ސައުދީ އަރަބިއާއިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރަން ކޮށްފައިވާ ބިޑް އެވަލުއޭޓްކޮށް، އެވަލުއޭޝަން ރިޕޯޓު އާއްމުކޮށްފިއެވެ.

އޭޝިއާ ސަރަހައްދުގައި ބާއްވަން ނިންމާފައިވާ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ޝައުގުވެރިވެ ބިޑް ކޮށްފައިވާ ހަމައެކަނި ގައުމަކީ ސައުދީއެވެ. އެގައުމުން ކުރި ބިޑް އެވަލުއޭޓްކޮށް، ފީފާއިން ބަލަން ޖެހޭ މިންގަނޑުތަކަށް ބަލައި، އަންނަ މަސް ތެރޭގައި ރަސްމީކޮށް ފީފާއިން ނިންމުން ނިންމަން ވަނީ ތައްޔާރުވެފައެވެ.

ސައުދީގެ އިންސާނީ ހައްގުތައް އޮތް ހާލަތަށް ބައެއް ހުޅަނގުގެ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާ ނަމަވެސް، ފީފާއިން ސައުދީގެ ބިޑަށް ޖުމުލަކޮށް، 5 އަކުން 4.2 ގެ ސްކޯއެއް ދީފައިވެއެވެ. އެއީ މިހާތަނަށް ވޯލްޑް ކަޕް ބިޑަކަށް އެވަލުއޭޝަން ކޮމިޓީން ދީފައިވާ އެންމެ މަތީ ސްކޯއެވެ.

ފީފާގެ ރިޕޯޓުގައި ބުނީ ސައުދީގައި މުބާރާތް ބޭއްވުމުގައި އިންސާނީ ހައްގުތަކަށް އޮތް ނުރައްކާ މާ ބޮޑު ނޫން ކަމަށެވެ. އަދި އެ މުބާރާތުގެ ސަބަބުން އިންސާނީ ހައްގުތަކާ ގުޅުންހުރި މައްސަލަތައް ހައްލުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތް ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެހެން ބުނެފައި އޮތުމާއެކު މިހާރުވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރުމުގެ ނަމުގައި ހިންގަމުންދާ ޖަމިއްޔާތަކުން ވަނީ ފީފާގެ އެވަލުއޭޝަން ކޮމިޓީއަށް ފާޑު ކިޔައިފައެވެ.

ސައުދީން ވޯލްޑް ކަޕަށް އެތައް ސްޓޭޑިއަމްތަކެއް މަރާމާތުކޮށް، މުޅިން އާ ސިޓީ އޭރިއާއެއް ތަރައްގީ ކުރަން ނިންމާފައިވާ އިރު، އެކަންކަމަށް އަލިއަޅުވާލައި ރިޕޯޓުގައި ބުނީ، ކުރާ ހަރަދު ބޮޑު ނަމަވެސް ދެމެހެއްޓެނި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރަން ސައުދީން ވިސްނާފައިވާ ކަމަށެވެ. އަދި ތިމާވެއްޓާ ރަށްޓެހި ވޯލްޑް ކަޕަކަށް ސައުދީން ސަމާލުކަން ދީފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ސައުދީގެ ބިޑްގައި ވޯލްޑް ކަޕް ހޯސްޓް ކުރާނެ ތާރީހެއް ނިންމާފައެއް ނުވެއެވެ. އެގައުމަކީ ހޫނު މޫސުމުގައި 40 ޑިގްރޭ ސެލްޝިއަސްއަށް ހޫނުމިން މަތިވާ ގައުމަކަށްވީ އިރު، މުބާރާތް ބާއްވާނީ ފިނި މޫސުމުގައިތޯ، ނޫނީ ހޫނު މޫސުމުގައި ތޯ ނިންމަން އޮތީ ފީފާ އަތްމައްޗަށް ދޫކޮށްލައިފައެވެ.

އެހެން އެކަން އޮތް އިރު، ގިނަ ބައެއްގެ ނަޒަރުގައި ސައުދީގައި ވޯލްޑް ކަޕް ބާއްވާނީވެސް ގަތަރުގައި ބޭއްވި ދުވަސްވަރުއެވެ. އެއީ ސީޒަނުގެ މެދުތެރެއިން ޑިސެމްބަރު މަސް ތެރޭގައެވެ.

ސައުދީގެ ބިޑަށް ފުރިހަމަ މާކްސްއެއް ލިބިފައިވާ އިރު، ކުރިއަށް އޮތް 2026 ވަނަ އަހަރު ވޯލްޑް ކަޕަށްފަހު، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑް އެވަލުއޭޝަނަށް އެންމެ ބޮޑަށް މާކްސް ގެއްލިފައި ވަނީ ތިމާވެށީގެ މައްސަލަތަކަށެވެ. 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިނާ ޕޯޗުގަލް އަދި މޮރޮކޯގައި ބާއްވާ އިރު، އެ މުބާރާތުގެ ފުރަތަމަ ތިން މެޗު ކުޅޭނީ އުރުގުއާއީ، އާޖެންޓީނާ އަދި ޕެރަގުއާއީގައެވެ.

2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރަން ހުށަހަޅާފައިވާ ބިޑަށްވެސް އެކަށީގެންވާ ވަރަށް މާކްސް ލިބިފައިވާ ކަމަށް ފީފާގެ ރިޕޯޓުގައި ބުނެފައިވެއެވެ.