ހައުސިން މިނިސްޓްރީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ މިނިސްޓްރީ އެއްކޮށް އަނދައި ހުލިވެއްޖެއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެންމެ ފުރަތަމަ ރޯވެފައި ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގެ އެންމެ ހުޅަނގަށް ހުންނަ، ޓިނު އިމާރާތުގެ އެއްވަނަ ބުރީގައެވެ. އަލިފާން ރޯވިއިރު، އިމާރާތުގެ އެތެރޭގައި މީހަކު ނެތް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އެމްއެންޑީއެފް ފަޔާ ރެސްކިޔު ޓީމުން އަލިފާންގަނޑު ކޮންޓްރޯލުކޮށްފައިވާ އިރު، ހައުސިން މިނިސްޓްރީ ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. އަލިފާންގަނޑު ނިއްވާލެވުނީ ރޯވިތާ ހަތަރުގަނޑިއިރު ފަހުންނެވެ. ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ފުށުން މައުލޫމާތު ލިބުނު ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 6:30 ނުވަތަ 6:45 ހާއިރުއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވި ނަމަވެސް، ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް މައުލޫމާތެއް ގެއްލިފައި ނުވާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިޔާ ސްކީމްގެ ލިޔުންތަކަށް ވާނެ ގޮތަކާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ހައުސިން މިނިސްޓްރީގެ ބަޔާނުގައި ބުނީ އެ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ އެ މިނިސްޓްރީން ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށްވާތީ، އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.