ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި ސެޓްލްމަންޓް ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން، އެކި ކަންކަމަށް، އެކި ފަރާތްތަކަށް ބަަދަލު ދިން މައްސަލައިގައި އޭރު އޮތް އިކޮނޮމިކް ކައުންސިލުގެ ކޯ ޗެއާ, ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށް، މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓް ހަމަ އެގޮތަށް މަޖިލީހުން ފާސްކޮށްފިއެވެ.

އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހެވެ.

ކޮމިޓީން މައްސަލަ ބެލުމަށްފަހު، މަޖިލިސް ތަޅުމަށް ފޮނުވި ކޮމިޓީ ރިޕޯޓުގައި، އެ ތިން ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ހެކި ލިބިއްޖެ ނަމަ އެބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްއަށް ދެންނެވުމަށް ވަނީ ހިމަނައިފައެވެ.

އެ ރިޕޯޓުގައި އެބޭފުޅުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ، ދައުލަތުގެ އިސް މަގާމެއްގައި ތިބެ ގާނޫނުއަސާސީން މަތިކޮށްފައިވާ ވާޖިބުތަކާ ހިލާފަށް ދައުލަތުގެ ފައިސާ އާއި މުދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހައްގު ނޫން ފަރާތްތަކަށް ހޯދައިދިނުމަށް ތުހުމަތުކުރެވޭތީ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ދައުލަަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށް ވެސް ބުންޏެވެ.

އޭރު އޮތް ސެޓެލްމެންޓް ކޮމިޓީން 2019 އިން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓެލްމެންޓްތަކަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށް ކޮމެޓީއަށް ފެންނާތީ، އެ އެއްބަސްވުންތައް ބާތިލުކޮށް ބަދަލުދީފައިވާ ނަމަ އެ އެއްޗެއް އަނބުރާ ދައުލަތަށް ނަގަން ބަންޑާރަނައިބަށާއި ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގަންވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.

މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ބޭރުން އެއްވެސް ފަރާތަކަށް ބަދަލު ދީފައިވޭތޯ ބަލައި ބަދަލުދީފައިވާ ނަމަ އެ އެއްޗެއް އަނބުރާ ދައުލަތަށް ނަގަން ބަންޑާރަނައިބަށާއި ކަމާ ގުޅުން ހުރި އިދާރާތަކަށް އެންގުމަށްވެސް އެ ރިޕޯޓުގައިވެއެވެ.

ސެޓެލްމަންޓް ކޮމިޓީ މެދުވެރިކޮށް ސޯލިހުގެ ސަރުކާރުގައި، 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެކި ފަރާތްތަކަށް ދީފައިވާ ކަމަށް ރިޕޯޓުގައި ވަނީ ތުހުމަތުކޮށްފައެވެ.