އެފްރިކާގެ ބަނޑުދޮށުން އިންޑިޔާކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ މޮރިޝަސްގައި ހުސްވި ނޮވެމްބަރު ދިހައެއްގައި އާއްމު އިންތިޚާބު ވަނީ ބާއްވައިފައެވެ. މި އިންތިޚާބު ބޭއްވީ އިންޑިޔާ ކަނޑުގައިވާ ޖަޒީރާތަކުގެ ތެރެއިން އިނގިރޭސިން އިސްތިއުމާރުކޮށްފައިވާ ފޯޅަވަހީގެ ރަށްތައް މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސި އައު ބޮޑުވަޒީރު ކިއާ ސްޓާމަރގެ ސަރުކާރުން ނިންމިތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ. ގިނަބަޔަކު ހީކުރީ މި އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރާނީ ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިންނާއެކު އެއްބަސްވުމަކަށް ވަޑައިގެންނެވި ބޮޑުވަޒީރު ޕްރަވިންދު ޖަގުނާތުގެ ޕާޓީކަމުގައެވެ. އެކަމަކު އެހެނެއް ނުވިއެވެ. ޖަގުނާތުގެ ޕާޓީ ބަލިކޮށް އިންތިޚާބު ކާމިޔާބުކުރީ ނަވިން ރާމްގޫލަމްގެ ލޭބަރ ޕާޓީ ހިމެނޭ ކޯލިޝަނުންނެވެ. މޮރިޝަސްގެ ޕާލަމެންޓަކީ ޖުމްލަ 66 ގޮނޑީގެ މައްޗަށް އެކުލެވިގެންވާ ޕާލަމެންޓަކަށްވާއިރު ރާމްގޫލަމްގެ ކޯލިޝަނުންވަނީ އޭގެތެރެއިން 60 ގޮނޑި ކާމިޔާބުކޮށްފައެވެ. ޖަގުނާތުގެ ޕާޓީއަށް ހޯދުނީ އެންމެ ދެ ގޮނޑިއެވެ.

މި އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ޖަގުނާތުގެ ބޮޑުވަޒީރުކަން ނިމި ރާމްގޫލަމްގެ ވެރިކަމުގެ ދައުރު މިހާރުވަނީ ފެށިފައެވެ. ޕާލަމެންޓުގެ ސުޕަރ މެޖޯރިޓީއާއެކުގައެވެ. މިހާ ބޮޑު މެޖޯރިޓީއަކާއެކު ވެރިކަމަށް ވަޑައިގެންފައި ރާމްގޫލަމް މިހާރު އެބަވިދާޅުވެއެވެ. ފޯޅަވަހީގެ ރަށްތައް މޮރިޝަސްއަށް ދޫކޮށްލުމާމެދު އިނގިރޭސިވިލާތާއެކު ކުރީގެ ސަރުކާރުން ގާއިމުކުރި އެއްބަސްވުން އެހާ ރަގަޅެއް ނޫނެވެ. އެހެންވީމާ އެ އެއްބަސްވުން އަލުން މުރާޖައާކުރަން އެބަޖެހެއެވެ. ޚާއްސަގޮތެއްގައި ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން އެންމެ ދެކުނުން ފުލުގައި އޮންނަ ޑިއޭގޯ ގާރސިޔާއާމެދު އެއްބަސްވެވިފައިވާގޮތް ކަމަކު ނުދެއެވެ. ވީމާ ޑިއޭގޯ ގާރސިޔާގެ މައްސަލަ އެހެންގޮތަކަށް ފުރޮޅައިލުމަށްޓަކައި އިނގިރޭސި ސަރުކާރާއެކު އޭނާ މަޝްވަރާ ކުރައްވާނެއެވެ. ޑިއޭގޯ ގާރސިޔާއަކީ މިހާރު އިނގިރޭސިވިލާތާއި އެމެރިކާ ސިފައިންގެ ގުޅިފައިވާ އަސްކަރީ މަރުކަޒެއް ގާއިމްކުރެވިފައިވާ ރަށެވެ. އެރަށުގެ ކޮންޓްރޯލް އެހާ އަވަހަށް ދޫކޮށްލަން އިނގިރޭސިން އެއްބަހެއް ނުވެއެވެ.

ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމާމެދު އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގައި އަދި ސޮޔެެއް ނުކުރެއެވެ. ދެ ގައުމުގެ ޕާލަމެންޓަކުންވެސް މި އެއްބަސްވުން އަދި ފާހެއް ނުކުރެއެވެ. އާނއެކޭ ނުބުނެއެވެ. ކުރިއަށްއޮތް 2025 ވަނަ އަހަރުގެ ކުރީކޮޅު އިނގިރޭސި ޕާލަމެންޓަށް މި އެއްބަސްވުން ހުށައެޅޭނެއެވެ. އެއްބަސްވުމުގެ ދެލިކޮޕީގައިވާ ގޮތުން ފޯޅަވަހީގެ ރަށަތައް މޮރިޝަސްގެ ހުކޫމަތުގެ ދަށަށް ދިޔައަސް ޑިއޭގޯ ގާރސިޔާގައި އެމެރިކާ އާއި އިނގިރޭސިންގެ އަސްކަރީ މަރުކަޒު އިތުރު 99 އަހަރަށް ދެމިއޮންނާނެއެވެ. އެ މުއްދަތު އިތުރުކުރުމުގެ ޖާގަވެސް އޮންނާނެއެވެ. ކޮންމެއަކަސް މި އެއްބަސްވުމުގައި ޑިއޭގޯ ގާރސިޔާގެ ކަންތައް ބަޔާންކުރެވިފައިވާ ގޮތުން މޮރިޝަސްގެ އައު ސަރުކާރު ހިތްހަމައެއް ނުޖެހެއެވެ. އެމީހުން ބުނަނީ ކުރީގެ ބޮޑުވަޒީރު ޖަގުނާތު ވަނީ މޮރިޝަސްގެ މަސްލަހަތު އިނގިރޭސިވިލާތަށް ވިއްކާލާފައި ކަމަށެވެ. އިންތިޚާބުގައި ކެމްޕޭނުކުރީވެސް މިވާހަކަތަކުންނެވެ.

އައު ބޮޑުވަޒީރު ރާމްގޫލަމްގެ ސަރުކާރުގެ ދަނޑުވެރިކަމާބެހޭ ވަޒީރު އާރވިން ބޫލެލް ވިދާޅުވެފައިވަނީ ޑިއޭގޯ ގާރސިޔާގެ މައްސަލައިގައި ކުރީގެ ސަރުކާރުން އެއްބަސްވެފައިއޮތީ 99 އަހަރު އެތަން އިނގިރޭސިންނާއި އެމެރިކާގެ ބާރުދަށުގައި އޮތުމަށް ނޫންކަމަށާއި ހަގީގަތުގައި އެއްބަސްވެފައިވަނީ 200 އަހަރަށް ކަމުގައެވެ. އެހެންވީމާ މިގޮތް މޮރިޝަސްއިން މިހާރު ގަބޫލު ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމާއެކު އެންމެ ފުރަތަމަވެސް ރާމްގޫލަމް އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމަރއަށް ފޮނުއްވީ ސިޓީފުޅެކެވެ. އެދިވަޑައިގެންނެވީ ޑިއޭގޯ ގާރސިޔާގެ ކަންތައް އަލުން މުރާޖައާކޮށްދެއްވައި އިސްލާހުކޮށް ދެއްވުމަށެވެ. އެކަމަކު ކިއާރ ސްޓާމަރ ވިދާޅުވަނީ އަދި އެހެން ވާހަކަފުޅެކެވެ. އޭނާ ވިދާޅުވެއެވެ. އެއްބަސްވެވި ދެލިކޮޕީއާ ހަމައަށް ގެނެވިފައިވާ އެގްރިމެންޓަކީ މޮރިޝަސްއަށް ނުހަނު އިންސާފުވެރި އެގްރިމަންޓެކެވެ. އޭގައި ބަޔާންކުރެވިފައިވާ ނުގުތާތަކަށް މޮރިޝަސްގެ އައު ބޮޑުވަޒީރުވެސް ރުހިވަޑައިގަންނަވާކަމަށް ފެނެއެވެ.

މޮރިޝަސްގެ ކުރީގެ ސަރުކާރާއެކު އިނގިރޭސިވިލާތުން އެއްބަސްވުމެއް ހަދާފައިވިޔަސް މިހާރު ކަންކަން ނިއުޅެމުންދާ ގޮތުން ފޯޅަވަހީގެ މި އެއްބަސްވުން ތަންފީޒުކުރެވޭނޭ ކަމަށް ނުބެލެވެއެވެ. އެމެރިކާގެ ސަރުކާރުވެސް ވަނީ ބަދަލުވެފައެވެ. އައު ސަރުކާރުގެ ޚާރިޖީވަޒީރަކަށްވާނީ މާރކޯ ރޫބިއޯ ކަމަށް ބެލެވޭއިރު އޭނާ އެބަވިދާޅުވެއެވެ. މޮޔަނުވާށެވެ. މޮރިޝަސްއަކީ އެމެރިކާގެ ވާދަވެރިންނާ އިއްތިހާދުވެގެން އުޅޭ ގައުމެކެވެ. އެހެންވީމާ އަހަރެމެން ފޯޅަވައްސާއި ޑިއޭގޯ ގާރސިޔާ ދޫކޮށްލާކަށް ނެތީމެވެ. ތިޔަ އެއްބަސްވުން އިރައިލާށެވެ. ތިޔަ އެއްބަސްވުމަށް ރައީސް ޖޯ ބައިޑެން އޯކޭ ދެއްވިޔަސް އަހަރެމެން އެކަމެއް ނުކުރާނަމެވެ. އެމެރިކާގެ އައު ސަރުކާރުގެ ވިސްނުމަކީ މިއީކަމަށްވާނަމަ އިނގިރޭސި ސަރުކާރަށްވެސް ދެން އެހެންގޮތެެއް އޮންނާނެ ކަމަށް ނުބެލެވެއެވެ. ޑިއޭގޯ ގާރސިޔާވެސް ދޭންޖެހޭނެޔޭ ގޮވުންމަތީގައި މޮރިޝަސްގެ އައުސަރުކާރު ދެމިއޮވެ ހުޅުނބުދިޔައަސް އެކަން އެގޮތަށް ފަހިވެގެން ފުރިހަމަވެގެން އަންނާނެ ކަމަށް ނުބެލެވެއެވެ.

މިކަންކަން މިހެންވެދާނެ ކަމަށް ބަލައިގެން އިނގިރޭސިން އެންމެ ފުރަތަމަ ފޯޅަވަހި ދޫކޮށްލަން އެއްބަސްވީ ކީއްވެގެން ބާވައެވެ. މިއީ ވަރަށް ބޮޑު ސުވާލެކެވެ. އިނގިރޭސިވިލާތް ކުރީގައި އޮތީ ޔޫރަޕުގެ އިއްތިހާދުގައެވެ. ދާދިފަހުން އިނގިރޭސިވިލާތް ވަނީ އެ އިއްތިހާދުން ވަކިވެފައެވެ. ނަތީޖާއެއްގެ ގޮތުން ވިޔަފާރީގެ މުއާމަލާތްތަކުގައި ދުނިޔޭގެ އެކިއެކި ބްލޮކްތަކާއެކު ވަކި އެއްބަސްވުންތަކެއް ހަދަން އިނގިރޭސީންނަށް ވަނީ މަޖްބޫރުވެފައެވެ. އެފްރިކާއަކީ ދުނިޔޭގެ މިފަދަ އެންމެ ބޮޑު އެއް ބްލޮކެވެ. ޖުމްލަ 54 ގައުމު މި ބްލޮކްގައި ހިމެނެއެވެ. އެފްރިކާޔާއެކު އިނގިރޭސިންނަށް އައު ޑީލްތަކެއް ހެދެންއޮތީ އެފްރިކާ ބޭނުންވާ ކަންކަންވެސް ފުރިހަމަ ވެގެންނެވެ. މޮރިޝަސްއިން ފޯޅަވަހީގެ މައްޗަށް ކުރާ ދައުވާއަކީ އެފްރިކާގެ މިދެންނެވި ބްލޮކްގެ ތާއީދާއެކު ކުރާ ދައުވާއެކެވެ. އަދި މިކަމަށް އިންޑިޔާ އާއި އިންޑިޔާގެ ސެޓެލައިޓް ދައުލަތްތަކުންވެސް ތާއީދު ކުރެއެވެ. ފޯޅަވައްސަކީ ތާރީޚީ ގޮތުންވެސް އަދި އެނޫންގޮތަކުންވިޔަސް މޮރިޝަސްއާ ގުޅުމެއް ނެތްތަނަކަށްވިޔަސްމެއެވެ. މިކަން މިހެން އޮތީމާ ފޯޅަވަހި ނީލަމަށްލާން އެންމެފަހުން އެއްބަސްވީއެވެ.