ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓްކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމަށް ރާއްޖެއިން ދެމުން އަންނަ ސީ-ޓު-އެއާ ކާގޯގެ ހިދުމަތުގެ ދަށުން 1،000 ޓަނުގެ މުދާ އެކްސްޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ، އެ ހިދުމަތަށް މިއަދު ވާޖިން އެޓްލާންޓިކް ގުޅިފައިވާ ކަމަށާއި އެއާއެކު ސީ-ޓު-އެއާ ކާގޯ ހިދުމަތުގައި ޖުމުލަ 12 އެއާލައިނަކުން ބައިވެރިވެފައިވާ ކަމަށެވެ. މިހާރު ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ހިދުމަތާ ގުޅިފައިވާ އެއާލައިންތަކަކީ؛
- ޓާކިޝް އެއާލައިންސް
- ގަތަރު އެއާވޭސް
- އެމިރޭޓްސް އެއާލައިން
- އިއްތިހާދު އެއާވޭސް
- އެރޯފްލޮޓް
- ނިއޯސް
- ގަލްފް އެއާ
- ޑިސްކަވާ އެއާލައިންސް
- އޮސްޓްރައިން އެއާލައިންސް
- ކޮންޑޯ
- ބްރިޓިޝް އެއާވޭސް
- ވާޖިން އެޓްލާންޓިކް
އެމްޕީއެލް އާއި އެމްއޭސީއެލްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ސީ-ޓު-އެއާ ކާގޯގެ ހިދުމަތް ފެށީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ ހިދުމަތުގެ ދަށުން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކޮށްފައިވަނީ ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގާމެންޓް ޝިޕްމަންޓްތަކެވެ.
އެމްއޭސީއެލް އިން ބުނީ، ސީ-ޓު-އެއާ ކާގޯ ހިދުމަތާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދެމުން އަންނަ ކާގޯގެ ހިދުމަތް އިތުރަށް ފުޅާވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިގުތިސާދަށް އެމްއޭސީއެލުން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނީ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ފުރިހަމަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެ ކުންފުނިން އަބްދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު