ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި ސެޓްލް މެންޓް ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން، އެކި ކަންކަމަށް، އެކި ފަރާތްތަކަށް ބަަދަލުދިން މައްސަލައިގައި އޭރު އޮތް އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ, ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާ ގުޅޭ މައްސަލައާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގައި ދައުވާކުރުމަށް ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
ކޮމިޓީން އެގޮތަށް ފާސްކުރި ނިންމުމުގައި ވަނީ، ދައުލަތުގެ އިސް މަގާމެއްގައި ހުރެ, ގާނޫނު އަސާސީ އާއި ގާނޫނުން މަތިކޮށްފައިވާ ވާޖިބުތަކާ ހިލާފަށް, ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވެ, އެ ފައިސާ އާއި މުދަލުގެ ހައްގުވެރިން ފިޔަވައި އެހެން ފަރާތަކަށް ލިބިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރުމަށް ޕީޖީއަށް ދެންނެވުމަށް ފެންނަ ކަމަށާއި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިއްޖެ ނަމަ ދައުވާ ކޮށްދިނުމަށް ދެންނެވުމަށް ވަނީ އެދިފައެވެ.
މީގެއިތުރުން, 2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމުގައި ކޮމިޓީއަށް ފެންނަ ކަމަށް ކަނޑައި އެ އެއްބަސްވުންތައް ބާތިލް ކަމަށްވެސް އެ ބައްދަލުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު