ރިސޯޓުތަކަށް ލިބޭ ޑޮލަރު ބޭންކުން މާރުކުރަން ޖެހޭ ގަވާއިދަށް ގާނޫނީ ބާރުދޭން މަޖިލީހަށް ހުށަހެޅި "ބޭރުފައިސާ"ގެ ބިލުގެ ކޮމެޓީ މަސައްކަތް މިއަދު 6:00 އަށް ނިންމަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުއްވީ، ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
އިއްޔެ މެންދުރުފަހު 3:30 އާ ހަމައަށް ކުކރިއަށްގެންދިޔަ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ބަލައިނުގަތުމަށް ހަތަރު މެންބަރަކު ވޯޓު ދެއްވިއެވެ.
މަޖިލީހަށް ބިލު ބަލައިގަތުމުން އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވިކަން އިއުލާން ކުރެއްވީ ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، މިއަދު 6:00 އަށް ބިލްގެ މަސައްކަތް ނިންމަން ހުށަހެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ތާއީދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ. ކޮމެޓީން އެގޮތަށް ފާސްކުރުމުން މިއަދުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ކޮމިޓީގެ ނާއިބު މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކޮމެޓީ ބައްދަލުވުން ސިއްރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އެކަމާ ގުޅިގެން ކޮމިޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށް ހުށަހެޅުއްވީވެސް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ތާއީދު ކުރެއްވީ އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާއެވެ. އެގޮތަށް ފާސްކޮށް ކޮމެޓީ ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ.
މި ބިލްގައި މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކުގެ ވިޔަފާރީގެ ހުއްދަ ހިފަހައްޓައި، އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ވަނީ ހިމަނައިފިއެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައަޅައި، ބޭރުފައިސާ ރައްޖެއަށް އެތެރެ ކުރުމާއި ރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ، ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުން ކަމަށެވެ.
މި ބިލުގައި ވަނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ދެ ކެޓަގަރީއަށް ބަހައިފައެވެ.
ކެޓަގަރީ "އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑްތަކާއި ރިޒޯޓް ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަނެވެ. އެ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ލާޒިމުވާނެއެވެ. ކެޓަގަރީ "ބީ" ގައި ހިމެނޭ ގެސްޓް ހައުސްތަކުން ނުވަތަ ޓޫރިސްޓް އުޅަނދުތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރަން ޖެހެއެވެ.
ނަމަވެސް ރިސޯޓުގައި 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުންނާއި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އަދި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ ފަރާތްތަކަށް ޑޮލަރު މާރުކުރަން ނުޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. މީގެ އިތުރުން އަހަރެއްގެ ތެރޭގައި 15 މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން، އެ ލިބޭ ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން ޖެހޭނެއެވެ. އެއީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 25 ޕަސެންޓަށްވުރެ ބޮޑު ނުވާ އަދަދެކެވެ. ނަމަވެސް ޓޫރިސްޓް އުޅަނދުގެ ތެރެއިން ރާއްޖޭން ބޭރުގައި ރަޖިސްޓަރީކޮށް އޮޕަރޭޓް ކުރާ ޓޫރިސްޓް އުޅަނދުތައް މި ގާނޫނުން އިސްތިސްނާ ވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށް ބެލެވޭ ފަރާތްތަކުގެ މައްސަލަތަކާއި، މި ގާނޫނުގައި ކުރަން ޖެހޭ ކަންކަން ކުރުމުގައި ހިސާބުތަކާއި މައުލޫމާތުތައް އޮޅުވާލާފައިވާކަމަށް ބެލެވޭ ފަރާތްތަކާއި މި ގާނޫނުގެ ދަށުން އޮތޯރިޓީން އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު މޯލްޑިވްސް ރެވެނިއު އޮތޯރީ (މީރާ) އަށް ވަނީ ދީފައެވެ.
ފައިސާ ޖަމާނުކުރާ ފަރާތްތަކުން އެ އަދަދަށް ފައިސާ ޖަމާނުކުރާނަމަ ޖަމާކުރަންޖެހޭ ބޭރު ފައިސާގެ 25 ޕަސެންޓަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވާކަމަށް ބިލުގައި ހިމަނާފައިވެއެވެ. އެކަން ރަނގަޅު ކުރަންދެން ނުވަތަ އަމަލު ކުރަންޖެހި އަމަލު ނުކުރާ ކަންތައްތަކަށް އަމަލު ކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް އެ މަހަކަށް ޖަމާކުރަން ޖެހޭ ބޭރުފައިސާގެ 25 ޕަސެންޓަށްވުރެ އިތުރު ނުވާނެ އަދަދަކުން އެފަރާތެއް ޖޫރިމަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން ބޭންކުން މާރުކުރަން ޖެހޭ އަދަދަށް ބޭރު ފައިސާ ޖަމާ ނުކުރާ ފަރާތްތައް މާރުކުރަން ޖެހޭ ބޭރުފައިސާގެ ފަސް ޕަސެންޓަށްވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
ބިލުގައިވާގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް، އެ ފަރާތްތައް ކުރި ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 10،000 ރުފިޔާ އާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ. ޖޫރިމަނާ ނުދައްކާ ފަރާތްތައް 90 ދުވަހުގެ ތެރޭގައި ޖޫރިމަނާ ނުދައްކާނަމަ އެ ފަރާތެއްގެ ވިޔަފާރީގެ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރުވެސް އޮތޯރިޓީއަށް ވަނީ ދީފައެވެ. އޭގެ އިތުރުން ޖޫރިމަނާ ފައިސާ ހޯދުމަށް މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ހޯދުމުގެ ބާރު ވެސް ބިލުން ވަނީ އޮތޯރިޓީއަށް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު