ރިސޯޓުތަކަށް ލިބޭ ޑޮލަރު ބޭންކުން މާރުކުރަން ޖެހޭ ގަވާއިދަށް ގާނޫނީ ބާރުދޭން މަޖިލީހަށް ފޮނުވާފައިވާ "ބޭރުފައިސާ"ގެ ބިލްގައި އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކުގެ ވިޔަފާރީގެ ހުއްދަ ހިފަހައްޓައި، މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ހިމަނައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައި ވަނީ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލްގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ.
މި ބިލް ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލްގައި ބުނެފައި ވަނީ، ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައަޅައި، ބޭރުފައިސާ ރައްޖެއަށް އެތެރެ ކުރުމާއި ރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ، ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުން ކަމަށެވެ.
މި ބިލްގައި ވަނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ދެ ކެޓަގަރީއަށް ބަހައިފައެވެ.
ކެޓަގަރީ "އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑްތަކާއި ރިޒޯޓް ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަނެވެ. އެ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ލާޒިމުވާނެއެވެ. ކެޓަގަރީ "ބީ" ގައި ހިމެނޭ ގެސްޓް ހައުސްތަކުން ނުވަތަ ޓޫރިސްޓް އުޅަނދުތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރަން ޖެހެއެވެ.
ނަމަވެސް ރިސޯޓުގައި 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުންނާއި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އަދި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ ފަރާތްތަކަށް ޑޮލަރު މާރުކުރަން ނުޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. މީގެ އިތުރުން އަހަރެއްގެ ތެރޭގައި 15 މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން، އެ ލިބޭ ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން ޖެހޭނެއެވެ. އެއީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 25 ޕަސެންޓަށްވުރެ ބޮޑު ނުވާ އަދަދެކެވެ. ނަމަވެސް ޓޫރިސްޓް އުޅަނދުގެ ތެރެއިން ރާއްޖޭން ބޭރުގައި ރަޖިސްޓަރީކޮށް އޮޕަރޭޓް ކުރާ ޓޫރިސްޓް އުޅަނދުތައް މި ގާނޫނުން އިސްތިސްނާ ވާނެ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.
މިގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވެފައިވާކަމަށް ބެލެވޭ ފަރާތްތަކުގެ މައްސަލަތަކާއި، މި ގާނޫނުގައި ކުރަން ޖެހޭ ކަންކަން ކުރުމުގައި ހިސާބުތަކާއި މައުލޫމާތުތައް އޮޅުވާލާފައިވާކަމަށް ބެލެވޭ ފަރާތްތަކާއި މި ގާނޫނުގެ ދަށުން އޮތޯރިޓީން އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު މޯލްޑިވްސް ރެވެނިއު އޮތޯރީ (މީރާ) އަށް ވަނީ ދީފައެވެ.
ފައިސާ ޖަމާނުކުރާ ފަރާތްތަކުން އެ އަދަދަށް ފައިސާ ޖަމާނުކުރާނަމަ ޖަމާކުރަންޖެހޭ ބޭރު ފައިސާގެ 25 ޕަސެންޓަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވާކަމަށް ބިލްގައި ހިމަނާފައިވެއެވެ. އެކަން ރަނގަޅު ކުރަންދެން ނުވަތަ އަމަލު ކުރަންޖެހި އަމަލު ނުކުރާ ކަންތައްތަކަށް އަމަލު ކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް އެ މަހަކަށް ޖަމާކުރަން ޖެހޭ ބޭރުފައިސާގެ 25 ޕަސެންޓަށްވުރެ އިތުރު ނުވާނެ އަދަދަކުން އެފަރާތެއް ޖޫރުކަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން ބޭންކުން މާރުކުރަން ޖެހޭ އަދަދަށް ބޭރު ފައިސާ ޖަމާ ނުކުރާ ފަރާތްތައް މާރުކުރަން ޖެހޭ ބޭރުފައިސާގެ ފަސް ޕަސެންޓަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
ބިލްގައިވާގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް އެފަރާތްތައް ކުރި ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 10،000 ރުފިޔާ އާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ. ޖޫރިމަނާ ނުދައްކާ ފަރާތްތައް 90 ދުވަހުގެ ތެރޭގައި ޖޫރިމަނާ ނުދައްކާނަމަ އެ ފަރާތެއްގެ ވިޔފާރީގެ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރުވެސް އޮތޯރިޓީއަށް ވަނީ ދީފައެވެ. އޭގެ އިތުރުން ޖޫރިމަނާ ފައިސާ ހޯދުމަށް މައްސަލަަ ޝަރީއަތަށް ހުށަހަޅައިގެން ހޯދުމުގެ ބާރު ވެސް ބިލުން ވަނީ އޮތޯރިޓީއަށް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު