ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖު ބާއްވާ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ފުޓްސަލް ރެފްރީން ތަމްރީނުކޮށް ރެފްރީންގެ ފެންވަރު ރަނގަޅު ކުރުމަށް ފުޓްސަލް ރެފްރީންގެ އެކަޑެމީއެއް އިއުލާނުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިއުލާނު ކުރި ފުޓްސަލް ރެފްރީ އެކަޑެމީއަކީ ރާއްޖޭގައި ފުޓްސަލް ރެފްރީންނަށް ހާއްސަކޮށް ފެށި އެފަދަ ފުރަތަމަ އެކަޑެމީއެވެ. އަދި ފުޓްސަލް ރެފްރީންނަށް ހާއްސަ ކޮށްގެން ފެށި ފުރަތަމަ މަސައްކަތް ވެސް މެއެވެ.
"ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްސަލް ރެފްރީންގެ އެކަޑެމީއެއް ހެދިގެން މިދިޔައީ. މި މަސައްކަތް މި ފެށީ ރެފްރީން ޑެވަލޮޕް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް. އަޅުގަނޑުމެން މި މަސައްކަތް ކުރަން ރާވާފައި ވަނީ އެފްއޭއެމްއާ ގުޅިގެން. މިހާރު ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނާއި ކޯޗުން ޑެވަލޮޕްވަމުން މިދަނީ، އެދާ ދިޔުމުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މި އިސްނެގީ ރެފްރީން އިތުރަށް ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް،" ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ "ވަން ސްޕޯޓްސް" އަށް ވިދާޅުވިއެވެ.
ފުޓްސަލް ރެފްރީންގެ އެކަޑެމީ އިއުލާނު ކުރުމަށް ގޯލްޑަންއިން ބޭއްވި ހާއްސަ އިވެންޓްގައި ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ރެފްރީންނާއި ރެފްރީންގެ ކަންތައްތައް އެންމެ ގާތުން ބަލަމުންދާ ކުރީގެ ފީފާ ރެފްރީ އަދި ކުޅިވަރުގެ ދާއިރާއިން ގައުމީ އިނާމު ހޯއްދަވާފައިވާ އަލީ ސަލީމް ވެސް ބައިވެރިވެލެއްވިއެވެ. އޭގެ އިތުރުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ އިސް ވެރިން ވެސް އެ އިވެންޓްގައި ބައިވެރިވެލެއްވިއެވެ.
ރިލުވާން އިތުރަށް ފާހަގަކުރެއްވީ ރެފްރީންނަށް ހާއްސަ އެކަޑެމީގެ މަސައްކަތް ރަސްމީކޮށް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ އަހަރު ކަމަށާއި އެކަޑެމީ އިއުލާނު ކުރީ ގޯލްޑަން ފުޓްސަލް ޗެލެންޖަށް އަމާޒުކޮށްގެން ނޫން ކަމަށެވެ. އަދި އެކަޑެމީގެ މަގުސަދަކީ އަލަށް ރެފްރީން ތަމްރީނު ކުރުމާއި މިހާރު ތިބި ރެފްރީން އިތުރަށް ކުރިއަރުވަން ފުރުސަތު ދިނުން ކަމަށްވެސް ރިލުވާން ވިދާޅުވިއެވެ.
"މިރޭވެސް ވަރަށް ގިނަ ކަންތައްތަކަކަށް މަޝްވަރާ ކުރެވިގެން ދިޔަ. އެގޮތުން ކޮންމެ އަހަރަކު ރެފްރީންނަށް ހާއްސަ ޓެސްޓެއް ބާއްވާ، ރެފްރީން ކެޓަގަރައިޒްކުރުމުގެ މަސައްކަތްތައްވެސް ކުރަން ވަނީ މަޝްވަރާކުރެވިފައި. އެހެންކަމުން މިހާރު އޮތް ގޮތުން ޓާގެޓަކީ ކޮންމެ އަހަރަކުވެސް ޓެސްޓް ޖެހުން،" ރިލުވާން އިތުރަށް ފާހަގަކުރެއްވިއެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނީ ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ، އެންމެ ވަރުގަދަ ފުޓްސަލް މުބާރާތް އިންތިޒާމުކުރާ ޖަމިއްޔާއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން މިއަހަރު ބޭއްވި މުބާރާތުގައި ޖުމުލަ 127 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެފައިވެއެވެ.
އެ މުބާރާތް ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތަށް ވެގެން ގޮސްފައިވާ އިރު، އަތޮޅު ތެރޭގެ ރަށްރަށުން ދުރާލާ މުބާރާތަށް ތައްޔާރުވެ، ސަޕޯޓަރުންގެ ފޯރި ކޮންމެ އަހަރަކު ވެސް ފެނިގެން ދަނީ ބޮޑު ކޮށެވެ. އެ މުބާރާތާ އެކު ކުޅުންތެރިންނަށް ފުޓްސަލްގެ ދާއިރާއަށް ވަންނަން ފަހި ފުރުސަތުތައް ތަނަވަސްވެ، ރަށްރަށުގެ މުބާރާތްތައް ވާދަވެރިވެގެން ގޮސްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ފުޓްސެލް ރެފްރީންގެ މަސައްކަތަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިސް ނެގި އިސް ނެގުމަކީ އިންގިލާބީ ބަދަލެއް ގެންނާނެ ފެށުމެއް ކަމަށް ރެފްރީން ވެސް ފާހަގަކޮށްފައިވެއެވެ. ހާއްސަކޮށް އެއީ ރެފްރީންގެ ފެންވަރު މައްޗަށް ޖެހި، ރާއްޖޭގެ ފުޓްސަލް ރެފްރީންނަށް ރަނގަޅު ބިންގަލެއް އެޅިގެންދާނެ މަސައްކަތެއް ކަމަށް ރެފްރީން ފާހަގަ ކުރެއެވެ.
"މިއީ ރެފްރީ ޑިވަލޮޕްމަންޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ބިންގަލެއް މިއުޅުނީ. މިދިޔަ ދުވަސްތަކުގައި އެފްއޭއެމްގެ ޒިންމާގެ ދަށުގައި ފުޓްސަލް ރެފްރީން ތިބި ނަމަވެސް، އެއްވެސް ވަރަކަށް ފަންކްޝަން ނުކުރެވި މިދިޔައީ. ދެން އަލީ ސަލީމް (ސައްލެ) އެކަމުގައި އިސްވެ ހުރެ، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އިސްނެގުމާ އެކު ވަރަށް މުހިއްމު ކަމެއް މި ފެށިގެން މިދިޔައީ. މި މަސައްކަތް އަންނަ އަހަރު ރަސްމީކޮށް ފެށޭނެ ކަމަށް މި ބަލަނީ،" ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ފުޓްސަލް ރެފްރީ އަހުމަދު މުނީރު (މުންނަ) "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
"އެކަޑެމީގެ ސަބަބުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ އެހީއާ އެކު އާ ރެފްރީން ފީލްޑަށް ނުކުތުމާއި ރާއްޖެއިން ބޭރުގެ މެޗުތަކުގައި ރެފްރީކަން ކުރަން ފުރުސަތު ހޯދައިދޭނެ ކަމަށް ރިލުވާން ވިދާޅުވެފައި ވަނީ. މިކަން ކުރިއަށް ގެންދަން ވިސްނާފައި ވަނީ އެއްވެސް މީހަކު ބާކީ ނުކޮށް، ހުރިހާ ރެފްރީންވެސް ޝާމިލުވާނެހެން. ދެން ރެފްރީން ކެޓަގަރައިޒް ކުރަން ކުރަން ޖެހޭ މަސައްކަތްތައް ވެސް ކޮށް، އެ ކަހަލަ މުހިއްމު މަސައްކަތްތަކެއް ކުރެވޭނެ. އެހެންވީމަ މިއީ ވަރަށް އުފާވެރި ވަގުތުކޮޅެއް،" މުންނަ ފާހަގަ ކުރިއެވެ.
ރެފްރީންގެ އެންމެ އިސް މީހެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުރީގެ ރެފްރީ ސައްލެވެސް ފާހަގަ ކުރީ ފުޓްސަލް، ރެފްރީންނަށް އިތުރު ފުރުސަތުތައް ލިބެން ޖެހޭ ކަމަށާއި އެ މަސައްކަތް ރެފްރީސް އެކަޑެމީން ކުރެވިދާނެ ކަމަށެވެ.
