މަސްވެރިންނަށް ފައިސާ ދިނުމަށް އުސޫލުތަކާ ހިލާފަށް 700 މިލިއަން ރުފިޔާގެ އޯވާޑްރާފްޓެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި އެހެން ބުނެފައި މިވަނީ، މަސްވެރިން މަސްކިރުވާތާ 48 ގަޑިއިރުތެރޭ ފައިސާ ދިނުމަށް އެ ބޭންކުން މިފްކޯއަށް 700 މިލިއަން ރުފިޔާގެ އޯވާޑްރޯ ފެސިލިޓީއެއް ހަމަޖައްސައިދީފައިވާ ކަމަށްބުނެ، "އަދަދު" ނޫހުން ގެނެސްދިން ހަބަރަކާ ގުޅިގެންނެވެ. އެ ހަބަރުގައި ބުނެފައިވާ ގޮތުން، އެ ފެސިލިޓީން ނަގާ ފައިސާ އަނބުރާ ދެއްކުމަށް ޝަރުތުކޮށްފައިވަނީ ޑޮލަރުންނެވެ.
އެ ހަބަރު ދޮގުކޮށް ބީއެމްއެލުން ނެރުނު ބަޔާނުގައި ބުނީ ބޭންކުން ކަސްޓަމަރުންނަށް ހިދުމަތްދެމުން އަންނަނީ ބޭންކިން ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން ބަލްކް ޓްރާންސްފާގެ ހިދުމަތް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކަށް ދެމުން އަންނަނީ އާންމު އުސޫލުތަކާ އެއްގޮތަށް ކަމަށް ބީއެމްއެލުން ބުންޏެވެ.
"ބޭންކް އޮފް މޯލްޑިވްސް އިން 700 މިލިއަން ރުފިޔާގެ އޯވާޑްރާފްޓެއް އާންމު އުސޫލުތަކާ ހިލާފަށް ދޫކޮށްފައިވާ ކަމަށްބުނެ އަދަދު ނޫހުގައި ލިޔެފައިވާ ހަބަރު މި ބޭންކުން ދޮގުކުރަމެވެ. އަދި ބޭންކުގެ އިތުބާރު ގެއްލޭ ފަދަ ގޮތަށް ހަބަރު ޝާއިއުކޮށްފައިވާތީ އެކަން ކުށްވެރިކުރަމެވެ..،" ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.
ބީއެމްއެލުން އިތުރަށް ބުނީ އެ ބޭންކުގެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންގެ ރައްކާތެރިކަމަށްވީ ހިނދު، ބޭންކުން އަބަދުވެސް އަމަލުކުރަމުންދާނީ ބޭންކުން އަމަލުކުރަމުންދާ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން މިފްކޯ އިން މިއަދު ވަނީ ފަށައިފައެވެ.
މިފްކޯ އިން މިއަދު އާންމުކުރި ހިސާބުތައް ދައްކާގޮތުގައި، މިދިޔަ އާދީއްތަ ދުވަހު މަސްވެރިން ކިރުވި މަހަށް އެ ކުންފުނިން ވަނީ މިއަދު ފައިސާ ދައްކައިފައެވެ. އެއީ 172 ދޯންޏަކަށް ޖުމުލަ 2,045,823.37 (ދެ މިލިއަން) ރުފިޔާއެވެ.
މިހާރު މަސްވެރިންނަށް ނުދީ އޮތީ އިއްޔެ ކިރުވި މަހަށް ދޭން ޖެހޭ ފައިސާއެވެ. އެއީ 1،931،526 (1.9 މިލިއަން) ރުފިޔާއެވެ. މި ސަރުކާރު ހަވާލުވި ފަހުން މިފްކޯ މެދުވެރިކޮށް، ބިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.
ކ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގާފަރުގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ އިންތިޒާމު ހަމަޖެހުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީ (އެމްއެމްއޭ) އިން މިދިޔަ އާދިއްތަ ދުވަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށެވެ. އެ ވައުދު ފުއްދުމަށް ގޮންޖެހުންތަކެއް ދިމާވި ނަމަވެސް މިހާރު ވަނީ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަވައިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު