ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އދ. އެއްލައިދޫ ރިސޯޓުގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައާ ގުޅޭ ބައެއް ހެކިން ރާއްޖެއިން ފުރައިގެން ގޮސްފައިވާތީ އެމީހުންގެ ހެކިބަސް ނުނަގަން ނިންމުމަށްފަހު، އެމީހުން ތިބި ތަން އެނގިފައިވާ ކަަމަށް ދައުލަތުން ބުނުމުން، އެމީހުންގެ ހެކިބަސް ނަގަން ކޯޓުން ފަހު ފުރުސަތު ދީފިއެވެ.
އެއްލައިދޫ ރިސޯޓުގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ކަތިވަޅިއަކުން ހަމަލާދީ މަރާލި މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވައިފައެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
މީގެކުރިން ބޭއްްވި މި މައްސަލައިގެ އަޑުއެހުމުގައި، ރާއްޖޭން ބޭރުގައި ތިބި ހެކިވެރިން ތިބި ތަނަކާ ބެހޭ މައުލޫމާތު ހޯދަމުންދާ ކަމަށް ދައުލަތުން ކޯޓަށް އަންގާފައިވި ނަމަވެސް މިހާތަނަށް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އަންގާފައި ނުވާ ކަަމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި އެމީހުން ތިބި ތަނެއް ނޭނގޭތީ އެމީހުން ހޯދަން އިންޓަޕޯލް އެހީއަށް އެދިފައިވާކަަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އެހެންކަމުން ގާޒީ މީގެ ކުރިން ވިދާޅުވީ ހެކިން ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެމީހުން ހޯދަން އިތުރު މަސައްކަތެއް ނުކުރާނެ ކަމަށެވެ.
މި މައްސަލައިގައި ހެކިބަސް ނުނެގި ރާއްޖޭން ގޭރުގައި އުޅޭ ހެކިވެރިންނަކީ، އެއްލައިދޫ ރިސޯޓުގައި މަސައްކަތް ކުރި ލަންކާގެ ހަ މީހެކެވެ. އޭގެ އިތުރުން އެއްލައިދޫ ރިސޯޓުގައި އޭރު މަސައްކަތްކުރި އަދި މައްސަލައިގެ ތަހުގީގަށް މެޑިކަލް އެގްޒަމިން ރިޕޯޓް ތައްޔާރުކުރި ޑޮކްޓަރުވެސް ހިމެނެއެވެ.
ނަމަވެސް ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ދައުލަތުގެ ވަކީލު އަޝްފާގު ނައީމް ވިދާޅުވީ އެ ހެކިން ތިބި ތަން މިހާރު ސާފުވެއްޖެ ކަމަށެވެ. އަދި އެ ހެކިންތަކަކީ ވަރަށް މުހިންމު ހެކިންތަކެއް ކަމަށާއި، ލަންކާގައި ތިބި އެ ހެކިންގެ ހެކިބަސް އެމްބަސީ މެދުވެރިކޮށް ނެގުމުގެ ފުރުސަތަކަށް އެދުނެވެ.
އެކަމާ ގުޅިގެން ގާޒީ އިބްރާހީމް އިހުސާން ވަނީ އެމީހުންގެ ހެކިބަސް ނެގުމަށްފަހު ފުރުސަތެއް ދިނުމަށް ނިންމަވައިފައެވެ. އެގޮތުން އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހަކަށް ހަތް ހެކިން ހާޒިރުކުރުމަށް ތާވަލުކުރަން ނިންމެވިއެވެ.
ކައްކާއަށް ވަޅިން ހަމަލާދީ މަރައިލީ، ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައިނުދިނުމުން ހިނގައިދިޔަ ޒުވާބެއްގެ ތެރެއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު