މިދިޔަ މަހުގެ 25 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުން ވަކިކުރި، އެ ކޮމިޝަންގެ އޭރުގެ ނާއިބު ރައީސް، އަލީ ނަޝާތާއި ކޮމިޝަންގެ މެންބަރު މުހައްމަދު އާސިފްގެ ބަދަލުގައި އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރަން ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފިއެވެ.

އެ ދެ ބޭފުޅުން ވަކިކޮށް، އީސީގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލި ފުރުސަތުގައި، އެކަމަށް ކުރިލެއްވި ބޭފުޅުންގެ ތެރެއިން އީސީގެ މެންބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ބޭނުންވާ ދެ ބޭފުޅުން ރައީސް މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވި ސިޓީފުޅުުގައި ފާހަގަކުރައްވައިފައެވެ.

  • މުހައްމަދު ޒާހިދު ދަފްތަރު ނަމްބަރު ރސ. 1548
  • އަބްދުއްރަހްމާން ސަލާހް ރަޝީދު، ރޯޒް، ކ. ހުރާ

މި ދެ ބޭފުޅުންގެ އިތުރުން، މެންބަރުކަމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައްވެސް މަޖިލީހަށް ފޮނުއްވި ކަމަށް ރައީސްގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީން އާއްމު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމަށް އިއްވުމުން އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީއަށް ފޮނުވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.