ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޕޯޗުގަލްގެ ތަރި ނާނީ، ފުޓުބޯޅަ ހުއްޓާލިކަން އިއުލާނުކޮށްފިއެވެ.
އުމުރުން 38 އަހަރުގެ ނާނީ ރަސްމީކޮށް ފުޓުބޯޅަ ހުއްޓާލިކަން އިއުލާނުކުރީ ރޭގެ ވަގުތެއްގައެވެ. އޭނާ މިވަގުތު ކުޅެމުން އަންނަނީ ޕޯޗުގީޒް ލީގުގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އެސްޓްރޭލާ އަމަޑޯރާއަށެވެ.
ނާނީގެ އެންމެ ފަހު މެޗަކަށްވެފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އަމަޑޯރާއިން ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ކުޅުނު ލީގު މެޗެވެ. ސްޕޯޓިން ދަނޑުގައި ކުޅުނު އެމެޗުން ނާނީގެ ކެރިއަރު ހުއްޓާލި އިރު، އެއީ އޭނާގެ ފުރަތަމަ ކްލަބެވެ.
"އަހަންނަށް ފުޓުބޯޅައާ އަލްވަދާއު ކިޔަން ޖެހޭ ވަގުތު އަތުވެއްޖެ. ޕްރޮފެޝަނަލް ކެރިއަރު ހުއްޓާލަން އަހަރެން މިހާރު ގަސްދުކޮށްފިން. މިދިޔަ ވިއްސަކަށް އަހަރުވީ ކެރިއަރުގައި އަހަންނަށް ކުރިމަތިވި އުފާވެރި އަދި ހިތްދަތި އެކި ވަގުތުތަކުގައި އެންމެ ގާތުން މަސައްކަތްކުރި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ނާނީ ކުރި ޕޯސްޓެއްގައި ބުންޏެވެ.
ޔުނައިޓެޑަށް 230 މެޗު ކުޅެދީފައިވާ ނާނީ އެ ކްލަބުގައި އެންމެ ވިދާލީ 2010-11 ވަނަ އަހަރުގެ ސީޒަނުގައެވެ. އެފަހަރު ކްލަބުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ނާނީ ހޯދި އިރު، އެ ސީޒަނުގައި އޭނާ ވަނީ 14 ގޯލަކަށް އެސިސްޓް ކޮށްދީފައެވެ.
ޔުނައިޓެޑްގެ ކެރިއަރަށްފަހު ނާނީ 2015 ވަނަ އަހަރު އެނބުރި ސްޕޯޓިންނަށް ދިޔައެވެ. އޭގެފަހުން އޭނާ ވަނީ ފެނަބާޗޭ، ވެލެންސިއާގެ އިތުރުން ލާޒިއޯ، އޮރްލާންޑޯ ސިޓީ އަދި ވެނީޒިއާއާއި މެލްބާން ވިކްޓަރީއަށް ކުޅެފައެވެ.
ނާނީ ގައުމީ ޓީމަށް 112 މެޗުން 24 ގޯލު ޖަހައިދީ، 2016 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް