މެންޗެސްޓާ ސިޓީއަކީ ކްލަބު ފުޓުބޯޅައިގައި ކޯޗުކަން ކޮށްދޭނެ އެންމެފަހު ކްލަބު ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ކުރިން ބަޔާން މިއުނިކާއި ބާސެލޯނާއަށްވެސް ކޯޗުކަން ކޮށްދިން ގާޑިއޯލާ އެހެން ބުނެފައި ވަނީ ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި މަޝްހޫރު ޝެފް، ޑެނީ ގާސިއާއާ ވާހަކަ ދައްކަމުންނެވެ.
ގާޑިއޯލާ ބުނީ ސިޓީއާއެކުވެފައިވާ އެއްބަސްވުން ނިމުމާއެކު އެހެން ގައުމަކަށް ގޮސް، އެހެން ކްލަބަކަށް ކޯޗުކަން ކޮށްދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެއީ ދުރު ރާސްތާ ޕްލޭނެއް ނޫން ނަމަވެސް، މިހާރު އޮތް ހާލަތުން އެހެން ކްލަބަކާ ދެން ހަވާލު ނުވާނެ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.
"އަހަރެން ދެން އެހެން ގައުމަކަށް ގޮސް، އަނެއްކާ އެހެން ކްލަބަކާ ހަވާލުވެގެން ސިޓީގައި މިކުރި މަސައްކަތް ކުރާކަށް ވިސްނުމެއް ނެތް. އަހަރެން ގައިގައި އެ ހަކަތައެއްވެސް ނެތް. ކޮންމެ ދުވަހަކު ކުޅުންތެރިން ތަމްރީނުކުރުވައި، ސީޒަނުގައި އެއްކޮށް އެހެން ބުރަކޮށް އުޅެވޭކަށް ނެތް. ފަހަރެއްގައި ގައުމީ ޓީމަކަށް ކޯޗުކަން ކޮށްދެވިދާނެ. އެކަމަކު އެހެން ކްލަބަކަށް ނުދާނަން،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ސިޓީއާ ހަވާލުވެ ހުންނަތާ މިހާރު ވަނީ 8 އަހަރު ވެފައެވެ. އެ ކްލަބާއެކު އޭނާ 15 އަށްވުރެ ގިނަ ޓްރޮފީ ހޯދާފައިވާ އިރު، މި ސީޒަންވެފައި ވަނީ ކެރިއަރުގެ އެންމެ އުނދަގޫ ސީޒަނަށެވެ.
މި ސީޒަން ފެށިއިރު ގާޑިއޯލާ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ސީޒަން ނިޔަލަށް ހަމަވާން އޮތް ނަމަވެސް، މިހާރު ވަނީ އިތުރު ދެ އަހަރަށް އެ ކްލަބާއެކު އެއްބަސްވުން އާކޮށްފައެވެ.
"އަހަރެން ބޭނުމީ ނިންމާފައި ގޮލްފް ކުޅެލައި އަރާމުކޮށްލަން. ކްލަބަކާ ހަވާލުވެގެން އެވަގުތެއް ނުލިބޭނެ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ސިޓީއާ ހަވާލުވެ އެ ކްލަބު ބަދަލުކޮށްލާފައިވާ އިރު، އެންމެފަހުން ހަތަރު ސީޒަނުގައިވެސް ޕްރިމިއާ ލީގު ހޯދީ އެ ކްލަބުންނެވެ. އަދި ކްލަބު ތާރީހުގައި މުޅިން އަލަށް ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށް، ކްލަބާއެކު ޓްރެބަލް ކާމިޔާބުކޮށް ގާޑިއޯލާވެފައި ވަނީ އެ ކްލަބުގެ އެންމެ ކާމިޔާބު ކޯޗަށެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