަރުވެސް ދީނުގެ އެ މަތިވެރި އަޅުކަމަށް މުސްލިމުންނަށް ފުރުސަތު ދިނުން އެކަށީގެންވެއެވެ. އެއީ ވޯލްޑް ކަޕަށް ލިބޭ ހާއްސަ ވިސާއެއް، ފޭން އައިޑީއެއްގެ ގޮތުގައި އޮންނާނެތީއެވެ. ޓިކެޓާއެކު އެ ލިބޭ ފޭން އައިޑީއާއެކު އުމްރާ ކުރުމަށް މައްކާއަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަ ކަމަށްވާނަމަ ވޯލްޑް ކަޕްގެ ތަޖުރިބާއަށް ދިވެހީން ދާ ނިސްބަތް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ދިހަ އަހަރު ދުވަސް އަދި އެބައޮތެވެ. އެހެންނަމަވެސް، ސައުދީގެ ބިޑަށް ބޮޑުވި ސަމާލުކަމާއެކު މިހާރުވެސް އެ ވޯލްޑް ކަޕަށް އިންތިޒާރު ބޮޑުވެއްޖެއެވެ.