ރާއްޖެއަށް މިއަހަރު އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ ރެކޯޑު އަދަދަށްވުރެ އިތުރުވެއްޖެއެވެ.

ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތްކުރީ 1،878،543 ފަތުރުވެރިންނެވެ. އިއްޔެގެ ނިޔަލަށް މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1،877،567 ފަތުރުވެރިންނެވެ.

މިއަދުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނާއެކު މިއަހަރުގެ އަދަދު އުޅެނީ މިދިޔަ އަހަރުގެ ޖުމުލަ އަދަދަށްވުރެ މަތީގައެވެ. މިހާރު 1.9 މިލިއަން ފަތުރުވެރިންނާ ގާތުގައި އުޅޭ އިރު، މިއަދު ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު ކަށަވަރުވާނީ މާދަމާއެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ އިތުރުވުމުން އެކަމާ މެދު ފަހުރުވެރިވާ ކަމަށާއި އެކަން ހާސިލުކުރެވުމުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ފަތުރުވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"މިއަހަރުގެ އަމާޒު، ދެ މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުކުރުމަށް ކުރާ މަސައްކަތުގައި ސާބިތުވެ ހުންނާނަން،" މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

މިއަހަރުގެ ތަފާސް ހިސާބުތަކަށް ބަލައިލާ އިރު، ފަތުރުވެރިން ރާއްޖޭގައި އެވްރެޖުކޮށް ހަތް ދުވަސް ހޭދަކުރެއެވެ. އަދި ދުވާލެއްގެ މައްޗަށް 5400 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ.

އިއްޔެގެ ނިޔަލަށް މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ. ޗައިނާ އިން 254،354 ފަތުރުވެރިން ޒިޔާރަތްކުރި އިރު، ރަޝިއާ އިން ޒިޔާރަތްކުރީ 208،946 ފަތުރުވެރިންނެވެ. އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރީ 164،183 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާ އުޅެނީ ލިސްޓުގެ ހަ ވަނައިގައެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާ އިން ޒިޔާރަތްކުރީ 117،292 ފަތުރުވެރިންނެވެ.