ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިއުގައި ބޭނުންކުރާ ޑީޕް ޓްރެކާއަކާއި އުސް އިމާރާތްތަކުގެ އަލިފާން ނިންވުމުގައި އެހީތެރިވެދިނުމަށް، ފެންޖެހުމަށް ބޭނުންކުރާ ޑްރޯނެއް ސްޓެލްކޯ އިން އެމްއެންޑީއެފްއަށް މިއަދު ހަދިޔާކޮށްފިއެވެ.

ބަންޑާރަކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑީޕް ޓްރެކާއާއި ޑްރޯން ސްޓެލްކޯގެ ފަރާތުން އެމްއެންޑީއެފްއަށް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، ހުސައިން ފަހުމީ އެވެ. އެމްއެންޑީއެފްގެ ފަރާތުން އެ ވަސީލަތްތަކާ ހަވާލުވެވަޑައިގެންނެވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

ސްޓެލްކޯ އިން ބުނީ އެމްއެންޑީއެފްއަށް ހަދިޔާކުރި އަލިފާން ނިއްވުމަށް ބޭނުންކުރެވޭ ޑްރޯންއަކީ ފެން ހޮޅި އާއެކު 200 މީޓަރު އުހަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯންއެއް ކަމަށެވެ.

ޑީޕް ޓެރެކާ އަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް ރޮބްޓިކް އާމްއެއްގެ އެހީ އާއެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ގާބިލުކަން ލިބިފައިވާ ވަސީލަތެއް ކަމަށްވެސް ބުންޏެވެ.