ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މޮބިލިޓީ އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމާ ގުޅޭ މަޝްރޫއުގެ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް ތަކެއުޗި މިދޮރި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެ މަޝްރޫއަށް، އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 300 މިލިއަން ޖަޕާނީސް ޔެން (2.158 އެމެރިކާ ޑޮލަރު) ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ފޮރިން މިނިސްޓަރު ހަލީލް ވަނީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ހިންގުން ހަރުދަނާކުރުމުގައި އެ މަޝްރޫއުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައި ކަމަށާއި އެ މަޝްރޫއަކީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ހާމަކަން ބޮޑު ދެފުށް ފެންނަ، ޒިންމާދާރު ސަރުކާރެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރެއްވުމުގައި ޖަޕާނު ސަރުކާރުން އަދާކުރައްވަމުން ގެންދަވާ މުހިންމު ދައުރަށް މިނިސްޓަރު ހަލީލު ޝުކުރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ޒަމާންވީ ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެފަދަ މަޝްރޫއުތަކުން ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި، ޖަޕާނު ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި ކަމަށެވެ.

އެ ރަސްމިއްޔާތުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ވެރިންނާއި އޭސީސީ، ފިނޭންސް މިނިސްޓްރީ އަދި ޖަޕާން އެމްބަސީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.