"ފުޓްސަލް ރެފްރީންގެ ކަންތަކުގައި ފުޓުބޯޅަ އެސޯސިއޭޝަނުން މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއް ނުވޭ. ފުޓްސަލް ލީގެއްވެސް ރާއްޖޭގަ އެއް ނެތް މިވީހާ ތަނަކަށް. ރާއްޖެއިން ބޭރުގެ އެއްވެސް ފުރުސަތެއް ފުޓްސަލް ރެފްރީންނަކަށް ލިބިފައެއް ނުވޭ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިސް ނަގައިގެން މި އުފެއްދި އެކަޑެމީއަކީ ރެފްރީން ޑިވަލޮޕްކުރުމަށް، އަދި ރާއްޖޭގެ މުބާރާތްތައް ޑެވަލޮޕްކުރުން އެއީ އެއް ބޭނުން،" ސައްލެ "ވަން ސްޕޯޓްސް" އަށް ބުންޏެވެ.
ސައްލެ ފާހަގަ ކުރީ މިހާރު ރެފްރީން ތިބެނީ ވަކި ބެޖެއްގައި ނޫން ކަމަށާއި ބައެއް ރެފްރީން އެފްއޭއެމް ބެޖުގައި ރެފްރީކަން ކުރި ނަމަވެސް، ރެފްރީންނަށް ރަސްމީ ހައިސިއްޔަތެއް ދޭން އޮތީ އުނދަގޫ މަގެއް ކަމަށެވެ. އެހެންކަމުން އެފްއޭއެމްއާ ގުޅިގެން ގޯލްޑަން ފުޓްސަލް ރެފްރީސް އެކަޑެމީން ކުރާ އެއް މަސައްކަތަށް، ރެފްރީން ގްރޭޑް ކުރުން ހިމެނޭނެ ކަމަށް ސައްލެ ފާހަގަ ކުރިއެވެ. ސައްލެ ބުނި ގޮތުގައި ސީނިއާ ރެފްރީންނަކީ ކޮބައިކަން އެނގެން ޖެހޭ ކަމަށާއި އެކަން ކުރަން އެކަޑެމީން މަސައްކަތް ކުރާނެ ކަމަށެވެ.
ސައްލެ އިތުރަށް ބުނީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ މަސައްކަތަކީ މުހިއްމު މަސައްކަތެއް ކަމަށާއި އެ އެސޯސިއޭޝަނަށް ލިބިފައިވާ ބޭރުގެ އެފިލިއޭޝަންތަކުގެ ސަބަބުން ރެފްރީންނަށް އިތުރު ފުރުސަތުތައް ހޯދައިދެވޭނެ ކަމަށެވެ.
"ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނަކީ ރާއްޖޭގައި ފުޓްސަލްއަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް އެސޯސިއޭޝަން. އެ އެސޯސިއޭޝަނަށް ބޭރުގެ ބައެއް އެފިލިއޭޝަންތައް މިހާރުވެސް އެބައޮތް ލިބިފައި. އެކިއެކި ޓްރެއިނުން ޕްރޮގްރާމްތަކާ އެއްޗެހި އެބަ ލިބޭ. އެހެންވީމާ އެކަމުގެ ފައިދާ ކުރާނެ ގޮތަކަށް މަސައްކަތް މި ފެށީ. އަދި މިކަން ރަސްމީ ހައިސިއްޔަތަކުން ކުރަން އެފްއޭއެމްގެ އުސޫލުތަކުގެ ތެރެއިން މަސައްކަތް ކުރާނީ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މި ކަހަލަ ކަމަކަށް އިސްނެގިކަން އެއީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް. މިކަމުގައި ފައިނޭންޝިއަލީވެސް އެހީތެރިވެ، މިކަން ހަވާލުކޮށްފައި އޮތީ ސީދާ ރެފްރީންގެ އަތް މައްޗަށް،" ސައްލެ ފާހަގަ ކުރިއެވެ.
ސައްލެ ބުނީ ޖޫނިއާ ރެފްރީންވެސް ފުޓްސަލް ތެރެއަށް ނެރެ، ރެފްރީން ވަކި އުސޫލެއްގައި ހިފެހެއްޓުން އެއީ ރެފްރީން އެކަޑެމީގެ މަސައްކަތެއް ކަމަށާއި މަސައްކަތަކީ ރެކްރޫޓްމަންޓްގެ މަސައްކަތެއް ކަމަށެވެ.
"ކޮލިޓީ ރެފްރީންނަކީ މަދު ބައެއް. ހާއްސަކޮށް ހުރިހާ ރެފްރީންނަކަށް އިހުތިރާމެއް ވެސް ނުލިބޭ، އެހެންވީމަ އަހަރެމެންގެ ޓާގެޓަކީ ފެންވަރު ރަނގަޅު، މީހުން ބަލައިގަންނަ ރެފްރީންނަށް ހުރިހާ ރެފްރީން ހެދުން،" ސައްލެ ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް