ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގދ. ތިނަދުއަށް ސިޓީގެ ދަރަޖަދިން އިރު، ސިޓީގެ ދަރަޖަ ދޭއިރު ހަމަވާން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ 10،000 މީހުން ހަމަނުވާ ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ.
އެ މައްސަލަ މަިޖިލީހަށް ހުށަހަޅާފައިވާކަން ހާމަކޮށް ފޭސްބުކް ޕޯސްޓެގަައި ސައުދު ވިދާޅުވެފައި ވަނީ، ގާނޫނުގައި ސިޓީގެ ދަރަޖަ ދެވޭ ރަށެއްގެ ރަޖިސްޓްރީ އާބާދީގައި މަދުވެގެން 10،000 މީހުން ހަމަވަންޖެހޭ ކަމަށް ލާޒިމް ކޮށްފައިވާ އިރު، ތިނަދޫގެ އާބާދީ އެ އަދަދަށް ނާރާ ކަމަށް ތުހުމަތު ކުރާ މައްސަލަ ބަލައިދޭން އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެސިޓީގައި މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ނުވަތަ ކޮމިޓީޓަކުން އެ މައްސަލަ ބަލައިދިނުމަށް އެދިފައިވާނެ ކަމަށްވެސް ސައުދު ވިދާޅުވެފައިވެއެވެ.
ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނާ ހިލާފު އެތައް ކަމެއް ހިންގި ކަމަށް ތުހުމަތުކޮށް، ތިނަދޫ ދެކުނު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން އެދެމުންދާ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
ތިނަދޫ ރަށު ކައުންސިލަށް އިންތިހާބުވި ރައީސް އަދި މޭޔަރު ކަމުގައި ހުންނެވި ސައުދު އަލީއަށް ގިނަ ތުހުމަތުތަކެއް ކޮށް، އެހާވަރަކުން ސިޓީގެ ދަރަޖަ ހޯދީ ބޮޑު ބްލޮކް ގްރާންޓެއް ހޯދައިގެން ވަކި ބަޔަކަށް ވަޒީފާ ދޭން ކަމަށްވެސް އެ ސީޓީގައި ބުނެފައިވެއެވެ.
އެ ބައްސަލަ ބަލައިދިނުމަށް އެދި ސައުދު މަޖިލީހަށް ހުށަހަޅާފައި މިވަނީ، ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާ ހިލާފަށް ކަަމަށް ބުނެ އެ ރަށަށް ދީފައިވާ ސިޓީގެ ދަަރަޖަ ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމާ ގުޅިގެން، ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދު، މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ 31 އޮގަސްޓް 2023ގަ އެވެ. އެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ތިނަދުއަށް ވަޑައިގެން ބޭއްވި ޕާޓީ ޖަލްސާއެއްގައެވެ.
ރައީސް ސޯލިހު ގދ. ތިނަދޫގައި ސިޓީއެއްގެ ދަރަޖަ ދެއްވިކަން އިއުލާން ކުރެއްވި އިރު ވެސް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ވެސް ދައްކަނީ ރަށުގެ ރަޖިސްޓްރީގައި ހިމެނެނީ 7،906 މީހުން ކަމަށެވެ.
ނަމަވެސް އޭގެ ފަހުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅުމަށް އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ތިނަދޫގެ ރަޖިސްޓްރީ އާބާދީއަކީ 10،150 އެވެ. އެއީ އެ ރަށުގެ އުތުރު ދާއިރާއަށް 5،076 މީހުން އަދި ދެކުނު ދާއިރާއަށް 5،074 މީހުން ކަމަށެވެ.
ކުރު މުއްދަތެއްގެ ތެރޭގައި އެ ރަށުގެ އާބާދީ އެހާ އަވަހަށް އިތުރުކުރި ގޮތަކާ މެދު އޭރު ވެސް ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެެވެ.
ޚަބަރު
ޚަބަރު
ޚަބަރު